ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި އިތުރު ދެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅުން އައްޔަން ކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބޭފުޅުން އައްޔަންކުރައްވާފައި ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގެ އިތުރަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށެވެ.

އެގޮތުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުޙުﷲ ޖަމީލް އައްޔަން ކުރައްވާފައިވާއިރު، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އަސްމާ ޝަފީޢުއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވި ފަތުހުﷲ ޖަމީލަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2003 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފަތުޙުﷲ ޖަމީލް އެންމެ ފަހުން އަދާކުރައްވާފައިވަނީ ދިރާގުގެ މެނޭޖަރ ޓެކްސް، ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަޤާމެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރައްވާފައިވާ އަސްމާ ޝަފީޢު ވަނީ 1999 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި އޮޑިޓާއި އެކައުންޓިންއާއި ގުޅޭ އެކި މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައެވެ. މިގޮތުން އަސްމާ އެންމެ ފަހުން އަދާކުރައްވާފައިވަނީ މީރާގެ ޑިރެކްޓަރ ޖެނެރަލް، ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓުގެ މަޤާމެވެ.

މި ދެމަގާމުގެ އިތުރަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށްވެސް ބޭފުޅަކު އައްޔަންކުރައްވާފައި ވާއިރު އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ޙުސައިން ފިޔާޒު މޫސާއެވެ. އެނާއަކީ 2000 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގެ އެކިފަންތީގެ މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ފިޔާޒު އެންމެފަހުން އަދާކުރައްވާފައިވާ ވަޒީފާއަކީ ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަޤާމެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅުން ޢައްޔަން ކުރައްވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިމިވަނީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ.

މި ތިން މަގާމަށްވެސް ބޭފުޅުން އައްޔަން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި މަޖިލީހުން ރުހުން ހޯއްދަވައިގެންނެވެ.