- ފުޓްބޯޅައިގެ ހުރިހާ ކަމަކުން ވިކްޓަރީ ސަސްޕެންޑް ކުރާނީ މުސާރައިގެ މައްސަލައިގައި
- ދިވެހި ލީގުގައި ދެން ކުޅެން އޮތް މެޗަށް ވިކްޓަރީ ހާޒިރު ނުވެއްޖެނަމަ ލީގުން ބޭރުކުރާނެ
ވިކްޓަރީ ސްޕޯޓްސް ކްލަބު ސަސްޕެންޑް ކުރާނެ ކަމުގެ ފަހު އިންޒާރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދީފި އެވެ.
ވިކްޓަރީއަށް އިންޒާރު ދީފައިވަނީ އެ ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި، މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އާއި ކޯޗުންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކުޅުންތެރިންނާ ކޯޗުން އެފްއޭއެމަށް ހުށަހަޅާފައިވާ މައްސަލަ އާއި، ކްލަބު ލައިސަންސިން އާއި ގުޅޭގޮތުން ހަމަކުރަންޖެހޭ ލިޔުންތައް ހަމަކޮށްފައިނުވާތީ އެ މައްސަލަތައް ބެލުމަށްފަހު އެވެ.
އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީ ބައްދަލުވުމެއްގައި މި މައްސަލަ ބެލުމަށްފަހު، މި މަހުގެ 15 ގެ ކުރިން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދީ ޚަލާސްކުރުމަށް އެ ކްލަބަށް އަންގާ ކަމަށެވެ. އަދި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 13 ވަނަ މާއްދާގެ (1) (a) އާއި އެއްގޮތްވާ ގޮތުގެ މަތިން އެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އަސާސީ ގަވާއިދުގެ 35 ވަނަ މާއްދާގެ (3) (o) އަދި 37 ވަނަ މާއްދާގެ (1) އާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގަވާއިދުގެ 14 ވަނަ މާއްދާގެ (1) އިން އެ އެސޯސިއޭޝަނުގެ އެގްޒެކްޓިވް ކޮމިޓީއަށް ލިބިދޭ ބާރުގެ ތެރެއިން ވިކްޓަރީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރެވޭނެ ވާހަކަ ދަންނަވާ ކަަމަށެވެ. މީގެ ކުރިންވެސް އެފްއޭއެމް އިން ވަނީ ވިކްޓަރީ އަށް އިންޒާރު ދީފައެވެ.
އަދި ކްލަބު ލައިސަންސިން އާއި ގުޅޭގޮތުން ހަމަކުރަންޖެހޭ ލިޔުންތައް ހަމަކޮށްފައިނުވާތީ، އެކަންވެސް މި މަހުގެ 15 ގެ ކުރިން ނިންމުމަށް ވަނީ އަންގާފައެވެ. އެ މުއްދަތުގައި ލިޔުންތައް ހަމަނުކޮށްފި ނަމަ، އެ މައްސަލަވެސް ބަލާނެ ކަމަށް ވަނީ އަންގާފައެވެ.
މީގެ އިތުރަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލޭ މެޗުތަކަށް ހާޒިރުނުވެ، އެކަން ތަކުރާރުކޮށްފައިވާތީ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 9 ވަނަ މާއްދާގެ (އ) ގެ ދަށުން "ޓްރާންސްފާ ހުއްޓުވުމަށް" ނިންމާފައިވާ ކަމަށެވެ. އަދި ލީގުގައި ދެން ވިކްޓަރީ އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗަށް ހާޒިރުނުވެއްޖެނަމަ، ޑިސިޕްލިނަރީ ކޯޑުގެ 9 ވަނަ މާއްދާގެ (ބ) ގެ ދަށުން ލީގުން ވިކްޓަރީ ވަކިކުރާނެ ކަމަށްވެސް ވަނީ އިންޒާރު ދީފައެވެ.
ވިކްޓަރީއަށް އިންޒާރު ދިންއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަހަރު ވިކްޓަރީ ނުކުޅެ ދިޔަ މެޗުތަކުގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ. އެގޮތުން ތިންފަހަރު އެ ކުށް ތަކުރާރުކުރުމުން އެފްއޭއެމުން އޭރު ވަނީ ބޮޑު އަދަދަކުން އެ ޓީމު ޖޫރިމަނާވެސް ކޮށްފައެވެ.
ވިކްޓަރީގެ ހާލަތާއި ބެހޭ ގޮތުންއެ ކްލަބުގެ ޗެއާމަން ޑރ. އިބްރާހީމް ނާޝިދު (ނާޝް) މީގެ ކުރިން ވިދާޅުވީ ބަޔެއް ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ހަތަރު މަސް ދުވަހަށް އަރާފައިވާ ކަމަށެވެ. އަދި ކްލަބަށް ހެޔޮއެދޭ ފަރާތުން މިއަހަރު ވެސް ވަރަށް ރަނގަޅު އެހީއެއް ދީފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ފައިސާ ޚަރަދު ކުރަން ޖެހުނީ ކްލަބުގެ ދަރަނި އަދާކުރުމަށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ލީގުގައި މިއަހަރު ވާދަކުރާ ވިކްޓަރީ ޓީމުން މިހާތަނަށް 12 މެޗު ކުޅެފައިވާއިރު، އަދި އެޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.