ވަރަށް ބޮޑަށް ވައި ނުސާފުވުމުގެ ސަބަބުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހުރިހާ ސްކޫލެއް ބަންދުކޮށްފިއެވެ.

ވައި ނުސާފުވުމުގެ ސަބަބުން ނޮވެމްބަރ 5 އާއި ހަމައަށް ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުމަށް އަމުރު ކުރެއްވީ، ނިއުދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދު ކެޖްރިވާލްއެވެ.

ވެރިރަށް ނިއުދިއްލީގައި ވަރަށް ބޮޑަށް ދުންބޯވެ، ވައި ނުސާފުވެފައިވަނީ އަވަށްޓެރި ސްޓޭޓްތަކުގައި ދަނޑުބިންތައް އެންދުމުގެ ސަބަބުން ކަމަށް ވެއެވެ. އެދުންތަކުގެ ސަބަބުން ވެރިރަށުގައި ދުމުގެ ސާލެއްވަނީ ލެވިފައެވެ.

ވެރިރަށުގެ ހާލަތު ގޯސްވާން ފެށުމުން، ތިމާވެށީގެ ޚާއްސަ ޕެނަލެއް އައްޔަންކޮށް ވައި ނުސާފުވެފައިވާ މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަން ސަރުކާރުން ހަވާލުރި ޕެނަލްއިން އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ، ނިއުދިއްލީގެ ވައިގެ ނުސާފުމިން އާންމު ސިއްހަތަށް ނުރައްކާތެރި މިންވަރަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

ވައިގެ ނުސާފުމިނުގެ އިންޑެކްސްއަށް ބަލާއިރު 400 އަކީ އިންސާނުންގެ ސިއްހަތަށް ވަރަށް ނުރައްކާތެރި މިންވަރެއް ކަމަށް ވާއިރު، ނިއުދިއްލީގެ ބައެއް ހިސާބުތަކުގައި ވައިގެ ނުސާފުމިނުގެ އިންޑެކްސް ހުރީ 500 ގައި ކަމަށް އިންޑިއާ ސަރުކާރުގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ބުނެފައި ވެއެވެ.

އިންޑިއާގެ އެންވަޔަރަންމެންޓް ޕޮލިއުޝަން ކޮންޓްރޯލް އޮތޯރިޓީން އާންމުކުރި ސިޓީއެއްގައި ބުނެފައިވަނީ، ނިއުދިއްލީގެ ވައިގެ ނުސާފުމިން ވަރަށް ގޯސް ކަމަށާއި، އާންމު ސިއްހަތަށް ޚާއްސަކޮށް ކުޑަކުދިންނަށް ވަރަށް ނުރައްކާތެރި ހާލަތަކަށް އައިސްފައިވާ ކަމަށެވެ.

މިކަމާހެދި، ނިއުދިއްލީގެ ސަރުކާރުން މިހާރުވަނީ، އަންނަ ހަފްތާއިން ފެށިގެން މަގުތަކުގައި ދުއްވާ އަމިއްލަ ވެހިކަލްތަކުގެ އަދަދު މަދުކުރަންވެސް ނިންމާފައެވެ.