ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުހައްމަދު 20 އަހަރަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ކުޅެދިނުމަށް ފަހު 2016 ގައުމީ ޓީމުން ރިޓަޔާކުރި އިމްރާން، އޭގެ ފަހުންވެސް ވަނީ ކްލަބު ލެވެލްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުން އިމްރާން ފެނިގެންދިޔައިރު، މުސާރައިގެ މައްސަލައިގައި ދެ ފަރާތް ވާހަކަދެއްކުމަށްފަހު ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ އެއްބަސްވުން އުވާލާފައެވެ.
ރިޓަޔާ ކުރަން ނިންމުމަށްފަހު އިމްރާން ބުނީ ރިޓަޔާ ކުރަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށާއި، ގޯލްކީޕަރުންގެ ގޮތުގައި ޒުވާން ހުނަރުވެރިން ނުކުންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އޭނާގެ ހެޔޮއެދުންތައް އަބަދުވެސް ވާނީ ދިވެހި ފުޓްބޯޅަ އާއިލާއާ އެކު ކަމަށްވެސް ވަނީ ބުނެފައެވެ.
ކްލަބު އީގަލްސް އިން ކެރިއަރު ފެށި އިމްރާން ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު، ވީބީ އައްޑޫ އެފްސީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ.
ވިކްޓްރީއާ އާއި ނިއުރޭޑިއަންޓާއެކު ގައުމީ ތަށި އިމްރާން މިލްކުކުރިއިރު، ނިއުރޭޑިއަންޓުން 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު، އެޓީމުގެ ގޯލު ބެލެހެއްޓީވެސް އިމްރާނެވެ.
ގައުމީ ޓީމުގެ ގޯލް 17 އަހަރު އިމްރާން ބެލެހެއްޓިއިރު، އޭނާގެ އެންމެ ބޮޑު ކާމިޔާބަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ.
ދާދި ފަހުން އިމްރާން ވަނީ ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ހާސިލުކޮށްފައެވެ.