ސްޕެއިންގެ ލަލީގާގައި ވާދަކުރާ ސެލްޓަވީގޯ ޓީމުގެ ޖާޒީގައި ރާއްޖެ އިސްތިހާރު ކުރަން ނިންމައިފިއެވެ.
ސެލްޓަވީގޯ ޖާޒީގައި އިސްތިހާރު ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މިރޭ ސްޕެއިނަށް ފުރާވަޑައިގެންފައެވެ.
ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާސެލޯނާ އާއި ސެލްޓަވީގޯ ބައްދަލުކުރާ މެޗުގައި ސަލްޓަވީގޯ މެޗަށް ނިކުންނާނީ ދިވެހިރާއްޖޭގެ އިޝްތިހާރު ޖެހި ޖާޒީގައި ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ރާއްޖެ އިސްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސްގެ ލޯގޯ ޖަހާނީ ކުޅުންތެރިންގެ އޮފިޝަލް ޖާޒީގައާއި ޓްރެއިނިން ޖާޒީއާއި ސްޓާފް ޓްރެއިނިން ޖާޒީގައި ކަމަށެވެ. އަދި ފިހާރަތަކުގައި ވިއްކަން ބެހެއްޓިފައި ހުރި ސެލްޓަވީގޯގެ ޖާޒީގައާއި ކްލަބް ދަތުރުކުރާ ބަހުގައިވެސް ރާއްޖެ އިސްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސް ލޯގޯ ބޭނުންކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރަށް މި އެއްބަސްވުމުގެ ދަށުން ސެލްޓަވީގޯގެ އޮފިޝަލް ސްޕޮންސާ އާއި އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން އަށް ރާއްޖެ ވެގެންދާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ސެލްޓަވީގޯ ސްޓޭޑިއަމްގައިވެސް ރާއްޖެ އިސްތިހާރު ކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރަށް މި އެއްބަސްވުމުގެ ދަށުން ސެލްޓަވީގޯއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކްލަބުގެ ކުޅުންތެރިން ރާއްޖެ އިސްތިހާރުކުރުމަށް ބޭނުންކުރާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން މިހުރިހާ ކަމަކަށް ޓެކްސްއާއި ވީއައިޓީއާއި އެކު 996000 (ނުވަލައްކަ ނުވަދިހަ ހަހާސް) ރުފިޔާ އަހަރަކު ދައްކަން ޖެހޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ހެދޭ އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރާނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.
ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ލަންޑަންގައި ނޮވެމްބަރު 4 އިން 6 އަށް އޮންނަ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ފެއާގައި ބައިވެރިވުމަށް ވަޑައިގަންނަވާނެއެވެ.