• ރޭލުގައި އަލިފާން ރޯވީ ކައްކަން ބޭނުންކުރި އުނދުނެއްގެ ގޭސްފުޅި ގޮވައިގެން - އޮފިޝަލުން

ޕާކިސްތާނުގައި ދުއްވާފައިދިޔަ ރޭލެއްގެ ތެރޭގައި ގޭސްފުޅިއެއް ގޮވައި ރޭލުގައި އަލިފާން ރޯވެ ގާތްގަނޑަކަށް 65 މީހުން ފިހިގެން މަރުވެއްޖެއެވެ.

މިހާދިސާގައި އިތުރު ސާޅީސް ފަސްމީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ރޭލުގައި އަލިފާން ރޯވީ، ރޭލުން ދަތުރުކުރި ފަސިންޖަރުން ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށްޓައި ބޭނުންކުރި ޕޯޓަބަލް އުނދުންތަކުގެ ތެރެއިން އުނދުނެއްގެ ގޭސްފުޅިއެއް ގޮވައިގެން ކަމަށް ވެއެވެ.

މިހާދިސާގައި އަލިފާން ރޯވުމުގެ ސަބަބުން ރޭލުގެ ތިންބައި އެއްކޮށްވަނީ ހުޅުހިފައި އަނދާފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ރޭލަކީ، ޕާކިސްތާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މުލްޓާންގެ ލިއާގަތުޕޫރުގެ ތެރެއިންލާފައި ދަތުރުކޮށްފައި ދިޔަ ރޭލެއް ކަމަށް، ޕާކިސްތާނު ސަރުކާރުގެ ރެއިލްވޭޒް މިނިސްޓަރ ޝެއިޚް ރާޝިދު އަހްމަދު ވިދާޅުވިއެވެ.

ރޭލު ދަތުރުކުރީ، ކަރާޗީން ފުރައިގެން ރާވަލްޕިންޑީއަށް ދިއުމަށެވެ.

"އެއް އުނދުނުގެ ގޭސްފުޅި ގޮވައިގެން އަލިފާން ރޯވީ. އެއާއެކު އަނެއް އުނދުނުގެ ގޭސްފުޅިވެސް ގޮވީ. އަލިފާން ނިއްވާ މީހުން އެމީހުންގެ މަސައްކަތް ފުރިހަމަ ކޮށްފި. އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލް ކޮށްފައި" މިނިސްޓަރުގެ އޮފީހުގެ އޮފިޝަލް ފައިސަލް ނިއާޒް

މިހާދިސާގައި އަނިޔާވި މީހުން ގެންދެވުނު ހޮސްޕިޓަލުން ބުނެފައިވަނީ، މިހާދިސާގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށާއި، އެ ހޮސްޕިޓަލަށް ގެންދެވިފައިވާ އެންމެނަށް ގެއްލުން ވެފައިވަނީ އަލިފާނުގެ ސަބަބުން ކަމަށެވެ. އެ ހޮސްޕިޓަލުގައި ފިހިގެން އަނިޔާވާ މީހުންނަށް ފަރުވާ ދެވޭނެ ވަސީލަތް ނެތުމުން އެ ހުރިހާ އެންމެން ހެލިކޮޕްޓަރުގައި މުލްޓާންއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަލިފާން ރޯވެ އެނދި ރޭލުގެ ތިންބައިގެ ތެރެއިން ދެބައިގައި ފަސިންޖަރުން ތިބީ ތޮއްޖެހިފައެވެ. ހުއްދަ އޮންނަ ވަރަށްވުރެ ގިނައިން މީހުން ތިބީ އަރުވާފައެވެ.