މިދިޔަ އަހަރު ހުޅުވަން ތާވަލުކުރި ގައުމީ ފުޓްބޯޅަ އެކަޑަމީގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އަންނަ ފެބުރެއަރީގައި ހުޅުވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތާވަލުކޮށްފި އެވެ.

ސަރުކާރުން ޚަރަދުކޮށްގެން ހެދުމަށް ހަމަޖެހިފައިވާ ގައުމީ ފުޓްބޯޅަ އެކަޑަމީ ހެދުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސާފަައިވާއިރު، މި މަޝްރޫއަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓުންނެވެ. އެކަޑަމީގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު ފެށިއިރު، އޭރު އެފްއޭއެމުން ބުނެފައިވަނީ ތިން މަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު އޭރު ވިދާޅުވީ ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލަން އަމާޒުހިފި ނަމަވެސް، މަސައްކަތް ލަސްވީ ހުޅުމާލެއިން އެފްއޭއެމަށް ލިބުނު ބިމުގެ ދަތިކަމުގެ ސަބަބުން ކަމަށެވެ.

ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ، ފުޓްބޯޅަ އެކަޑަމީގެ އިމާރާތް ކުރިއަށް ދާ ހުޅުމާލޭގެ ސައިޓަށް ވަޑައިގެން މަސައްކަތް ބައްލާވާލައްވާފައެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އެކޮމެޑޭޝަން ބުލޮކަކާއި ޓާފު ދަނޑެއްގެ އިތުރުން އޮފީހެކެވެ. މަސައްކަތް ބައްލަވާލެއްވުމަށްފަހު ބައްސާމް ވިދާޅުވީ ފުޓްބޯޅަ އެކަޑަމީގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އަންނަ ފެބުރެއަރީގައި އެތަން ހުޅުވޭނެ ކަމަށެވެ.

އެފްއޭއެމް އިން މީގެ ކުރިން ބުނެފައިވަނީ ފުޓްބޯޅަ އެކަޑަމީ ހެދުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު އެކަޑަމީއަކާއި ގުޅިގެން ކަމަށެވެ. އަދި އެކަޑަމީ ކުރިއަށްދާނީ ފީފާ އާއި އޭއެފްސީގެ ގަވާއިދުތަކާއި އެއްގޮތަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މި އެކަޑަމީއަށް ކުދިން ނެގުމަށް ހަމަޖެހިފައިވަނީ އެފްއޭއެމްގެ ޓެކްނިކަލް ސްޓާފުން އަތޮޅު ތެރެއަށް ގޮސްގެން ކަމަށާއި، އެކަޑަމީއަށް ފުރަތަމަ ނަގާނީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ކުދިން ނަގާއިރު ބޮޑަށް ބަލާނީ ފުޓްބޯޅައަށް މަޝްހޫރު ރަށްތަކަށް ކަމަށާއި، އެކަޑަމީއަށް ހޮވޭ ކުދިން އެކަޑަމީގައި ދިރިއުޅޭ ގޮތަށް ބަދަލުކޮށް މާލޭގެ ސްކޫލްތަކުން އެ ކުދިންގެ ކިޔެވުން ހަމަޖައްސައިދޭނެ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.