ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި ޗައިނާއާއި ރާއްޖެއާއި އޮތް ގުޅުން ހީނަރުވި ނަމަވެސް މިހާރު ގުޅުން ރަނގަޅުވެފައިވާކަން ޗައިނާއިން ރާއްޖެއަންނަ ފަތުރުވެރިން އިތުރުވުމުން ހާމަވެގެންދާ ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެފައިވާ ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސީދާ ފިޔަވަޅު އެޅުމަށް ދެގައުމުގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި މިސަރުކާރުން ބައިވެރިވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހިރާއްޖޭގެ އިގްތިސާދު އޭގެ މައްޗަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ދާއިރާ ކަމުގައިވާއިރު މިދާއިރާއަށް އެންމެ ބޮޑު ކުރިއެރުމެއް މިހާރު ލިބެމުންދަނީ ޗައިނާގެ ސަބަބުން ކަމަށެވެ.

އެގޮތުން ކައިރި މާޒީގައި ރާއްޖެއާއި ޗައިނާއައި އޮތް ގުޅުން ހީނަރުވެ އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން މަދުވެފައިވީ ނަމަވެސް މިހާރު އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

ޗައިނާ ފަތުރުވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ބާއްވާ ބައްދަލުވުން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން 2015 ވަނަ އަހަރުން ފެށިގެން ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ދަށްވެފައިވާތީ މި ސަރުކާރުންވެސް އަންނަނީ މިކަން ހައްލުކޮށް ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު 283،116 ޗައިނާ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޗައިނާ ރައްޔިތުން ފަތުރުވެރިކަމަށް ޚިޔާރުކުރައްވާ މެއިން ޑެސްޓިނޭޝަންއަކަށް ދިވެހިރާއްޖެ ޚިޔާރުކުރައްވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ޗައިނާ ފަތުރުވެރިންގެ އެވެ. އެގޮތުން ކޮންމެ އަހަރަކު ރާއްޖެ އަންނަ ފަތުރުވެރިންގެ 20 އިންސައްތައަކީ ޗައިނާ މީހުންނެވެ.

އެހެންނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން 2015 ވަނަ އަހަރުން ފެށިގެން އަހަރަކަށް ފަހު އަހަރެއް ޗައިނާ ފަތުރުވެރިން އަންނަ މިންވަރު ދަނީ ދަށަށް ދަމުންނެވެ. އެކަން ހައްލު ކުރުމަށް ސަރުކާރުން ތަފާތު މަސައްކަތްތައް ވަނީ ފަށައިފައެވެ.

ޗައިނާ ފަތުރުވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ބާއްވާ ބައްދަލުވުން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސީދާ ފިޔަވަޅު އެޅުމަށް ދެގައުމުގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިމިދިޔަ ސަރުކާރުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުމަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ މި ބައްދަލުވުންތައް ފެށި ފަހުން ޗައިނާ ފަތުރުވެރިންނަށް ދިމާވާ ހާދިސާތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި މި ބައްދަލުވުންތަކުގެ ނަތީޖާ މިއަށްވުރެވެސް ރަނގަޅަށް ފެންނަން ފަށާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.