• ރިޕޯޓު ކުރި އަދަދުގެ ދެބައިކުޅަ އެއްބައި ސައިކަލު ވަނީ ހޯދިފައި
  • ސައިކަލުތަކުގެ އަގު 21.7 މިލިއަން ރުފިޔާއަށް އަރާ
  • ސައިކަލު ރައްކާތެރިކުރުމަށް ގިނަ ބަޔަކު ސަމާލުކަން ދީފައި ނެތް
  • 90 ޕަސެންޓު މީހުންގެ ސައިކަލުގައި އެލާމް ސިސްޓަމް ނެތް

ވައްކަމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށްވެސް އާންމު މައްސަލައެކެވެ. ވަގަށް ނެގުމުގައި ވަކި ވައްތަރެއްގެ މުދަލެއް ނެތެވެ. ނަގާ އެތީގެ ކުޑަބޮޑު މިނެއްވެސް ނެތެވެ. ފައިސާއިން ފެށިގެން ގޮސް މަގުމަތީގައި އެންމެންގެ މެދުގައި ބަހައްޓާފައި ހުންނަ އެއްޗެހިވެސް ވަގަށް ނަގަނީއެވެ.

މުޅި ރާއްޖޭއަށް ބަލާއިރު އެންމެ ގިނައިން އަޑު އިވޭނީ މިސްކިތުން ނަމާދުން ފައިބާއިރު އަރައިގެންދިޔަ ފައިވާން ވަގަށްނަގާ ވާހަކައެވެ. އެކަމަކު މިހާރު މާލެތެރެއިން ސައިލަކު ގެއްލުމާ މިސްކިތުން ފައިވާން ގެއްލުމާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. އިރުއަރާ އޮއްސޭ މަދު ދުވަހެއްގައި ނޫނީ މިފަދަ ކޮންމެވެސް ވާހަކައެއް އަޑުނީވި ނުދެއެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެކަނިވެސް 401 ސައިކަލު ވަގަށް ނެގިކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެ ސައިކަލުތަކުގެ އަގު 21 މިލިއަން ރުފިޔާއަށް ވުރެ މަތިކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. 401 ސައިކަލު ގެއްލިގެން ރިޕޯޓުކޮށްފައި ވާއިރު އޭގެ ތެރެއިން ފެނިފައިވަނީ 264 ސައިކަލެވެ. ގެއްލިގެން ހުށަހަޅާފައިވާ ސައިކަލުތަކުގެ އަގަށް ބަލާއިރު މިސައިކަލުތަކުގެ އަގު ގާތްގަނޑަކަށް 21,796,400 އަށް އަރައެވެ.

މި 401 ސައިކަލާއި ގުޅޭ ތަފްސީލުތައްވެސް ފުލުހުން ހާމަކޮށްފައިވާއިރު އެންމެ ގިނައިން ވަގަށް ނަގައިގެން ރިޕޯޓުކޮށްފައިވަނީ ވޭވް ބްރޭންޑުގެ ސައިކަލެވެ. އެ ބްރޭންޑުގެ 172 ސައިކަލު ގެއްލިގެން ހުށަހަޅާފައިވާއިރު ދެން އެންމެ ގިނައީ 125i ބްރޭންޑުގެ ސައިކަލެވެ. އޭގެ 30 ސައިކަލު ގެއްލިގެން ރިޕޯޓްކޮށްފައި ވެއެވެ. އޭގެ އިތުރުން 26 އެއާބްލޭޑް، 23 ޖީއެން، 19 ސްކޫޕީ، 13 ޕީސީއެކްސް އަދި 12 ޒިއޯންވެސް ވަގަށް ނަގައިގެން ވަނީ ރިޕޯޓު ކޮށްފައެވެ.

މި މައްސަލަ މިހާ ބޮޑުވީ ކީއްވެ؟

ވައްކަމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި އަބަދުވެސް ހިނގަމުން އަންނަ ކަމަކަށް ވާއިރު މިއީ ހައްލުވެސް ހޯދަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. އެކަމަށް ފިޔަވަޅު އެޅުމަކުން ނިމުނީއެއް ނޫނެވެ. ތިމާގެ އަމިއްލަ މުދަލަށް ތިމާ ރައްކާތެރިވުމަކީވެސް އޮތް ކަމެކެވެ.

އެއްވެސް ހާލެއްގައި ސައިލަކު ގެއްލުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހެނީ ވެރިފަރާތުން ކަމަށް ބުނަނީއެއް ނޫނެވެ. ގެންގުޅޭ ސައިކަލު ރައްކާތެރި ކުރުމަށް ގޭގެ ނިދާ ކޮޓަރިއަށް ވައްދާ ވާހަކައެއްވެސް ނޫނެވެ. އެހެންނަމަވެސް ޒަމާނަށް އައިސްފައިމިވާ ބަދަލުތަކާއެކު މަގުމަތީގައި ނުވަތަ އާންމު ތަންތަނުގައި ބަހަައްޓާ ސައިކަލު ފުލް ކަވަރޭޖު އިންޝުއަރެންސް ކުރުން ފަދައިން މިފަދަ އަގުހުރި މުދާ ރައްކާތެރި ކުރެވޭނެ ކިތަންމެ ގޮތެއް އެބަހުއްޓެވެ.

އެގޮތުން ސައިކަލްގައި އެލާމް ސިސްޓަމް ހަރުކުރުމާއި ސައިކަލުގެ ޝަޓާ، ލޮކް ކުރުމާއި މިފަދަ ކިތަންމެ ކަމެއްވެސް ކުރެވެން އެބަހުއްޓެވެ. އެހެންނަމަވެސް ހިތާމައަކީ ދިވެހިންގެ ތެރޭގައި ގިނަ ބަޔަކު މިކަން ކަމަށްވެސް ސަމާލުކަން ނުދޭ ކަމެވެ.

ސައިކަލު ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހަޅާ މައްސަލަތައް އިތުރުވަމުންދާތީ، އެކަން ހައްލުކުރަން ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ހެދި ސާވޭއަކުން ދައްކާގޮތުން 90 ޕަސެންޓް މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައެއް ނެތެވެ. އަދި 35 އިންސައްތަ މީހުން ސައިކަލުގެ ޝަޓާ ލޮކް ކުރުމާއި ރައްކާތެރި ސީސީޓީވީ ހުންނަ ސަރަހައްދެއްގައި ޕާކުކުރުމަށް ސަމާލުކަން ދީފައިނެތެވެ.

ފުލުހުން ބުނީ ސައިކަލުގައި އެލާމް ސިސްޓަމް ހަރުކުރުމާއި ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދުތަކުގައި ޕާކްކުރަން ސަމާލުކަން ދިނުމަށާއި ސައިކަލު ފުލް ކަވަރޭޖު އިންޝުއަރެންސް ކުރުމަކީ މިހާރު ސަމާލުކަން ދިނުން މުހިއްމު ކަމެއް ކަމަށެވެ. އެހެންނަމަވެސް ސައިކަލުގެ ރައްކާތެރިކަމަށް ދޭންވާ އަހައްމިއްޔަތުކަން ގިނަބަޔަކު ދީފައި ނުވާކަންވެސް ފުލުހުން ވަނީ ހިތާމައާއެކު ފާހަގަކޮށްފައެވެ.

އެންމެ ހަމަސް ދުވަސް ތެރޭގައި 401 ސައިކަލު ވަގަށް ނެގުމުން މިއީ ދިވެހިންގެ އާބާދީގެ ނިސްބަތަށް ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށާއި އެހެންކަމުން އުޅަނދުގެ ވެރިފަރާތުން ނުވަތަ އެ އުޅަނދެއް ދުއްވާ ފަރާތަކުން މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.