ވިޔަފާރީގެ ފައިދާ ނުހޯދޭ އެންމެ ބޮޑު ސަބަބަކީ ސަރުކާރުތަކުން ވިޔަފާރިކުރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގއ. ވިލިގިލީގައި ކުރިއަށްދާ ދެކުނު މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވިޔަފާރިއެއްގެ އެންމެ ބޮޑު އަސާސަކީ އެވިޔަފާރިއަކުން ހޯދާ ފައިސާ ކަމަށެވެ. ނަމަވެސް ސަރުކާރުން ވިޔަފާރިތަކުގެ ތެރެއަށް ވަނުމުން އެވިޔަފާރިތަކަށް ހުރަސް އެޅޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަރުކާރުތަކުން ވިޔަފާރިއަށް ވަނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމނަިކުފާނު ގެންގުޅުއްވާ ތަރައްގީގެ ވިސްނުންފުޅު ހިއްސާ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އޮބެހެއްޓުމާއި ހިފެހެއްޓުމަކީ ހަގީގީ ތަރައްގީގެ އުސޫލެއް ނޫން ކަމަށެވެ. އަދި ގިނަ ބަނދަރުތަކާއި، މަގުތަކާއި، އިމާރާތްތައް ހެދުމަކީވެސް ތަރައްގީ ނޫން ކަމަށާއި އޭގެ ބަދަލުގައި ތަރައްގީއަކީ އަމިއްލައަށް ހޯދާ ތަނަވަސްކަން ނުވަތަ ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާ އިތުރުވުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެފަދަ ތަރައްގީއެއް އިރާދަކުރެއްވިއްޔާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ހޯދައިދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެެވެ.
ރަށެއްގައި ހުންނަ ހުރިހާ މުދަލެއްވެސް ރަށު ކައުންސިލުގެ މިލްކިއްޔާތުގެ ދަށަށް ދާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ހަމަ މިއުސޫލު އަތޮޅު ކައުންސިލަށްވެސް ހިނގަންވާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ރަށްތަކުގައި ހިދުމަތް ދިނުމަށް އެންމެ ފުރަތަމަ ދަރަޖައިގެ މަސްއޫލިއްޔަތު އޮތީ ކައުންސިލްތަކުގައިކަން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް އެކަން ކުރުމަށް ގުދުރަތީ ވަސީލަތްތަކާއި، މާލީ ތަނަވަސްކަމާއި، އިދާރީ މިނިވަންކަން މިބެންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިންވެސް ރަށްތަކުގައި ކުރަންޖެހޭ ހުރިހާ ތަރައްގީގެ މަސައްކަަތެއް ކުރީ ހަމަ ދިވެހި ރައްޔިތުންކަން ފާހަގަ ކުރައްވައި މިހާރު އެމަސައްކަތް ކައުންސިލްތަކަށް ވަކި ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ކައުންސިލްތަކަށް މާލީ ބާރުވެރިކަމާއި، އިދާރީ މިނިވަންކަން ދިނުމުން ކޮރަޕްޝަނަށް މަގުފަހިވާނެކަމަށް ވިދާޅުވާ ފަރާތްތަކަށްވެސް ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން "ކޮރަޕްޝަންވެސް ލާމަރުކަޒު ކުރުމުން" ރަނގަޅުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.