ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފުޅާދާއިރާއެއްގައި ދެމުން އަންނަ އަމިއްލަ އެއަރލައިން، ފްލައިމީގެ މަތިންދާބޯޓު ފްލީޓަށް އައު ބޯޓެއް ގަނެފިއެވެ.

ފްލައިމީއިން ގެންނަނީ އޭޓީއާރު 066-72 މަރުކާގެ މަތިންދާ ބޯޓެކެވެ. މި ބޯޓުގެ އަގަކީ ގާތްގަނޑަކަށް ވިހިމިލިއަން އެމެރިކާ ޑޮލަރެވެ.

އޭޓީއާރު ކުންފުނިން ވަނީ ވިލާ އެއާއިން މިތިންދާ ބޯޓު ގަތުމުން އެކަމަށް މަރުހަބާ ކިޔާފައެވެ.

ވިލާ އެއަރއިން އަލަށް ގަތް ބޯޓް، އޭޓިއާރް ކުންފުނީގައި:

ވިލާ އެއަރގެ ފްލައިމީން ގަތް މިމަތިންދާ ބޯޓާ ހަވާލުވެވަޑައިގަތީ މިވަގުތު ފްރެންކްފަރޓްގައި ހުންނެވި ފްލައިމީގެ ޑިރެކްޓަރ ފްލައިޓް އޮޕަރޭޝަންސް، ކެޕްޓަން މުހައްމަދު މުޖާއެވެ.

ވިލާ އެއަރގެ އޮޕަރޭޝަން ފުޅާކޮށް ޑިމާންޑާ އެއްވަރަށް ދަތުރުތައް އިތުރުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް ފްލައިމީގެ ޕްލޭނެއް އެބައޮތް ކަމަށް ވިލާ އެއަރއިން ބުނެފައި ވެއެވެ.

އެމްޑީ އަބްދުﷲ ނާޝިދު ވިދާޅުވީ އަލަށް ގަތް ބޯޓު ނޮވެމްބަރު ތިނެއްހާ ތާނގައި ގެނައުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، އިންޑިއާ ކަނޑުގެ ސަރަހައްދުގެ މޫސުން ގޯސްވެފައިވާތީ ބޯޓު ގެނައުމަށް މިހާރު ހަމަޖެހިފައިވަނީ ނޮވެމްބަރު ހައެއްހަ ތާނގައި ކަމަށެވެ.

މި ބޯޓު ރާއްޖެ ގެނެވުމާއެކު ފްލައިމީން މިހާރު ދަތުރުތައް ނުކުރާ އެއާޕޯޓެއް ކަމަށްވާ، ރ އަތޮޅު އިފުރު އެއާޕޯޓުގެ އިތުރުން، ހުއްދަ ލިބުމާއެކު ނ. މާފަރު އެއަރޕޯޓަށްވެސް ދަތުރުތައް ފަށާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ ފްލައިމީން ދޭ ޚިދުމަތްތަކަކީ ކަސްޓަމަރުން ހިތްހަމަޖެހޭ ޚިދުމަތްތަކަށް ހެދުމަށް ދުވަހުން ދުވަހަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފްލައިމީން މިހާރު ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިލި އަދި ބ. ދަރަވަންދޫ ހިމެނެއެވެ. އައްޑޫ ސިޓީ އަދި ފުވައްމުލަކަށް ފްލައިމީން ދަތުރުކުރި ނަމަވެސް އެދެ އަތޮޅަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ފްލައިމީން ވަނީ އައު ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިމުމުން ކުންފުނީގެ ސީޕްލޭންތައްވެސް ގެންނަން ނިންމާފައެވެ.