މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ފުލުހުން ޔޫތު މިނިސްޓްރީއަށް އަންގައިފިއެވެ.

ފުލުހުން މިރޭ ބުނީ އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްުގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑުކިޔާފައިވާކަން ފާހަގަވެފައިވާ ކަމަށާއި ދީނަށާއި ރަސޫލާއަށް ވެސް އެ ރިޕޯޓުގައި ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި އެކަން ޔޫތު މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް އެކަމާއި ގުޅުންހުރި އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ތަހުގީގަށްފަހު ދީނާ ޚިލާފު ވާހަކަތައް ރިޕޯޓުގައި ހުރިކަން ފުލުހުން ޔޫތު މިނިސްޓްރީއަށް އަންގާފައިވާއިރު މިމައްސަލައިގެ ތަހުގީގަށް ފުލުހުންވަނީ ޖަމިއްޔާގެ މައްސޫލުވެރިންނާއި ރިޕޯޓު އެކުލަވާލުމުގައި ޝާމިލުވާ ބައެއް މީހުންވެސް ހޯދާފައެވެ.

ޖަމިއްޔާތަކާބެހޭ ގާނޫނުގައިވާ ގޮތުން ކޯޓުގެ އަމުރަކުން ޖަމިއްޔާތައް އުވާލެވެއެވެ. އަދި ކޯޓުގެ އަމުރަކާ ނުލައިވެސް ޖަމިއްޔާ އުވާލުމުގެ އިޚްތިޔާރު ރަޖިސްޓްރާއަށް ލިބިގެންވެއެވެ.

ގާނޫނުގައި ބުނާގޮތުން ޖަމިއްޔާއެއް ހިންގަނީ ޣައިރުގާނޫނީ މަގްސަދަކަށްޓަކައިކަން ޝަރީއަތަށް ސާބިތުވުމުން ނުވަތަ އެ ނޫންވެސް ސަބަބަކަށްޓަކައި ޖަމިއްޔާއެއް އުވާލަން ކަމާބެހޭ ކޯޓަކުން އަމުރުކޮށްފިނަމަ ދަރަންޏާއި މުދަލުގެ ކަންކަން ހަމަޖައްސަން މުއްދަތެއް ދިނުމަށް ފަހު ރަޖިސްޓްރާ، އެ ޖަމިއްޔާއެއް އުވާލަން ޖެހެއެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލަ ހޫނުވުމާއެކު މިމަހު ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އެދެވޭ ފިޔަވަޅު އެޅުން ލަސްވާތީ މި މައްސަލައާއި ގުޅިގެން އެމްޑީއެން އުވާލަން އާންމުންނާއި ބައެއް ދީނީ އިލްމުވެރިން ގޮވާލައި އެކި ރަށްރަށާއި މާލޭގައިވެސް މިކަމާއި ގުޅިގެން އެއްވުންތައް ބާއްވާފައިވެއެވެ.