ޕާކިސްތާނުގައި، ރައްޔިތުން އިންތިޚާބު ކޮށްފައިވާ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރަށާއި، ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް، ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާއިން ބުނެފިއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން މިކަން ހާމަކޮށްފައި މިވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރުގެ އާދީއްތަ ދުވަހުގެ ނިޔަލަށް އިސްތިއުފާ ދިނުމަށް ގޮވާލައި، ވެރިރަށް އިސްލާމްއާބާދަށް އެތައްހާސް އާންމުން ޖަމާވެފައި ވަނިކޮށެވެ.
ޚަބަރު ލިބޭގޮތުގައި، އަހަރު ނުވާ މިހާރުގެ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި ވެރިރަށަށް ޕާކިސްތާނުގެ އެކި ހިސާބުތަކުން މީހުން ޖަމާވެފައި ވެއެވެ. ވެރިރަށް މީހުން އެއްކޮށްފައިވަނީ ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުންނެވެ.
ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ދުރުކުރަން ޕާކިސްތާނުގެ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތައް އަތުގުޅާލާފައި ވާއިރު، އިދިކޮޅު ފަރާތްތަކުން އިއްޔެވަނީ އިމްރާން ޚާންއާއި، ސަރުކާރު އިސްތިއުފާ ދިނުމަށް ދެދުވަހުގެ މުހުލަތު ދީފައެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ އިމްރާން ޚާންގެ ސަރުކާރަކީ ޣައިރުގާނޫނީ ސަރުކާރެއް ކަމަށެވެ. އެ ސަރުކާރު ދަމަހައްޓަނީ އަސްކަރީން އަޑީގައި ތިބެގެން ކަމަށެވެ.
އިމްރާން ޚާން ވެރިކަމަށް ގެނައީވެސް އަސްކަރީން އަޑީގައި ތިބެގެންކަމަށް އިދިކޮޅު ފަރާތްތަކުން ކުރިންވެސް ގެންދިޔައީ ބުނަމުންނެވެ. އިންތިޚާބު އިމްރާން ޚާންއަށް ކާމިޔާބުވާ ގޮތަށް އަސްކަރީން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތުތައް ކުރަމުން ގޮސްފައި ވެއެވެ.
ޕާކިސްތާނު ވުޖޫދުވީފަހުން މި ވީހާތަނަށް އެގައުމުގެ ތާރީޚްގެ ދެބައިކުޅަ އެއްބައިގައި ވެރިކަން ކޮށްފައިވަނީ އަސްކަރީންނެވެ. ޕާކިސްތާނުގެ ސަލާމަތީ ކަންކަމާއި، ޚާރިޖީ ކަންކަމާ ގުޅޭ ސިޔާސަތުތައް މިހާރުވެސް އެކަށައަޅަނީ އަސްކަރީންނެވެ.
ނަމަވެސް، ސިޔާސީ ކަންކަމަށް އަތްބާނާ ކަމަށް ކުރެވޭ ތުހުމަތުތަކާ އަސްކަރިއްޔާ ގެންދަނީ ދެކޮޅު ހަދަމުންނެވެ. އިމްރާން ޚާން ވެރިކަމަށް ގެނައުމުގައި އެއްވެސް ދައުރެއް ނޯންނާނޭ ކަމަށްވެސް ގެންދަނީ ބުނަމުންނެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި ނަމަވެސް، އިސްތިއުފާ ނުދެއްވާނޭ ކަމަށް ބޮޑުވަޒީރު އިމްރާން ޚާން ގެންދަވަނީ ވިދާޅުވަމުންނެވެ.
މުޒާހަރާގައި އިސްކޮށް އުޅޭ ދީނީ ޕާޓީއެއް ކަމަށްވާ ޖަމާއަތު އުލަމާ އިސްލާމް ފަޒުލް ޕާޓީގެ ލީޑަރު ފަޒުލުއްރަހްމާންވަނީ، މިމައްސަލާގައި ވަކި ފަރާތަކަށް ނުޖެހުމަށް ނުސީދާކޮށް އަސްކަރިއްޔާއަށް ގޮވާލައްވާފައެވެ.
މިކަމަށް ރައްދުދެއްވައި އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވީ، އަސްކަރިއްޔާ ވަކި ފަރާތަކަށް ނުޖެހޭކަން ފަޒުލުއްރަހްމާންއަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ސިޔާސީ ކަންތައްގަނޑުގެ ތެރެއަށް ސިފައިން ނުވެއްދުމަށްވެސް ޣަފޫރު ގޮވާލެއްވިއެވެ.
އިއްޔެގެ މުޒާހަރާއަށް ޕާކިސްތާނުގެ އެކި ކަންކޮޅުތަކުން މީހުން ޖަމާވެފައިވާއިރު މުޒާހަރާއަށް ނުކުތް މީހުން މިހާރު ތިބީ ކޭމްޕް ޖަހައިގެންނެވެ. އެމީހުން ކައްކައި ކައިބޮއި ހަދަނީވެސް އެތަނުގައެވެ.
ވެރިރަށް އިސްލާމްއާބާދުގައި ސަރުކާރު އިމާރާތްތަކާއި، ޑިޕްލޮމެޓިކް އޮފީސްތައް ހުންނަ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅު މިހާރު އޮތީ ވަރަށް ވަރުގަދަ ކޮށްފައެވެ.
މާދަމާގެ ނިޔަލަށް ސަރުކާރު އިސްތިއުފާ ނުދީފިނަމަ ދެން ކަންތައް ކުރާނީ ކޮން ގޮތަކަށްކަމެއް އިދިކޮޅު ފަރާތްތަކުން ނުބުނެއެވެ.
އިމުރާން ޚާންގެ ސަރުކާރަށް އަހަރުދުވަސް ފާއިތުވެގެން ހިނގައްޖެ