އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ފިނޭސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 2020 ގެ ދައުލަތުގެ އަހަރީ ބަޖެޓު، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ބުރާސްފަތި ދުވަހު ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ބަޖެޓެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވީ، އަންނަ ހަފްތާ އަންގާރަ ދުވަހު މަޖިލިސް ތަޅުމަށް ރަސްމީކޮށް ބަޖެޓު ހުށަހަޅުއްވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "2020-2022 ފިސްކަލް ސްޓްރެޓެޖީ" ބަޔާނުގައި ބުނެފައިވާގޮތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓް 39.55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

އަންނަ އަހަރު ދައުލަތުގެ ހަރަދު، 37 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭ އިރު، ރިކަރަންޓު ހަރަދުގެ ގޮތުގައި 20 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 11.7 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައެވެ. އަދި ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނީގެ ގޮތުގައި އަންދާޒާކުރަނީ 5.5 ބިލިއަން ރުފިޔާ،،އަންނަ އަހަރަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 30.73 ބިލިއަން ރުފިޔާއެވެ.

ސަރުކާރުގެ އަމާޒަކީ، 2020 ވަނަ އަހަރު، ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ގެ ނިސްބަތުން ބަޖެޓް ޑެފިސިޓް 6.5 ޕަސެންޓްގައި ހިފެހެއްޓުން،،އަދި މެދުރާސްތާގައި ބަޖެޓް ޑެފިސިޓް ކުޑަކުރެވޭނެ ފަދަ ގޮތަކަށް ހަރަދުތައް ބައްޓަންކޮށް، 2024 ވަނަ އަހަރު ބަޖެޓުގެ ޕްރައިމަރީ ބެލެންސް އަރަނި ކުރުމަށް ވެސް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އޭގެ ސަބަބުން، ބަޖެޓް ޑެފިސިޓް އިތުރުވުމަކާ ނުލައި އަލަށް ފަށާ މަޝްރޫއުތަކަށް އަންނަ އަހަރު 5.5 ބިލިއަން ރުފިޔާ ހަރަދުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވެއެވެ.

އަންނަ އަހަރަށް 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފޮނުވާފައިވާ އިރު، މި އަހަރަށް ޚަރަދު ކުރަމުން ގެންދަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެއް،،މި ބަޖެޓަށް ފަހުން ވަނީ 1.7 ބިލިއަން ރުފިޔާ އިތުރުކޮށްދީފައެވެ.