އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި މެންޗެސްޓާ ސިޓީ ފަހުވަގުތު މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި އެސްޓަން ވިލާ އަތުން ފަހުވަގުތު 2-1 އިން ލިވަޕޫލް މޮޅުވިއިރު، އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ ސައުތެމްޓަން އަތުން 2-1 އިންނެވެ.

އެސްޓަން ވިލާ އާއި ލިވަޕޫލް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މެޗު ފަށައިގެން 21 ވަނަ މިނެޓުގައި އެސްޓަން ވިލާއިން ވަނީ ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޓްރެޒެގެޓް އެވެ.

ދެވަނަ ހާފުގައި ލިވަޕޫލުން ކުޅުން ރަނގަޅުކުރި ނަމަވެސް، ލިވަޕޫލްގެ ގިނަ ހަމަލާތަކެއް އެސްޓަން ވިލާގެ ގޯލްކީޕަރު ޓޮމް ހީޓަން ވަނީ ދިފާއު ކޮށްފައެވެ. އެކަމަކު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ސަޑިއޯ މާނޭ ނަގައދިން ހުރަހަކުން ޑިފެންޑަރު އެންޑީ ރޮބަޓްސަން ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އިތުރު ވަގުތުގައި ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ނަގައިދިން ކޯނަރަކުން މާނޭ ވަނީ ގޯލެއް ކާމިޔާބުކޮށް ލިވަޕޫލް މެޗުން މޮޅުކޮށްދީފައެވެ.

މި މޮޅާއެކު ލިވަޕޫލުން ވަނީ ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑު ދަމަހައްޓާފައެވެ. ކުޅުނު 11 މެޗުން އެޓީމަށް ވަނީ 31 ޕޮއިންޓު ލިބިފައެވެ.

ސިޓީ އާއި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން ---

ތާވަލުގެ ދެވަނައިގައި އޮތް ސިޓީއަށް ކުޅުނު 11 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ސައުތެމްޓަނުން ވަނީ ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް ވޯޑް އެވެ.

އެކަމަކު ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅުކުރިއިރު، 70 ވަނަ މިނެޓުގައި ފޯވާޑް ސާޖިއޯ އަގުއޭރޯގެ ގޯލުން ސިޓީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މި މެޗުން ސިޓީ މޮޅުވީ މެޗު ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ޑިފެންޑަރު ކައިލް ވޯކާ ކާމިޔާބުކުރި ގޯލުންނެވެ.

ލިވަޕޫލާއި ސިޓީ މިރޭގެ މެޗުތަކުން މޮޅުވިއިރު، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ވަނީ މިރޭ ބޯންމަތު އަތުން 1-0 އިން ބަލިވެފައެވެ.