ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް ގައުމީ ފެންވަރުގައި ބާއްވައިފިއެވެ.

މި ފޯރަމް މިއަދު ބާއްވާފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.

މި ފޯރަމްގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަައްމަދު ސޯލިހުއެވެ. މި ފޯރަމްގައި ރާއްޖޭގައި ފައިނޭންސްގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ.

މި ފޯރަމްއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޑެޕިއުޓީ މެނޭޖަރ އަނިލް އާދަމް ވިދާޅުވީ މިފަދަ ފޯރަމެއް ބެއްވުމުގެ މައިގަނޑު މަގްސަދަކީ ކެޕިޓަލް މާކެޓް ސްޓޭކްހޯލްޑަރުން އެއްތަނަކުން ބައްދަލުކޮށް، ކެޕިޓަލް މާކެޓް އިތުރަށް ތަރައްގީކޮށް، ފުޅާކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމާއި، އެކަންކަމަށް އަމަލީސިފަ ގެނައުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު މަސަކަތްކުރުމުގެ މަގުފަހިކުރުން ކަަމަށެވެ.

އަދި ރާއްޖޭގެ ކެޕިޓަލް މާކެޓް، ދައުލަތާއި އަދިވެސް އެހެނިހެން ވިޔަފާރި ކުންފުނިތައް ގުޅިގެން ކުރިއެރުވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށްވެސް އަނިލް ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ މިފޯރަމްއިން ރާއްޖޭގެ ކެޕިޓަލް ކުރިއެރުވޭނެ ގިނަ ގޮތްތޮތާ ގުޅޭ މައުލޫމާތު ލިބިގެންދިޔަ ކަމަށާއި، މި މައުލޫމާތުތަކަށް ރިއާޔަތްކޮށް ކަރުދާހެއް އެކުލަވާލާނެ ކަމުގައެވެ. މިކަރުދާސް އެކުލަވާލުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މިދާއިރާ ކުރިއެރުވޭނެ ގޮތްތައް ބަލާނެ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.

އަނިލް އިތުރަށް ވިދާޅުވީ މިފޯރަމް ގައުމީ ފެންވަރުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ނަަމަވެސް މިފޯރަމް ކޮންމެ އަހަރަކުވެސް އެއް ފަހަަރު ބައްވަން ނިންމާފައިވާ ކަމަށެވެ. މިފަހަރު ލިބުނު ތަޖުރިބާގެ އަލީގައި ދެން ފޯރަމް ބާއްވާއިރު ތަފާތު ގޮތަކަށް ބާއްވަން މަސައްކަތް ކުރާނެ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ފެށި މިފޯރަމަކީ ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމެވެ.

މި ފޯރަމުގައި ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ކެޕިޓަލް މާކެޓްގައި ޝާމިލުވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ދާއިރާއާއި ގުޅުންހުރި ރާއްޖެއިން ބޭރުގެ މާހިރެއްގެ މަޝްވަރާތަކާ ހުށަހެޅުންތައް މި ފޯރުމުގައި ކުރިއަށްގެންގޮސްފައި ވެއެވެ.