ބަވަނަވެފައިވާ ދުނިޔޭގައި ޓެރަރިޒަމްގެ ނުރައްކާ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ވަނީ ފޯރާފައެވެ. މިގޮތުން ރާއްޖެއަށް ވެސް މިކަމުގެ ނުރައްކާ އޮތުމުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނެއް އެންމެ ފުރަތަމަ އެކުލަވާލައި އަމަލުކުރަން ފެށުނީ 1990 ވަނަ އަހަރުއެވެ. ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންގެ ވައްޓަފާޅިއާއި އުކުޅުތައް ޒަމާނާއެކު ބަދަލުވެ، އެކަމުގެ ބިރު ރާއްޖެއަށް ބޮޑުވަމުން އަންނާތީ 2015 ވަނަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ އެކަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 28 އޮކްޓޫބަރު 2015 ގައި އައު ގާނޫނަށް އަމަލުކުރަން ފެށީ ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދާ ދިވެހިންގެ އަދަދު ވަރަށް ހަލުވިކަމާއެކު އިތުރުވަމުން އަންނަ ކަމަށް އދ.އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނިކޮށެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ޖިނާއީ ބޮޑު ކުށެއް ކަމަށް ކަނޑައަޅައި އޭރު ފާސްކުރި ގާނޫނަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން ދަނީ އަމަލުކުރަމުންނެވެ. މިފަހަރު ގެނައި ބަދަލުތަކާއެކު އެންމެ ފާހަގަވެގެންދިޔަ ކަމަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަނޑައަޅައި އާންމުކުރުމެވެ. މިގޮތުން އާންމުކުރި ލިސްޓުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި 17 ޖަމާއަތެއް ވަނީ ހިމަނާފައެވެ. ގާނޫނަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ ކުރިން މި ލިސްޓު އާންމުކޮށްފައިވާއިރު، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަކީ ގާނޫނުގެ ދަށުން އާންމުކުރުން ލާޒިމު ލިސްޓެކެވެ.

ގާނޫނުގެ 39 ވަނަ މާއްދާގައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށެވެ. ގާނޫނުގައި މިބުނާ މުއްދަތު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަށް ހަމަވެފައި ވަނިކޮށް، ބުރަސްފަތި ދުވަހު މިވަނީ ކުރިން އާންމުކުރި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް ބަދަލުތަކެއް ގެނެސް، އަދި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅައި އިއުލާންކޮށްފައެވެ.

ސީރިޔާ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ބުނާ ދިވެއްސެއް

ސަރުކާރުން މިހާރު އާންމުކޮށްފައިވާ ލިސްޓުގައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި އިތުރު ދެ ޖަމާއަތެއް ހިމަނާފައެވެ. އެއީ ހައިއަތު ތަހްރީރު އަލްޝާމް އާއި ހުއްރާސް އައްދީން ޖަމާއަތެވެ. ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ސީރިޔާގެ ހުރިހާ ސަރަހައްދެކެވެ.

ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު

ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެ މާއްދާގެ (ށ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު، މަދުވެގެން ކޮންމެ 12 މަހަކުން އެއްފަހަރު މުރާޖައާކުރަންވާނެ ކަމަށެވެ. އަދި މުރާޖައާކުރުމަށްފަހު، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާއާއެކު އެ ލިސްޓުތަކަށް އުނިއިތުރު ގެނައުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް އެ މައްދާގެ (ނ) ގައި ވެއެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ޖުމުލަ 19 ޖަމާއަތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ސީރިޔާގެ ހުރިހާ ސަރަހައްދެއް ކަނޑައަޅައި އާންމުކޮށްފައިވާއިރު، ވައިލެންޓް އެކްސްޓްރީމިޒަމް ހުއްޓުވުމާބެހޭ ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވަނީ މަސައްކަތް ފަށާފައެވެ. އަދި އެ ޕްލޭންގައި ހިމަނާނެ ކަންކަމާމެދު ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފަައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

އޮކްޓޫބަރު 10 ގައި ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވާ ގާނޫނުގައިވާގޮތުން، ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރަން އުޅޭކަމުގެ ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރަކާނުލައި ހައްޔަރުކޮށް، ބަލައިފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިދެއެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރަން ރާވާ މީހާ ހައްޔަރުކުރަން ވެސް ކޯޓު އަމުރެއް ހޯދާކަށް ނުޖެހެއެވެ.

މިފަދަ މީހުން ހައްޔަރުކުރުމަށް ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބިދިފައި ވަނިކޮށް އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް މީހުން ފޮނުވުމުގައި އިސްކޮށް އުޅޭކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެވެ. މިއީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވައި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތު ފުލުހުން ވަނީ އެމީހާއަށް ކޮށްފައެވެ. ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި މިއީ އައު ގާނޫނުގެ ދަށުން ހައްޔަރުކުރެވުނު މިފަދަ ފުރަތަމަ މީހާއެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދިވެހިން ދިއުމުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ސީރިޔާގެ ހުރިހާ ސަރަހައްދަކީ ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ދިވެހި ސަރުކާރުން ކަނޑައަޅާފައިވާއިރު، 2015 ވަނަ އަހަރު އދ.އިން ނެރުނު ރިޕޯޓުގައި ސިރިޔާ ހަނގުރާމައަށް ދިވެހިންގެ ތެރެއިން 200 އަށްވުރެ ގިނަ މީހުން ގޮސްފައިވާ ކަަމަށް ބުނެފައިވެއެވެ.

ހަނގުރާމައަށް ދިޔަ ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ގުޅުންހުރި ފަރާތްތަކުން ހާމަކޮށްފައި ވީނަމަވެސް، މަރުވި މީހުންގެ ސީދާ އަދަދެއް ވެސް އަދި ހަނގުރާމައަށް ދިޔަ މީހުންގެ ސީދާ އަދަދެއް ވެސް ރަސްމީ ފަރާތަކުން ހާމައެއް ނުކުރެއެވެ. ބޭރުގެ ހަނގުރާމަތަކަށް ކުޑަކުދިންނާއި އަންހެނުން ގޮވައިގެން އެތައް ބަޔަކު ދަތުރުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ތިބީ ހާލުގައި ޖެހިފައެވެ.