3 ނޮވެމްބަރު 1988 / ބުރާސްފަތި:

ފަތިހެއްގެ ހަމަހިމޭން ވަގުތެވެ. ދިވެހިރާއްޖެ އޮތީ ހަމަހިމޭން ކަމުގެ އަރާމު ނިންޖެއްގެ ތެރޭގައެވެ. އެހެންނަމަވެސް މި އަރާމު ނިދިން ދިވެހިން ހޭލައްވާލީ ރާއްޖޭގެ ވެރިރަށް ފުރަމާލެއިން އިވިގެންދިޔަ ބާރު އަޑުތަކެވެ.

އޭގެކުރިން ސިފައިންގެ ތަމްރީނުތަކުން ނޫނީ ފިލްމަކުން ނޫންގޮތަކަށް ދިވެހިން އަޑުއަހާފައި ނުވާހާ ބާރު އަޑުތަކެއް އިވެންފެށިއެވެ. އެ އަޑުތަކަކީ މިދިވެހި ލޭހިނގާ ދިވެހި މަންމައަކާއި ބައްޕަ އަކަން އުފަން މިގައުމަށް ޣައްދާރުވި ޚާއިނުންތަކެއް ތިމާގެ އަޚުންނާއި އުހްތުންގެ ލޭ އޮހޮރުވާލައި ތިމާގެ އަމިއްލަ ބިން ފަސާދަކުރުމަށް ބޭރުގެ ކުލީ ސިފައިން ގުޅިގެން މި ރާއްޖެއަށް އަތް ގަދަވެގަތުމަށް މާލެ އަރައި ހަމަލާތައް ދޭންފެށި އަޑެވެ. ހަމަހިމޭންކަން ބަދަލުވެގެން ދިޔައީ ނާމަންކަމާއި ކަޅުއަނދިރި ކަމަށެވެ. އަމާން ފިނި ފަތިހެއްގެ ހިތްގައިމުކަން ގެއްލި މުޅި ދުވަސް ބަނަވެ އަދިރިވެ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދިއައީ ތަސައްވުރު ކުރަންވެސް ދަތި ގޮތަކަށް އެހާމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

މާލެ އައުމަށްޓަކައި ދުޝްމަނުން ލަންކާގެ މުއްލި ކުލަމުން ފުރީ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. 870 ކިލޯމީޓަރުގެ ދިގު ރާސްތާއެއް ކަޑައްތު ކުރުމަށް ފަހު އެމީހުންނަށް މާލެ ފޯރީ 5 ދުވަސް ފަހުން ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. 80 އެއްހާ އަދުއްވުންނާއި އެކު ރާއްޖެ އެރި އެ ގްރޫޕުގައި އެންމެ އިސްމީހެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ މި ދިވެހި ލޭހިނގާ ދިވެހި ދަރިއެކެވެ. މި ގައުމުގެ ލޭ އޮހޮރުވުމުގައި ލީޑަރެއްގެގޮތުގައި ހުރީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއެވެ.

މާލެ އަރައި އެމީހުންގެ އެންމެ ފުރަތަމަ އަމާޒަކަށް ވެގެންދިޔައީ ބަންޑާރަ ކޮށީގެ މައި ދޮރާއްޓެވެ. އެވަގުތު އެ ދޮރާށީގައި ޑިއުޓީ އަދާކުރަން ތިބީ މިދިވެހި ގައުމު މިއަދު އެ ނަމަކުން ފަހުރިވެރިވާ ޝަހީދު ކޯޕްރަލް ހުސައިން އާދަމް އަދި އެކުގައި ޝަހީދު ކޯޕްރަލް މުހައްމަދު ހަސަންއެވެ.

އެ ދުޝްމަނުން ވަނީ ރާއްޖޭގެ ބައެއް އިސްވެރިންވެސް ހައްޔަރުކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެކަން ކާމިޔާބުނުވި ކަމުގައިވިޔަސް ބައެއް ދިވެހިން ވަނީ ދުޝްމަނުންގެ އަތްދަށުވެފައެވެ. އެގޮތުން ޕްރޮގްރެސް ލައިޓް ހައިޖެކް ކުރިއިރު އޭގައި ތިބި 14 ފަޅުވެރިންނާއި މާލެ ތެރެއިން ރަހީނުކޮށްގެން އެއަށް އެރުވި 14 މީހުން ވަނީ ދުޝަމުންގެ އަތް ދަށުވެފައެވެ.

ރާއްޖެއަށް އަތްގަދަ ކުރުމަށް ދިން މިއުދުވާނީ ހަމަލާގެ ޝިކާރައަކަށްވީ ހަމައެކަނި ރަށަކީ ވެރިރަށް މާލެ ކަމުގައިވީ ނަމަވެސް އަތޮޅު ތެރެއިން އެ ދުވަހު މާލެ އައި މީހުންވެސްވަނީ މިދުވަހުގެ ހިތި ތަޖުރިބާ ކޮށްފައެވެ. އެ ޒަމާނަށް ބަލާއިރު އެރު ރާއްޖޭގައި މާބޮޑު މުވާސަލާތީ ގުޅުންތަކެއް ނޯންނާނެއެވެ. ހުރިހާ ވެސް އެއްޗަކީ ރޭޑިއޯއެެވެ. ފޯނުގެ ބޭނުންވެސް މާބޮޑަށް ހިފާ ޒަމާނަކަށް ނުވާއިރު މައުލޫމާތު ލިބގަތުމަށް އޮތް ރޭޑިއޯވެސް އަޑު އެހެނީ ދުވާލުގެ ވަކި ގަޑިތަކެއްގައެވެ. އަދި ރޭގަނޑުގެވެސް ވަކި ވަގުތުތަކެއްގައެވެ. 24 ގަޑިއިރު އެ ޚިދުމަތްވެސް ލިބޭކަށް ނުހުރެއެވެ.

ކަން މިހެން އޮތް އިރު އާންމު ގޮތެއްގައި ރޭޑިއޯގެ ޚިދުމަތް ލިބޭ ވަގުތުގައި ނުލިބުން ވެގެންދިޔައީ އެކަމާމެދު އިންތިހާއަށް ދިވެހިން ކަންބޮޑުވި ކަމަކަށެވެ. 3 ނޮވެމްބަރު 1988 ވަނަ އަހަރުގެ ފަތިހުގެ ވަގުތު ރޭޑިއޯއިން ފޮނުވާ ކީރިތީ ޤުރުއާނާއި ޕްރޮގްރާމްތައް ދިވެހިންނަކަށް އަޑެއް ނީވުނެވެ. ދިމާވީ ކޮން ކަމެއްކަން ކޮން ތަނެއްގައިކަން އެނގޭމީހަކު އެދުވަހު މަދެވެ. މިފަދަ ކަންބޮޑުވުމެއްގެ ތެރޭގައި ދިވެހިން ތިބިއިރު ރަށްރަށަށް މި މައުލޫމާތުތައް ގެންގޮސްދީ އެކަން އަންގައިދިނުމަށްވެސް ބައެއް މީހުން ވަނީ އެކި ގޮތް ގޮތުން މަސައްކަތް ކޮށްފައެވެ.

އޭރުވެސް ރަށްރަށުގައި ވަރަށް މަދު ފަހަރަކު ރޭޑިއޯ މެދުވެރިކޮށް ބީބީސީ ފަދަ ޗެނަލްތަކުގެ އަޑު އަހައެވެ. އާންމުކޮށް ރޭޑިއޯއިން ލިބޭ ޚިދުމަތް ނުލިބި ގައުމުގެ ކަންކަން އޮޅުން ފިލާފައި ނުވާއިރު އަތޮޅު ތެރެއަށް މާލޭގެ ހާލަތު ކޮންމެސް މިންވަރަކަށްވެސް ފޮޜުވެފައި ވަނީ މި ދެންނެވި ފަދަ ޗެނަލް ތަކުގެ ހަބަރުތަކުން އެވާހަކަ އިއުލާނު ކުރުމުންނެވެ.

އެހެންނަމަވެސް އެ މައުލޫމާތު ލިބުން ވެގެންދިޔައީ އެކަމާމެދު އިތުރަށް ކަންބޮޑުވެ އާންމުންގެ ހިތުގައި އޮތް ނުތަނަވަސްކަން އިތުރުވެގެން ދިޔަ ކަމަކަށެވެ. އެންމެންވެސް އަވަށް ވެގަތީ ހިނގައިގެން އުޅޭ ކަން ބަލާ ސާފު ކުރުމަށެވެ. އެހެންނަމަވެސް އޭރު ކުރާނީ ކީއްތޯއެވެ؟ އަތަކު މޯބައިލް ފޯނެއް ނެތެވެ. އިންޓަނެޓާއި މި ނޫންވެސް މިފަދަ އެއްވެސް ވަސީލަތެއް ނެތެވެ.

މިފަދަ ހާލުގައިވެސް ރަށް ރަށުގެ ރަށު އޮފީސްތަކުން އަތޮޅު އޮފީސްތަކަށް އަދި އަތޮޅު އޮފީސް ތަކުން މާލެ އޮފީހަށް ގުޅައި މައުލޫމާތު ހޯދައި އާންމުންނަށް ފޯރުކޮށްދިނުމުގައި ކަތީބުންނާއި ވޯކީޓޯކީ އޮޕަރޭޓަރުން ވަނީ ތައުރީފު ހައްގު ހީވާގި މަސައްކަތެއް ކޮށްފައެވެ. އެ މަގުން ރަށްރަށުގައި ކަން ކުރަންވީ ގޮތް މާލެއިން ގެންދިޔައީ ބަރާބަރަށް އަންގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުންނެވެ. މުޅި ރާއްޖެއަށް ދިމާވި މި ބޮޑު އުދުވާނުގެ ކަންބޮޑުވުން އަތޮޅުތަކުގައި ތިބި ދިވެހިންގެ ހިތުން ފިލައިގެން ދިޔައީ އަނެއްކާވެސް ރޭޑިއޯގެ ޚިދުމަތް ރަނގަޅަށް ލިބެން ފެށި ހިސާބުންނެވެ.

ޚާއިނުންގެ އަތްދަށުގައި 18 ގަޑިއެއްހާއިރު އޮތުމަށް ފަހު އަވައްޓެރިންނާއި ގުޅިގެން ދިވެހި ހިތްވަރުގަދަ ސިފައިން ކުރެއްވި ޖިހާދުން ދިވެހި ގައުމު ސަލާމްތްވީ ސިފައިންގެ ލޭފޮދުން ދިވެހި ތާރީޚްގެ ބަތަލުންގެ އާސަފުހާއެއް ލިޔެލުމަށް ފަހުގައެވެ. ދިވެހިންނަށް ނަސްރު ލިބިގެންނެވެ. އެހެންނަމަވެސް މިހާދިސާގައި ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި އެއްވެސް ކުށެއް ނެތް ދިވެހި ރައްޔިތުންގެ ތެރެއިން 11 ޢާންމުންނާއެކު ޝަހީދުވި 19 ދިވެހިންގެ ލެއިން މިދިވެހި ފަސްގަނޑު ރަތްކޮއްލިއެވެ.

ރާއްޖެއަށް އަމާޒުވި މި ކުއްލި ހަމަލާއަށް އެންމެ ފުރަތަމަ ރައްދުދެއްވީ ޝަހީދު ކޯޕްރަލް ހުސައިން އާދަމްކަމަށް އެދުވަހުގެ ތާރީހު ކިޔައިދެއެވެ. ދިވެހި ސިފައިންގެ ލަޝްކަރު ރުކުރުވާލައި ދުޝްމަނުން އިނދަޖައްސާލަން ފުރުސަތު ލިބިގެންދިޔައީ ޝަހީދު ހުސައިން އާދަމްގެ ސަބަބުންނެވެ. ދުޝްމަނުންގެ ހަމަލާތަކަށް ރައްދުދެއްވުމުގައި އެންމެ ފަހު ވަޒަނާއި ޖެހެންދެންވެސް ދެމިހުންނެވީ ދީނާއި ވަޒަނަށްޓަކައި ގައުމާއި ދީނުގެ ދިފާއުގައެވެ. އުމުރުން އެންމެ 20 އަހަރުގައި ސާބިތު ކަމާއެކު ނިކުމެ ހުންނެވީ "އަންނާނެ ތީރެއް އުންޑައެއް ފެނިގެން އަމާޒު ވެވިގެން މެއަށް ގަންނާ ކުރެއްވި ބިރުން ފިލަން ދާމީހަކަށް މަ ނުވާނަމޭ" މި އަޒުމުގައެވެ. ހަށިކޮޅުން އޮހޮރުނު ލެއިން ބިމުގައި ކޯރު ހެދިފައިވަނިކޮށް އެންމެ ފަހުން މިދުނިޔެއަށް އަލްވަދާއު ކިޔައި މާތް ﷲ ގެ ރަހްމަތަށް ދަތުރުކުރިއެވެ. މި ގައުމުގެ ދިފާއުގައި ޝަހީދުވެވަޑައިގެން ސިފައިންގެ މައި މަރުކަޒުގެ ކުރިމައްޗަށް ވެއްޓިވަޑައިގެންނެވިއެވެ.

ކަޅު އަނދިރިކަމާއި ނާމާން ކަމުން ފުރިފައިވާ އެ ބިރުވެރި ދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރަކީ ދުވަހަކުވެސް ދިވެހިން އެ ހިތްވަރު މަތިން ހަނދާން ނެތޭނެ އަދި އެއަށް ޝުކުރުވެރިވުން ކޮޅުންލާނެ ހިތްވަރެއް ނޫނެވެ. ތަމްރީނުތަކުގައި ނޫން ގޮތަކަށް އެފަދަ ބަޑީގެ ބޭނުންވެސް ކޮށްފައި ނުވާ ސިފައިން އެދުވަހު ހިތްވަރާއެކު ބަޑިތައް އުފުލާލީ މާތްވެގެންވާ އިސްލާމް ދީނާއި ހުއްބުލް ވަތަނާއި ދިވެހި ރައްޔިތުންނާއި އަމިއްލަ ނަފްސަށް ހަމަލާދޭން ތިބި ދުޝްމަނުންނާއި ދެކޮޅަށެވެ.

ގައުމާއި ދީނުގެ ދިފާއުގައި އަންނާން ހަމަލާއެއް ތީރެއް އުންޑައެއް ވަޒަނަކަށް ބެލުމެއްނެތި ކުރި ބޮޑު ހަނގުރާމައިގެ ތެރޭގައި ސިފައިންގެ އަށް ބޭކަލުން ޝަހީދުވިއެވެ.

އެ ބޭފުޅުންނަކީ:

  • ޝަހީދު ކޯޕްރަލް ހުސައިން އާދަމް
  • ޝަހީދު ލެފްޓިނެންޓް މޫސާ އަހުމަދު
  • ޝަހީދު ކޯޕްރަލް ހުސައިން މުހައްމަދު
  • ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހިމް
  • ޝަހީދު ސާޖަންޓު އާދަމް ނަސީރު
  • ޝަހީދު ކޯޕްރަލް މުހައްމަދު ހަސަން
  • ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރު
  • ޝަހީދު ސާޖަންޓު ކުޑަ އާދަން ތުއްތު

މުޅި ރާއްޖެއަށް ކުރިމަތިވި މި ކަޅު ދުވަހަށް މިހާރު 31 އަހަރު ވެފައި ވީނަމަވެސް މިއީ ދިވެހިންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެންދާނެ ދުވަހެއް ނޫނެވެ. ޤައުމާއި ދީނުގެ ދިފާޢުގައި ޝަހީދުވެގެން އެކިތަންތަނަށް ވެއްޓިފައިވާ މަންޒަރާއި އެކިތަންތަނަށް ވަޒަން އަރައިގެން ފަރުވާއެއް ހޯދުމަށް އެކި ދިމަދިމާލަށް ދިވެހިން ދުވި މަންޒަރު ދުށް މީހުން އަދިވެސް ދުނިޔޭގައި އެބަ ތިއްބެވެ. އެދުވަހު ޝަހީދުވި މީހުންގެ މައިންބަފައިންނާއި ލޯބިވާ އަނބިދަރީން އަދި އެކުގައި އުޅުނު ރަހުމަތްތެރީން އަދިވެސް މި ދުނިޔޭގައި އެބަތިއްބެވެ. ބަޑީގެ ވަޒަނުން ޒަހަމްވެ، ލެއިން ތަތްތެޅިފައިވާ ދިވެހިން އަތްދަނޑިމަތީގައި އުފުލި ހިތްވަރުގަދަ ދިވެހީން އަދިވެސް މި ދުނިޔޭގައި އެބަތިއްބެވެ. އެމީހުންގެ ހަނދާނުގައި މި މަންޒަރުތައް ވަނީ ޝަހީދުންގެ ގައިން އޮހޮރުނު ލެއިން ބިންވަޅުނެގިފައެވެ.

މާތްވެގެންވާ އިސްލާމް ދީނާއި މި ލޮބުވެތި ގައުމާއި ގައުމުގެ ރައްޔިތުންގެ ހައްގުގައި ދިފާއުކޮށް މި ފަސްގަނޑައްޓަކައި، މި ގައުމުގެ އިއްޒަތާއި ޝަރަފަށްޓަކައި، ވިހުރެމުންދާ ފަހުރުވެރި ދިދައަށްޓަކައި ޝަހީދުވެގެން ދިޔަ ބަތަލުންގެ ހަނދާނަކީ މިގައުމު ދެމިއޮތްހާ ދުވަހަކު ފިލައިދާނެ ކަމެއް ނޫނެވެ. އެއީ މިގައުމާއި ކުރިޔަށް އޮތް ޖީލްތައްވެސް ފަހުރުވެރިވާނެ ބަތަލުންނަކީ 3 ނޮވެންބަރުގެ ޝަހީދުންނެވެ.