ރާއްޖޭގެ ވެރިކަން ކުރެވޭނީ ވަކި މީހަކަށް ކަމަށް ބުނުން އެއީ މިހާރު ބޯދާބަހަކަށް ވެފައިވާ ކަމަށް ދާދިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ވޭތުވެދިޔަ 15 ވަރަކަށް އަހަރު ރައްޔިތުން މަސައްކަތް ކޮށްފައިވަނީ އަބަދުވެސް ބަދަލަކަށް އެދިގެން ކަމަށާއި އެގޮތުގެ މަތިން ކޯލިޝަން ސަރުކާރުތައް ގާއިމުކުރެވެނީ ވަރަށް ގިނަ ބަޔަކު އެކެވެގެން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ރާއްޖޭގައި އެއްވެސް ބަޔަކު އެކަނި އުޅެގެން އެބަޔަކު ބޭނުންވާ ގޮތަށް ވެރިކަން ބަދަލުކޮށް ނުވަތަ ވެރިކަން ދިފާއުކޮށް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވާނުވާ ބަލައި އެކަންކަމާމެދު ރައްޔިތުން އަބަދުވެސް ވިސްނަންޖެހޭ ކަމަށެވެ. މިގޮތުން ސިޔާސީ ވެރިންގެ މެދުގައި އޮންނަ އެކުވެރިކަމާއި، ވިޔަފާރީގެ ގުޅުންތަކާއި، ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަމާއި، ފަރުދާގެ ކުރިމަތިން ހިނގާ ކަންކަމުގެ ހަގީގަތް ގިނަ ރައްޔިތުންނަށް އެނގޭ ކަމަށެވެ.
ޕީޕީއެމުން ޖުމްހޫރީ ޕާޓީއަށް ދާދިފަހުން ބަދަލުވެވަޑައިގެންފައިވާ އަޒްލީން ވިދާޅުވީ ސިޔާސީ މީހުން އެއްޕާޓީން އަނެއްޕާޓީއަށް ބަދަލުވުމަކީ ރައްޔިތުން މިއަދު ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ މިއަދު ފެންނަންޖެހޭ ވެސް މަންޒަރެއް ކަމަށެވެ. އަދި އެއީ މިއަދު ރައްޔިތުން ވެސް ބަލައިގެންފައިވާ ކަމެއް ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ އަޚުލާގިއްޔާތާއި ނަމޫނާ ދެއްކުމުގައި ހިފެހެއްޓިފައި އޮންނަ މުއްދަތާއި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަލައިގެން ކަންކަން ކުރެވެނީ ކިހާ މުއްދަތަކަށްތޯ، މިކަންކަމާމެދު ވިސްނާލަންޖެހޭ ކަމަށް އަޒްލީން ވިދާޅުވިއެވެ.
އަޒްލީން ވިދާޅުވީ ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ވަރަށް ގިނަ ބޭބޭފުޅުން މިއަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަމުން ގެންދަވާއިރު، އިލްމީ ބޭފުޅުންނާއި ސިޔާސީ ތަޖުރިބާ ހުރި އަދި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ސިޔާސީ ވެރިން ގެންދަވަނީ ޖުމްހޫރީ ޕާޓީއާ ދިމާއަށް މިސްރާބު ޖައްސަވަމުން ކަމަށެވެ. އޭގައި ގިނަ ސަބަބުތަކެއް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ.
އަޒްލީން ވިދާޅުވީ ޖޭޕީއާ ގުޅިވަޑައިގަތީ ރައްޔިތުން ދެކެ އެންމެ ލޯބިވާ، ރައްޔިތުންނަށް އެންމެ އޯގާތެރި ލީޑަރަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ވުމުން ކަމަށެވެ. ސިޔާސީ އެންމެ އިސްލީޑަރުންގެ ތެރެއިން، ސިޔާސީގޮތުން ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީގެ އަގުވަޒަންކުރުމުގެ ގޮތުން ވެސް މިއަދާ ހަމައަށް ފުރުސަތު ނުދެވި، ޓެސްޓު ނުކުރެވި ވަނީ ގާސިމް އިބްރާހީމް ކަމަށެވެ. އެމަނިކުފާނު މިއަދާ ހަމައަށް އެޅުއްވި ކޮންމެ ފިޔަވަޅެއް އަޅުއްވާފައިވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށާއި އެމަނިކުފާނު މިއަދާ ހަމައަށް ދެއްކެވި ކޮންމެ މަންޒަރަކުންވެސް ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއްކަން ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ރާއްޖޭގެ އިލްމީ ބޭފުޅުންނަށް ވެސް ޖުމްހޫރީ ޕާޓީއަށްވުރެ ފަހި ފުރުސަތުތަކެއް އޮތް އެހެން ޕާޓީއެއް މިއަދު ނެތް ކަމަށެވެ. އެއްވެސް މީހަކަށް ޖޭޕީގެ ތެރެއިން ނިކަމެތިކަމެއް ނުލިބޭނެ ކަމަށާއި އެއީ ވަކި ބަޔަކު ނައްތާލައި ވަކި މީހަކު މޮޅުކޮށްލާ ޕާޓީއެއް ވެސް ނޫން ކަމަށެވެ. އެންމެނަށް ވެސް ހަމަހަމަކަން އޮތް ޕާޓީއެއް ކަމަށާއި ޖޭޕީގެ މިސްރާބާއި އަމާޒު އޮތީ ވަރަށް ސާފުކޮށް ފެންނަން ކަމަށެވެ. ރާއްޖޭގެ ވެރިކަން ކުރެވޭނީ ވަކި މީހަކަށް ކަމަށް ބުނުން އެއީ މިހާރު ބޯދާބަހަކަށް ވެފައިވާ ކަމަށާއި ޖޭޕީގެ މިސްރާބަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި އަޒްލީން ވަނީ 2023 ގައި ގާސިމް އިބްރާހީމަށް ފުރުސަތު ދެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ޤަސިމް އަކީ އަޒްލީން މިނިސްޓަރު ކަމުގައި ހުރި އިރުވެސް، 2004 ގައި ޖަލުގައި އޮތް އިރުވެސް 2018 ގައި ޖަލުގައި އޮތް އިރުވެސް، ވިޔާފާރި ފުނޑާލާ އެކައުންޓްތައް ފްރީޒް ކޮށް ލޯބިވާ ދަރިފުޅު ޖަލުގައި ރަހީނުކޮށް ބަންދުކޮށްގެން ގެންގުޅުނު އިރުވެސް، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮއްވާ ހަރާމް ހުކުން އިއްވި އިރުވެސް، ޖަރުމަނުގައި އަރުވާލެވިގެން ހުރި އިރުވެސް ހަމަ ރައްޔިތުން ދެކެ އެނެމެ ލޯބިވާ ރައްޔިތުންނަށް އެނެމެ އިޚްލާސްތެރި ލީޑާރ. އެކަމަކު އަޒްލީން އަށް އިލްމެއް ލިބިފައި އޮތަސް ހިލްމެއް ނެތުނީމަ ބާރުގަ ހުރި އިރު އެކަން ޤަބޫލެއް ނުކުރެވުނު. މިއަދު ދެން ކޮން ވާހަކައެއް؟
"ރައްޔިތުން ދެކެ އެންމެ ލޯބިވާ، ރައްޔިތުންނަށް އެންމެ އޯގާތެރި ލީޑަރަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް" ކަމަށް ވާންޖެހެނީ ކޮންމެހެން މިއަދު ޖޭޕީ އާއި ގުޅުނީމައެއް ނޫން. އަދި ތިމާ ސިޔާސީ ގޮތުން ބިކަވެ އަރާނެ މުގޯލި ހުސްވީމައެއް ނޫން. އަޒްލީން ވަޒީރުކަމުގަ ހުރި އިރު ޤާސިމް އަށް ރައްދު ކުރި ބަދު ބަސްތައް މިއަދުވެސް އަހަރެމެނގެ ކަނފަތުގަ އެބަހުރި. ޤާސިމް އަށް ދެމުން ގެނދިޔަ އަނިޔާ އާއި ނިކަމެތިކަމުގައި އަޒްލީން ބައިވެރިވީ އިރު ތިޔަ ބުނާ ރައްޔިތުން ދެކެ ލޯބިވާ ލީޑަރަކީ ޤާސިމް ކަމެއް ހަނދާނަކު ނެތް. މިއަދު ގޮތް ހުސްވީމަ ޤާސިމް ވަރެއް ނެތިގެން އުޅުނަސް އަޒްލީންގެ އިޚްލާސްތެރިކަމެއް ނެތްކަން އެނގޭ.