ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކަންކަމުގައި ފާޑުކިޔަނީ އެމަނިފާނު ގެންގުޅުއްވާ ދިވެހިންނާއި ބީރައްޓެހި އަދި ޤައުމާއި ދީނީ އެއްބައިވަންތަކަން ގެއްލޭ މިންވަރަކަށް ދައްކަވާ ވާހަކަފުޅާއި އަމަލުތަކުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އެޕާޓީން މިހެން ބުނީ ޖޭޕީ އާއި އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ފަހަކަށް އައިސް އެކި ހަފުލާތަކުގައި ދައްކަވާ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވާ އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މީޑިއާގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އެޕާޓީގެ ސެކްރެޓޭރިއަޓުން ރޭ ނެރުނު ސްޓޭޓްމަންޓް އެއްގައެވެ.

އެޕާޓީން ބުނެފައި ވަނީ، ޖޭޕީން ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މިސަރުކާރު ދަމަހައްޓަން ބުރަ މަސައްކަތްތަކެއް ކުރަަމުންދާ ކަމަށާއި، އަދި ކޯލިޝަން ހެދީވެސް ޚިޔާލް ތަފާތުވެ މަޝްވަރާގެ ރިވެތި އުސޫލުތަކުން ޚިޔާލު އެއްގޮތްކޮށް މަސައްކަތްކުރާ ލީޑަރޝިޕްއެއް ދެމެހެއްޓުމަށް ކަމަށެވެ.

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އާއި އަނބިކަނބަލުން އައިޝާ އާއި ކުރީގެ ރައީސް މުހައްމަަދު ނަޝީދާއި ނާއިބު ރައީސް ފައިސަލް ނަސީމް

ޖޭޕީން ބުނީ މިހާތަނަށް މި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެެއްވެސް މިންވަރަކަށް އެ ޕާޓީން ފާޑުކިޔާފައި ނުވާނެ ކަމަށެވެ. ނަމަވެސް ޕީޖީ ލީޑަރު އާޒިމް ދެއްކެވި އެ ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށްވެސް އެޕާޓިން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ފާޑުކިޔާކަމަށް ވިދާޅުވި ވާހަކައާއި ގުޅިގެން ޖޭޕީގެ ސެކްރެޓޭރިއަޓުން ބުނެފައިވަނީ، އެމަނިކުފާނު ކުރައްވާ ކަންކަމުގައި ފާޑުކިއަން ޖެެނީ ފާޑުކިޔާނެ މިންވަރަށް އެކި ކަންކަމުގައި ގެންގުޅުއްވާ ދިވެހިންނާއި ބީރައްޓެހި ޤައުމީ ދީނީ އެއްބައިވަންތަކަން ގެއްލޭ މިންވަރަށް ދައްކަވާ ވާހަކަފުޅާއި އަމަލުތަކުގެ ސަބަބުން ކަމަށެވެ.

ޖޭޕީ ކޯލިޝަންގައި އޮތްނަމަވެސް އިސްލާމްދީނާއި ގައުމާއި ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކުރާނަމަ އެކަމަކާ ދެކޮޅަށް ޖޭޕީން ވާހަކަ ދައްކާނެ. އަދި ކަންކަން އިސްލާހު ކުރަން ބާރު އަޅާނެ. މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ޖޭޕީ މަރުހަބާކިޔަން."
ޖޭޕީގެ ސެކްރެޓޭރިއަޓް

ޖޭޕީން އިތުރަށް ބުނެފައި ވަނީ އެޕާޓީ އަބަދުވެސް ދެމިއޮންނާނީ ކޯލިޝަން ވެރިކަން ހެޔޮގޮތުގައި ދަމަހައްޓައި ރައީސް ސޯލިހަށް އެއްބާރުލުން ދިނުމަށް ކަމަށްވެސް ޖުމްހޫރީޕާޓީން ވަނީ ބުނެފައެވެ.

ނަމަވެސް އެ ޕާޓީން ވަނީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަހަކަށްއައިސް ސަރުކާރުގެ ކަންކަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދެއްކެވުން އާއްމުވެފައި ވާއިރު، މިވަގުތު އާޒިމް އެ ދެއްކެވި ވާހަކައިން ރައީސް ސޯލިހުގެ ސަރުކާރަކީ އެމްޑީޕީ އާއި ރައީސް ނަޝީދު ހިމެނޭ ސަރުކާރެއް ނޫންކަން ދޭހަވާކަން ފާހަގަ ނުވޭތޯ؟ ސުވާލު އުފައްދާފައެވެ.