އޭޝިއަން ޝޫޓިން ކޮންފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އޭޝިއާގެ އެންމެ ބޮޑު ޝޫޓިން މުބާރާތް ކަމަށްވާ "14 ވަނަ އޭޝިއަން ޗެމްޕިއަންޝިޕް" ގައި ބައިވެރިވާ ރާއްޖޭގެ ޝޫޓިން ޓީމު ރޭ ގަތަރަށް ހިނގައްޖެ އެވެ.

މިިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހި ޝޫޓިން ޓީމުގައި، 6 އެތުލީޓުންނާއި ހެޑް ކޯޗަކާއި، ޓީމު މެނޭޖަރެއް ހިމެނެއެވެ.

އެގޮތުން، އަންހެން 3 އެތުލީޓުންނާއި، ފިރިހެން 3 އެތުލީޓުން ޓީމުގައި ވަނީ ހިމަނާފައެވެ. ޓީމުގައި ހިމެނުނު އެތުލީޓުންނަކީ ސާޖަންޓް ފަސްޓް ކްލާސް އަބްދުﷲ މުހައްމަދާއި ސާޖަންޓް އަހުމަދު އިބްރާހީމާއި ސާޖަންޓް ޝަރަފިއްޔާ އަބްދުއްރަހުމާނާއި ކޯޕްރަލް ރިއުޝާ މުހައްމަދާއި ލާންސް ކޯޕްރަލް އާސިފާ ޖައުފަރު އަދި ޕްރައިވެޓް ޒިޔާން ޒިޔާއު އެވެ. މި ޓީމުގެ ހެޑް ކޯޗަކީ ސާޖަންޓް ފަސްޓް ކްލާސް ހަސަން އަބްދުލްޣަފޫރެވެ. އަދި ޓީމު މެނޭޖަރަކީ ސްޓާފް ސާޖަންޓް އަހުމަދު ސިރާޖެވެ.

އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕްގައި ޝޫޓިން ޓީމުން ވާދަކުރާ އިވެންޓުތަކުގެ ތެރޭގައި 50 މީޓަރު 03 ޕޮޒިޝަން ރައިފަލް މެންސް އިވެންޓާއި 50 މީޓަރ ުޕްރޯން ރައިފަލް މެންސް އިވެންޓާއި 10 މީޓަރު އެއާ ޕިސްޓަލް މެންސް އިވެންޓާއި 25 މީޓަރު ސްޕޯޓްސް ޕިސްޓަލް ވިމެންސް އިވެންޓާއި 10 މީޓަރު އެއާ ރައިފަލް ވިމެންސް އިވެންޓް ހިމެނެއެވެ.

ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ގައުމީ ޓީމު މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ ވިލިމާލޭގައި ހުންނަ 25 މީޓަރު އަދި 50 މީޓަރު ވަގުތީ ރޭންޖްގައާއި، ހެންވޭރު މުނިއުފާގައި ހުންނަ 10 މީޓަރު އިންޑޯ ވަގުތީ ރޭންޖުގައެވެ. މި ޓީމު މިމުބާރާތައް ފަރިތަކުރަން ފަށާފައިވަނީ މީގެ 5 މަސް ދުވަސްކުރިން ކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.