އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ރައްޔިތުންގެ ހާލަތު ރަނގަޅު ނޫން ކަމަށާއި، އެ ހާލަތު ރަނގަޅުކުރަން ޖެހޭ ކަމަށް، ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މާރކެލް ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ޗާންސެލަރ މިހެން ވިދާޅުވީ، މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗާންސެލަރ މާރކެލް ވިދާޅުވީ، ކަޝްމީރުގެ ރައްޔިތުން މިހާރު ވޭތުކުރަމުންދަނީ އުނދަގޫ ދަތި ދިރިއުޅުމުގެ ހާލަތެއް ކަމަށާއި، އެހެންކަމުން އެ ހާލަތު ބަދަލުކުރަންޖެހޭ ކަމަށެވެ.

މާރކެލް ވިދާޅުވީ، ކަޝްމީރުގެ މައްސަލާގައި އިންޑިއާގެ މަގާމު އެނގިވަޑައި ގަންނަވާ ކަމަށާއި، އެހެންނަމަވެސް މިމައްސަލަ ބޮޑުވަޒީރު މޯދީއާއެކު ބާއްވާ މަޝްވަރާތަކުގައި ނަންގަވަނޭ ކަމަށެވެ. އަދި ހާލަތު ރަނގަޅު ކުރެއްވުމަށް މޯދީ އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ބައްލަވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާއިން ވެރިކަން ކުރަމުންދާ ކަޝްމީރުފަޅި، ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް ރޫޅާލައި، އިންޑިއާ ސަރުކާރުން މިދިޔަ ބުދަ ދުވަހުންފެށިގެން ވަނީ، އިދާރީ ދެ ސަރަހައްދު ގާއިމްކޮށްފައެވެ.

މިކަމާ ގުޅިގެން މަސްރަހް ވަރަށް ބޮޑަށް މިހާރުވެސް ނުތަނަވަސް ވެފައިވާއިރު، ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަތް މައްސަލަ މިހާރުވަނި އިންޑިއާގެ ސުޕްރީމް ކޯޓަށް ވައްދާފައެވެ.

ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަތުމަށްފަހު އިންޑިއާ ސަރުކާރުން އޮގަސްޓް 5 ގެ ފަހުން އަދިވެސް އޮތީ ކާފިއު ހިންގައި، މުވާސަލާތީ ގުޅުމާއި އިންޓަރނެޓް ކަނޑާލާފައެވެ. އަދި މުޅި ސަރަހައްދުގެ 12.5 މިލިއަން މީހުން ބަލަމުން އައި ކޭބަލް ޓީވީގެ ޚިދުމަތްވެސް އަދިވެސް އޮތީ ކަނޑާލާފައެވެ.

ނުވިތާކަށް، ޖައްމޫ އެންޑް ކަޝްމީރުގެ އެތައްސަތޭކަ ސިޔާސީ ލީޑަރުން ހައްޔަރުކޮށް ގޭގައާއި ޖަލުގައި ބަންދުކޮށް، އާންމުންގެ އެތައްހާސް މީހުން ހައްޔަރު ކޮށްގެން އިންޑިއާގެ އެކި ސްޓޭޓްތަކުގެ ޖަލުތަކަށް ވަނީ ލާފައެވެ. އާންމުންގެ ހަތަރުހާހަށްވުރެ ގިނަމީހުން ހައްޔަރުކޮށް ޖަލަށް ލާފައި ވާއިރު އޭގެ ތެރޭގައި ގިނައީ ޒުވާން ފިރިހެނުންނެވެ.

އިންޑިއާ ސަރުކާރުން ޖައްމޫ އެންޑް ކަޝްމީރު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އެއްވެސް އިހްތިރާމެއް ކުރުމެއްނެތި މުޅި ސްޓޭޓް ބަންދުކޮށް ހިސާރުކުރުމުގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރިތަކާއި ސްކޫލްތައް ބަންދުކޮށް، އާންމު ރައްޔިތުން އަދިވެސްތިބީ ވަރަށް ބޮޑު ނާއުންމީދެއްގައެވެ.

ބައިނަލްއަގްވާމީ މުޖުތަމައުގެ ކުށްވެރިކުރުންތަކާއި ފިއްތުންތަކުގެ ސަބަބުން ބައެއް ކަހަލަ ލުއިތައް ދޭން ފެށި ނަމަވެސް، އަދިވެސް ހާލަތު އޮތީ ކުރީގެ ގޮތަށެވެ.