ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ފޮނުއްވައިިފިއެވެ. ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެެވެ. މި ޓްވީޓްގައި ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އިހްލާސްތެރި ހެޔޮ އެދުންތައް ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރައްވާފައެވެ. އަދި މިގައުމަށްޓަކައި ޝަހީދުވެދިޔަ ބަތަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުއާ ދަންނަވާ ކަމަށްވެސް މި ޓްވީޓުގައި ވެއެވެ.

03 ނޮވެމްބަރ 1988 އަކީ ދިވެހިރާއްޖެއަށް ޚިޔާނާތްތެރި ޚާއިނުންތަކެއް އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ބާޣީ ގުރޫޕެއްގެ އެހީގައި ރާއްޖެއަށް ހަމަލާދީ ދިވެހިރާއްޖޭގެ އަމަންއަމާންކަން ނިގުޅައިގަންނަން މަސައްކަތްކުރި ދުވަހެވެ. މި ނުރައްކާތެރި ހަމަލާގައި، ބައެއް ކެބިނެޓް މިނިސްޓަރުންނާއި ސިފައިންގެ އިސް ވެރިން ވަނީ އަތުލައިގަނެ ރަހީނުކޮށްފައެވެ. އަދި މި ހަމަލާގެ ތެރޭގައި މި ގައުމު ދިފާއުކުރުމަށްޓަކައި ސިފައިން ވަނީ ފަސްޖެހުމެއް ނެތި ހިތްވަރާއެކު ބާޣީންނާ ހަނގުރާމަ ކޮށްފައެވެ. މި ހާދިސާގައި 08 ސިފައިންނާއި 11 ދިވެހި ރައްޔިތުން ވަނީ ޝަހީދުވެފައެވެ.