މިމަހުގެ ފަހުކޮޅު ބާއްވާ އެމްޑީޕީގެ ލީޑަރޝިޕްގެ އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމާއި ނާއިބުރައީސްގެ މަގާމު ހުސްވެފައިވާތީ އެ ދެމަގާމަށް މީހުން ހޮވުމަށް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އެމްޑީޕީން ބުނީ މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ މެންބަރުންނާއި، މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ ރަށްތަކުގެ މެންބަރުން ވޯޓުލުމަށް ޚާއްސަކޮށްގެން މާލޭގައި ވޯޓުފޮށި ބެހެއްޓިފައި ހުންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

މީގެ އިތުރަށް މި އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވެސް ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން ލަންކާގެ ކޮލަމްބޯގައި ވޯޓުފޮށި ބަހައްޓާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ކޮލަމްބޯގައި ވޯޓުލުމަށް ބޭނުންވާ މެންބަރުން ރަޖިސްޓަރީ ކުރުމަށް ނޮވެމްބަރު 3 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އެމްޑީޕީގެ ރައީސްގެ މަގާމާއި ނާއިބުރައީސްގެ މަގާމުގެ އިންތިޚާބު އެންމެ ފަހުން ބޭއްވީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. މަގާމުގެ ދައުރަކީ 5 އަހަރު ކަމުން މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން އެ ދެމަގާމު ވަނީ ހުސްވެފައެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލުމުން ރައީސްގެ މަގާމަށް ކުރިމަތިލެއްވީ އެންމެ ފަހުން ވެސް އެ މަގާމުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. ނާއިބުރައީސްގެ މަގާމަށް ވާދަކުރައްވަނީ އެންމެ ފަހުން ނާއިބުރައީސްގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

އެމްޑީޕީގެ ރައީސްގެ މަގާމަށް ރައީސް ނަޝީދު ނޫން ބޭފުޅަކު ކުރިމަތިނުލައްވާތީ ވާދަވެރިކަމެއް ނެތް ނަމަވެސް ނާއިބުރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ޝިފާޒާއި އަސްލަމާއި ދެމެދު ވަނީ ވަރަށް ބޮޑަށް ވާދަވެރިކަން އުފެދިފައެވެ. މި ދެބޭފުޅުންގެ ކެމްޕޭން ފޯރި ސޯޝަލް މީޑިއާގައި ވެސް ވަނީ ގަދަވެފައެވެ.