އިންޑިއާއިން ވެރިކަން ކުރަމުން އައި ކަޝްމީރުގެ ފަޅި، ޖައްމޫ އެންޑް ކަޝްމީރަށް އިންޑިއާގެ ގާނޫނުއަސާސީން ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަނެ، ޖައްމޫ އެންޑް ކަޝްމީރު ދެބައިކޮށްލުމަށް އިންޑިއާގެ މައި ސަރުކާރުން މިއަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު ނިންމި ނިންމުން ރޭ މެންދަމުން ފެށިގެން ރަސްމީގޮތުން ތަންފީޒުކުރަން ފަށައިފިއެވެ.

މިކަމާހެދި، ކުރިންވެސް ވަރަށްބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ ޖައްމޫ އެންޑް ކަޝްމީރުގެ ފިހާރަތަކާއި އޮފީސްތައްވެސް މިއަދު ހުރީ ބަންދުކޮށްފައެވެ. މަގުތަކުންވެސް މީހަކު ނުފެންނަ ކަމަށް ވެއެވެ.

އިންޑިއާއިން ވެރިކަން ކުރަމުން އައި ކަޝްމީރުގެ ފަޅިއަށް އަތްގަދަކޮށް އިތުރަށް ވެރިވެގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިންމެވި ނިންމެވުމާ ގުޅިގެން ކަޝްމީރު ރައްޔިތުންގެ މެދުގައި އިހުނަށްވުރެ ރުޅިވެރިކަން އިތުރުވެ ދެކޮޅުވެރިކަންވެސް ފެންނަމުން ގޮސްފައި ވެއެވެ.

މޯދީގެ ސަރުކާރުން ނިންމި ނިންމުމަށް ރޭގައި އަމަލުކުރަން ފެށުމާއެކު، ޖައްމޫ އެންޑް ކަޝްމީރު ކުރިން ސްޓޭޓެއްގެ ގޮތުގައި އޮތް ނަމަވެސް އެ ހައިސިއްޔަތު މިހާރުވަނީ ގެއްލިފައެވެ.

އިންޑިއާ ސަރުކާރުން މިވަނީ ޖައްމޫ އެންޑް ކަޝްމީރު ދެބައިކޮށް، ދެ ޔޫނިއަން ސަރަހައްދު ހަދާފައެވެ. އެއް ސަރަހައްދަށް ކިޔަނީ ޖައްމޫ އެންޑް ކަޝްމީރެވެ. އަނެއް ސަރަހައްދަށް ކިޔަނީ ލަދާޚްއެވެ. އެއީ، ޖައްމޫ އެންޑް ކަޝްމީރުގައި ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދެވެ.

ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް ރޫޅާލުމަށްފަހު އިންޑިއާ ސަރުކާރުން ހެދި ދެ ޔޫނިއަން ޓެރިޓަރީގެ ޗާޓް:

ޖައްމޫ އެންޑް ކަޝްމީރު ދެބައިކޮށް ދެ ޔޫނިއަން ސަރަހައްދުގެ ގޮތުގައި ކަނޑައެޅި އެއަށް ރެއިން ފެށިގެން އަމަލުކުރަން ފެށުމާއެކު، އެ ދެ ސަރަހައްދުގައިވެސް ދެން ސީދާ ވެރިކަންކުރާނީ މައި ސަރުކާރުންނެވެ.

ޚަބަރު ލިބޭގޮތުގައި، އަލަށް ގާއިމްކުރި ދެ ސަރަހައްދަށް އިންޑިއާ ސަރުކާރުން އަލަށް އައްޔަން ކުރި ދެ ގަވަރުނަރުން މިއަދުގެ ވަގުތެއްގައި ވަނީ މަގާމުގެ ހުވާވެސް ކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް އުވާލުމުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ބެލެވެނީ ބިން މިލްކުކުރުމުގެ މައްސަލާގައި ކަމަށް ބެލެވިފައި ވެއެވެ.

ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތަކަށް މެނުވީ، އެ ސްޓޭޓުން ބިން މިލްކުކުރުމުގެ ހައްގެއް، އިންޑިއާގެ ގާނޫނުއަސާސީން މީގެކުރިން ދީފައެއް ނުވެއެވެ. އެއީ، އެ ސްޓޭޓަށް އޮތް ޚާއްސަ ހައްގެކެވެ. އެހެން ނަމަވެސް، ގާނޫނުއަސާސީގެ އެ މާއްދާ މިވަނީ އުވާލާފައެވެ.

"ހުރިހާކަމެއް މިއަދުން ފެށިގެން ބަދަލުވެއްޖެ. މުޅި މިކަންތައްގަނޑަކީ ގާނޫނުއަސާސީއާ ޚިލާފް ކަންތައްތަކެއް. މިކަން ކޮށްފައިމިވަނީ ޑިކޮމްރަސީގެ އުސޫލުތަކާ ޚިލާފަށް. ކަޝްމީރުގެ ރައްޔިތުން ވަނީ ރުޅިއަރުވާފައި. އެމީހުންނާ އެއްވެސް މަޝްވަރާއެއް ނުކުރޭ" އިންޑިއާ ޕާލަމެންޓް މެމްބަރު ހަސްނައިން މަސްއޫދީ

ޖައްމޫ އެންޑް ކަޝްމީރު ރައްޔިތުންގެ އުންމީދުތައް މިހާރު އޮތީ އިންޑިއާގެ ސުޕްރީމް ކޯޓާ ހިސާބުގައެވެ. މޯދީގެ ސަރުކާރުން ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް ރޫޅާލި މައްސަލަ މިޙާރުވަނީ ސުޕްރީމް ކޯޓަށް ވައްދާފައެވެ.

މިމައްސަލައިގެ އަޑުއެހުންތައް މިފެށޭ ނޮވެމްބަރު މަހުގެ ކުރީކޮޅު ފެށުމަށް ތާވަލް ކޮށްފައިވާއިރު، މިމައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަން މަސްތަކެއް ނަގާނެ ކަމަށް ބެލެވިފައި ވެއެވެ.

ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަތުމަށްފަހު އިންޑިއާ ސަރުކާރުން އޮގަސްޓް 5 ގެ ފަހުން އަދިވެސް އޮތީ ކާފިއު ހިންގައި، މުވާސަލާތީ ގުޅުމާއި އިންޓަރނެޓް ކަނޑާލާފައެވެ. އަދި މުޅި ސަރަހައްދުގެ 12.5 މިލިއަން މީހުން ބަލަމުން އައި ކޭބަލް ޓީވީގެ ޚިދުމަތްވެސް އަދިވެސް އޮތީ ކަނޑާލާފައެވެ.

ނުވިތާކަށް، ޖައްމޫ އެންޑް ކަޝްމީރުގެ އެތައްސަތޭކަ ސިޔާސީ ލީޑަރުން ހައްޔަރުކޮށް ގޭގައާއި ޖަލުގައި ބަންދުކޮށް، އާންމުންގެ އެތައްހާސް މީހުން ހައްޔަރު ކޮށްގެން އިންޑިއާގެ އެކި ސްޓޭޓްތަކުގެ ޖަލުތަކަށް ވަނީ ލާފައެވެ. އާންމުންގެ ހަތަރުހާހަށްވުރެ ގިނަމީހުން ހައްޔަރުކޮށް ޖަލަށް ލާފައި ވާއިރު އޭގެ ތެރޭގައި ގިނައީ ޒުވާން ފިރިހެނުންނެވެ.

އިންޑިއާ ސަރުކާރުން ޖައްމޫ އެންޑް ކަޝްމީރު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އެއްވެސް އިހްތިރާމެއް ކުރުމެއްނެތި މުޅި ސްޓޭޓް ބަންދުކޮށް ހިސާރުކުރުމުގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރިތަކާއި ސްކޫލްތައް ބަންދުކޮށް، އާންމު ރައްޔިތުން އަދިވެސްތިބީ ވަރަށް ބޮޑު ނާއުންމީދެއްގައެވެ.

ބައިނަލްއަގްވާމީ މުޖުތަމައުގެ ކުށްވެރިކުރުންތަކާއި ފިއްތުންތަކުގެ ސަބަބުން ބައެއް ކަހަލަ ލުއިތައް ދޭން ފެށި ނަމަވެސް، އަދިވެސް ހާލަތު އޮތީ ކުރީގެ ގޮތަށެވެ.