ޕޯސްޓް އަދި ކޮރިއާ ސާވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ބަލައި ފާސްކުރާ ތަކެތީގައި ފާސްކުރިކަން އަންގައިދިނުމުގެ ގޮތުން ސްޓިކާއެއް ޖެހުމަށް ކަސްޓަމްސް އިން ނިންމައިފި އެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ޕޯސްޓް އަދި ކޮރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ހުޅުވައިގެން ބަލައިފާސްކުރާ ތަކެތީގައި ކަސްޓަމްސްގެ ސްޓިކަރ މިއަދުން ފެށިގެން ސްޓިކާ ޖަހަން ފަށާނެ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ޕޯސްޓް އަދި ކޮރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ޕާރުސަލް ނުވަތަ ޕެކޭޖް ހުޅުވައިގެން ބަލައިފާސްކުރާނީ ލޯކަލް ކޮރިއަރ އެޖެންޓުގެ ޙާޟިރުގައި ކަމަށެވެ.

މި ސްޓިކަރ ޖަހާނީ އެ ޕާރުސަލެއް ނުވަތަ އައިޓަމެއް ޗެކްކޮށް ނިމި ލޯކަލް ކޮރިއަރ އެޖެންޓު އެ ޕެކޭޖް ބަންދުކުރުމުން، އެ ޕެކޭޖް ބަންދުކުރި ޓޭޕް މަތީގައި ހުރަސްވާގޮތަށެވެ. އަދި މި ސްޓިކަރގައި، ޕެކޭޖް ހުޅުވި ތާރީޚާއި، ގަޑި ނޯޓުކޮށް ކަސްޓަމްސްގެ އިޖުރާޢަތްތައް ފުރިހަމަކުރިކަން އެނގޭނެގޮތަށް ކަސްޓަމްސްއިން ސޮއި ކުރާނެ ކަމަށެވެ.

އަދި ކަސްޓަމްސްއިން ބަލާފާސްކުރިކަން ދޭހަވާގޮތަށް، އެއްވެސް އެހެން ފަރާތަކުން ކަސްޓަމްސްގެ ނަން ބޭނުންކޮށްގެން، މުދަލުގެ ބޭރުގައި ޓޭޕްއަޅާ، އިސްޓިކާފަދަ ތަކެތި ހަރުކޮށް ހެދުމަކީ މަނާކަމެއް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.