ލޯބީގެ މި ވާހަކަ ފެށުމުގެ ކުރިން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު (ނ.ޢ.ޢ.ވ) ހެންވޭރު އާމުލީގެ، އަބްދުﷲ ސޯދިގު (ސޯދުބެ) އަށާއި ހެންވޭރު ހިކަރި، އަހުމަދު އާދަމަށް ނުހަނު ލޯތްބާއި އިހުތިރާމް އާއި އެކު މަރުހަބާ ދަންނަވަމެވެ.
މިހާ ހިސާބުން ލޯބީގެ މި ކުރު ވާހަކަ ފަށަމާ ހިނގާށެވެ.
ދިވެހި ބަހުގެ އުސްތާޒް އެންމެންގެ ސޯދުބެއަށް މަރުހަބާ ކިޔާލައި ސަޕްރައިޒް އެއް ދިނުމަށް އެ ގެއަށް ދިއައީމެވެ. އަދި ދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވާލައި މަރުހަަބާއޭ ގޮވާލުމުން ސޯދުބެގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިއައެވެ. އަދި ލޮބުވެތި ސަލާމަކުން ސަލާން ކޮށްލުމަށްފަހު އަޅުގަނޑާއި ސުވާލެއް ކޮށްލެއްވި އެވެ.
ސޯދުބެގެ ސުވާލަކީ "އަހަރެން ވަރަށް ލޯބިވެޔޭ" އެހެން ބުނަން ލަދުގަނޭތޯ އަައްސަވައި ކުރެއްވި ސުވާލެވެ. ޖަވާބުގައި އަޅުގަނޑު ނޫނެކޭ ބުނީމެވެ. ސޯދުބެ އެ ސުވާލު ކުރެއްވުމުންވެސް އުފާވިއެވެ. ސަބަބަކީ އެ ސުވާލުގެ ފުރިހަމަ ޖަވާބާއި، އަދި އެ މައުލޫޢުގައި ސޯދުބެގެ ފަރާތްޕުޅުން އަގުހުރި ބަސްކޮޅަކާއި ފިލާވަޅެއް ދޭނެކަން އެނގޭތީއެވެ.
އެހިސާބުން "ލޯބި" ގެ މައުލޫޢުއަށް ސޯދުބެގެ ވާހަކަފުޅު ފެއްޓެވި އެވެ.
ވަރަށް ލޯބިވެޔޭ ބުނަން ލަދުގަންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ސޯދުބެ ވިދާޅުވި އެވެ.
ނަމަވެސް މިފަހަކަށް އައިސް ބައެއް މީހުންގެ ކިބައިގައި އަދި ބައެއް ޒުވާނުންގެ ކިބައިގައި އެ އާދަ ނުހުންނަކަން ފާހަގަކުރެއްވިއެވެ. އަދި އަނގަބަހުން ލޯބިވެޔޭ ބުނުމަކީ ބައެއް މީހުން ވަރަށް ލަދުގަންނަ ކަމަކަށްވެފައިވާ ކަންވެސް ސޯދުބެ ފާހަގަކުރެއްވި އެވެ. ސޯދުބެ ވިދާޅުވީ އެއީ ވަރަށް ދެރަ ކަމެއް ކަމަށާއި، ލޯބިވާ ވަހަކަ ގިނަގިނައިން ބުނެލުމަކީ ވަރަށް ރަނގަޅު ސިފައެއް ކަމަށެވެ.
ނަމަވެސް އެވަރު އެއްޗެއް ބުނެލުމަކީ އެވަރުކަމެއް ނޫން ކަމަށާއި، ލޯބިވެޔޭ ބުނުމަކީ ވެސް ތިމާގެ ފުށުން އަނެކާއަށް ކުރެވޭ ސޮދަގާތެއް ކަމަށްވެސް ސޯދުބެ ވިދާޅުވިއެވެ. ލޯބިވެޔޭ ބުނެލުމުން އަނެކާއަށް ކުރާ ހެޔޮ އަސަރާއި ލިބޭ އުފާވެރިކަން މާބޮޑު ކަމަށާއި، އަހަރުމެންގެ މާތް ރަސޫލާ އަަބަދުވެސް ކަންތައް ކުރައްވަނީ އެހެންކަމަށްވެސް ސޯދުބެ ވިދާޅުވެދެއްވި އެވެ.
ދިވެހިންގެ ހިތްތަކުން ގަދަރާއި ލޯބި ދެވިފައިވާ ދިވެހިބަހުގެ އުސްތާޒް ސޯދުބެގެ އެދުމަކީ އެކަކު އަނެކަކަށް ލޯބި ދިނުމެވެ. އަދި މާބޮޑު ކަމަކަށް ނުހަދައި އަބަދުވެސް އެކަކު އަނެކަކަށް "ވަރަށް ލޯބިވޭ" އޭ ބުނެލުމެވެ.
ޚަބަރުގަ ކުށެއް ކިޔާ އިރަށް ގުޅުއްވާނެ.ފޯން ކޯލް ނިންމަވާލާނީ ވަރަށް ލޯބިވެޔޭ ވިދާޅުވެފަ.
މަރުހަބާ އުސްތާޒު ޢަސްލު ހީކުރީ ދިވެހިބަހުން ބުނަން ލަދުގަންނަ ވާހަކަ ކަމަށް. ގިނަ ޒުވާނުން " ލަވް ޔޫ" ޢޭ ކިޔާތީ.
މީގެފަހުން ހަމަ ފެންނައިރަށް ބުނާނަން ވަރަށް ލޯބިވެޔޭ...
ގިނަގިނައިން ލޯބިވެޔޭ ބުނާށެ.. ލޯބި ލިބޭނީ ލޯބި ދީގެން...