އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ބަނގުރޫޓުވަނީއޭ ކިޔާ ދައްކަނީ ދޮގު ވާހަކަަތަކެއްކަމަށް އެކުންފުނިން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، އައިއޭއެސް ބަނގުރޫޓުވަނީ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދަން ބަޔަކު ރާވައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންބައެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ޖެނިފާ ވިދާޅުވީ، އެ ކުންފުނިން ހިންގަވަން އިސްކޮށް ތިއްބެވީ އެތައް އަހަރަކު އެކުންފުނީގައި މަސައްކަތް ކުރައްވާފައި ތިއްބެވި މަސައްކަތުގެ ތަޖުރިބާ ލިބިފައިހުރި ފަރާތްތައް ކަމަށެެވެ. އައިއޭއެސްގައި ހުރިހާ މަސައްކަތްތަކެއް ކުރަނީ ބަޖެޓުކޮށް އެބަޖެޓުގެ ތެރެއިން ކަމަށް ވުމުން ބަނގުރޫޓުވުމުގެ މަންޒަރު ނުފެންނަ ކަމަށެވެ.

މީގެ އިތުރަށް، މާލީގޮތުން މައްސަލަތަކެއް ދިމާވިޔަސް ކުރިއަށްއޮތް މަހަކީ ޕީކް ސީޒަން ކަމަށާއި މިދިޔަ އަހަރަށް ވުރެ ބޮޑު ފައިދާއެއް މިއަހަރު ވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ، މިއަހަރުގެ ދެވަނަ ކުއާޓަރު ދިމާވީ ރަމަޟާން މަހަށް ކަމަށާއި އެއީ އާއްމު ގޮތެއްގައި ދަތުރުކުރުން މަދު މަހެއް ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިހާރު 15 އަހަރު ވެދާނެހެން އޭރުއްސުރެ ރޯދަ މަހަކީ އަބަދުވެސް އައިލޭންޑް އެވިއޭޝަނަށް ގެއްލުން ވަމުން އަންނަ މަހެއް."
އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ

މީގެ އިތުރުން، ޓިކެޓްގެ އަގަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުންވެސް ކުންފުންޏަށް ލިބޭ އާމްދަނީ ދަށަށް ގޮސްފައިވާ ފާހަގަކުރައްވަމުން ރިޒުވީ ވިދާޅުވީ، މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކަށް ޑިސްކައުންޓްގެ ގޮތުގައި މިއަދާ ހަމައަށް 73 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާއްމުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އައިއޭއެސްއަށް އެ މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 10 އިންސައްތަ ދައްވެފައެވެ.

ނަމަވެސް، އައިއޭއެސް އިން ބުނީ މިރިޕޯޓުގައި ހުރި މިދިޔަ އަހަރުގެ ހިސާބުތަކަކީ ސައްހަ ހިސާބުތަކެއް ނޫން ކަމަށެވެ.