ބަންގްލަދޭޝްގެ އިތުރު ދެޓީމަކުން ފުރުސަތު ލިބުނު ކަމަށާއި، ސައިފް ސްޕޯޓިން ކްލަބުގެ ކޯޗުކަމާ ހަވާލުވާން ނިންމީ އެޓީމުގެ ހުށަހެޅުން ރަނގަޅުވުމުން ކަމަށް މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައިފް ސްޕޯޓިން ކްލަބުގެ ކޯޗުކަމާ ހަވާލުވާން ނިޒާމްބެ ނިންމިއިރު، މިއީ ރާއްޖޭގެ ކޯޗަކު ބޭރުގެ ގައުމެއްގެ އެންމެ މަތީ ޑިވިޝަނުގެ ޓީމަކާ ހަވާލުވާނެ ފުރަތަމަ ފަހަރެވެ.

ނިޒާމްބެގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު ޓާފް ދަނޑުގައި ކުޅުނު ހާއްސަ މެޗަށްފަހު ނިޒާމްބެ ބުނީ މި ފުރުސަތު އޭނާއަށް ލިބިގެންދިޔުމާއެކު، މިއީ ދިވެހި ކޯޗުންނަށް ބޭރު ގައުމުތަކުގައި މަސައްކަތް ކުރުމަށް ހުޅިވގެންދިޔަ ދޮރެއް ކަމަށެވެ. އަދި މިދިޔަ އަހަރުގެ ލީގު ޗެމްޕިއަންކަން ލިބުނު ހިސާބުން ބޭރުގެ ޓީމަކާ ހަވާލުވާން ވަރަށް ބޮޑަށް ބޭނުންވި ކަމަށާއި، ބަންގްލަދޭޝް ޓީމަކުން ފުރުސަތު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރި ކަމަށްވެސް ނިޒާމްބެ ބުންޏެވެ. އެގޮތުން ސައިފްގެ އިތުރަށް ބަންގްލަދޭޝްގެ އިތުރު ދެ ޓީމަކުން ފުރުސަތު ލިބުނު ކަމަށާއި، ސައިފް އިޚުތިޔާރު ކުރީ އެޓީމުގެ ހުށަހެޅުން ރަނގަޅުވުމުން ކަމަށްވެސް ބުންޏެވެ.

ނިޒާމްބެގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު ޓާފް ދަނޑުގައި ކުޅުނު ހާއްސަ މެޗުގައި ބައްދަލުކުރީ ނިޒާމްބެ އެކުލަވާލި ޓީމަކާއި މޯލްޑިވްސް ސޮކާ މޭޓްސްގެ ޓީމެކެވެ. މި މެޗަށްފަހު ނިޒާމްބެގެ ބޭބެ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ ނިޒާމްބެއަށް ލިބުނު މި ފުރުސަތަކީ ދިވެހި ކުޅިވަރަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭގައި ކޯޗުކަން ކުރުމަށް އަންނަނީ ސަރަހައްދީ ގައުމު ތަކުގެ ކޯޗުން ކަމަށާއި، މުޅިން އަލަށް ރާއްޖޭގެ ކޯޗަކަށް މި ފުރުސަތު ލިބުމަކީ ދިވެހި ކުޅިވަރަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށްވެސް ބުންޏެވެ.

ނިޒާމްބެގެ ކާމިޔާބީ ފާހަގަކުރަން މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފާއިދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ޒުވާން ގައުމީ ޓީމުގެ ކޯޗަކަށް މި ފުރުސަތު ލިބުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ކާމިޔާބެއް ކަމަށާއި، މިކަން ދިވެހި ފުޓްބޯޅަ އާއިލާއިންވެސް ފާހަގަކުރާއިރު، އެފްއޭއެމްއިންވެސް އެކަން ފާހަގަކުރާ ކަމަށް ބުންޏެވެ.

ސައިފް ސްޕޯޓިން ކްލަބުގެ ކޯޗުކަމާ ހަވާލުވާން ނިޒާމްބެ ނިންމިއިރު، ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުހިފާ، ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމަށް ނިޒާމްބެ ހަމަޖައްސާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. އެއަށްފަހު ނިޒާމްބެގެ އިރުޝާދުގެ ދަށުން ޒުވާން ޓީމުން ތިން މުބާރާތެއްގައި ވާދަކުރިއިރު، ރަނގަޅު ނަތީޖާތަކެއް ވަނީ ނެރެފައެވެ.

މި މަހުގެ ފަސްވަނަ ދުވަހު ސައިފް ސްޕޯޓިން ކްލަބާ ނިޒާމްބެ ހަވާލުވާއިރު، ނިޒާމްބެ އޭއެފްސީ އޭ ލައިސަންސް ނެގީ މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ކޯހެއްގައި ބައިވެރިވުމަށްފަހުއެވެ.

ނިޒާމްބެ ވަނީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބާއެކު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެފްއޭއެމުން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ވަނީ ހޯދާފައެވެ. މީގެއިތުރުން ރާއްޖޭގެ ކްލަބެއް ބޭރުގެ މުބާރާތެއްގެ ތަށި ޓީސީން ހޯދިއިރު އެ ޓީމުގެ ކޯޗަކަށް ހުރީވެސް ނިޒާމްބެއެވެ.

ސައިފް ސްޕޯޓިން ކްލަބާ ނިޒާމްބެ ހަވާލުވާއިރު، މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ނިޒާމްބެގެ ކޯޗުކަމުގައި ޓީސީން ވަނީ ސައިފްގެ މައްޗަށް ކުރިހޯދާފައެވެ.