ލޭބާ ޕާޓީގެ ފުރަތަމަ ގައުމީ ބައްދަލުވުން ބާއްވައި ލީޑަރޝިޕް ކޮމިޓީ އިންތިޚާބު ކޮށްފިއެވެ.

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ނުވަތަ ލޭބާ ޕާޓީގެ ފުރަމަތަ ކޮންގްރެސް ބޭއްވީ ރޭ ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި ވަނީ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސް ޕާޓީގެ ދާއިމީ ލީޑަރޝިޕް ކޮމިޓީ އުފައްދާފައެވެ. މިގޮތުން ލީޑަރޝިޕް ކޮމިޓީއަށް 10 މެންބަރުން އިންތިޚާބުކޮށްފައިވާއިރު މިއީ ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާ އުފުލަންޖެހޭ ފަރާތެވެ.

ލޭބާ ޕާޓީގެ ފުރަތަމަ ކޮންގްރެސް

ޕާޓީގެ ލީޑަރޝިޕް ކޮމިޓީއަށް އިންތިޚާބު ކޮށްފައިވާ ފަރާތްތަކަކީ:

  1. އަހްމަދު ޝިހާމް، ރެޑްހައުސް / ސ. މީދޫ
  2. މައުރޫފް ޒާކިރު، ދާއިރާ / ބ. ކެންދޫ
  3. އިބްރާހީމް މުޖުތަބާ، އެވަރގްރީން / ބ. ތުޅާދޫ
  4. މުހައްމަދު ސޯދިގް، ބްލޫރެސްޓް / ހއ. ދިއްދޫ
  5. އަލީ އަކްރަމް، ދަފްތަރު 1674 / މާލެ
  6. އަބްދުﷲ ރާޒީ، ފުނާޑު / ކޯޒީ ޏ. ފުވައްމުލައް
  7. ޢަބުދުﷲ އަލީ / އެއްގަމުގެ ބ. ކެންދޫ
  8. މޫސާ މުހައްމަދު، މާއޮޅު / ޏ. ފުވައްމުލައް
  9. ނަސްމާ ވަހީދު، ވީނަސްގެ/ ގދ. ތިނަދޫ
  10. ހުސައިން މިރުޝާދު، ރަބަރުމާގެ / ސ.ފޭދޫ

ލޭބާ ޕާޓީގެ ވަގުތީ ލީޑަރޝިޕް ކޮމިޓީ މިހާރު އުވާލާފައިވާއިރު، ވަގުތީ ޗެއާޕާސަނަކަށް ހުންނެވި އަހުމަދު ޝިހާމް ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދަށް 25 އިސްލާހެއް ގެނެވިފައިވާ ކަމަށެވެ. އެ އިސްލާހުތަކާ އެއްގޮތްވާގޮތުގެ މަތިން ދާއިމީ ލީޑަރޝިޕް ކޮމިޓީ އެކުލަވާލާފައިވާއިރު، މަގާމުތަކަށް އަދި މީހުން އިންތިޚާބު ނުކުރާ ކަމަށް ވިދާޅުވިއެވެ.

ލޭބާ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ވަގުތީ ޗެއާޕާސަން އަހުމަދު ޝިހާމް ވާހަކަދައްކަވަނީ

އަހުމަދު ވިދާޅުވީ ޕާޓީގެ ޗެއާޕާސަނާއި، ޗެއާޕާސަންގެ ނާއިބާއި، ސެކްރެޓަރީ ޖެނެރަލާއި، ޓްރެޝަރަރ ފަދަ މަގާމުތަކަށް މީހުން އިންތިޚާބު ކުރެވޭނެ ކަމަށެވެ. މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމުގެ ބާރު އޮންނާނީ ލީޑަރޝިޕް ކޮމިޓީއަށް ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭ ކޮމިޓީގެ ބައްދަލުވުން ބާއްވައި މަގާމުތަކަށް މީހުން އިންތިޚާބުކުރެވޭނެ ކަމަށެވެ.

އޭނަ ވިދާޅުވީ ލީޑަރޝިޕް ކޮމިޓީއަށް މިގޮތަށް ބާރުތައް ދޭންޖެހުނީ ކެމްޕޭންކުރުން ފަދަ ކަންކަމަށް ފައިސާ ބޭނުންވި ނަމަވެސް މާލީގޮތުން ދަތިތަކެއް ހުރުމުން ކަމަށެވެ. 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭތީ މާލީ ދަތިކަން ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ. މިހާރު ޕާޓީ ހިންގަމުންދަނީ ޕާޓީގެ މެންބަރުންގެ އަތުން ޗަންދާއެއް ނަގައިގެން ކަމަށާއި ކުރިއަށް އޮތް އަހަރު 10،000 މީހުން ހަމަކުރުމަކީ އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ.

ލޭބާ ޕާޓީގެ ފުރަތަމަ ކޮންގްރެސް ތެރެއިން

ލޭބާ ޕާޓީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި މަޝްހޫރު ގާނޫނީ ވަކީލް އަބްދުﷲ ހަސީން ލީޑަރޝިޕް ކޮމިޓީގައި ހިމެނިވަޑައެއްނުގަނެއެވެ. އަދި ރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ވެސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ނަަމަވެސް ހަސީންއާއި ޕާޓީއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ހަސީންގެ ވަގުތު ހުރިގޮތުން ކުޑަކޮށް ދުރުގައި އުޅުއްވަނީ ކަަމަށް އަހުމަދު ވިދާޅުވިއެވެ.

ލޭބާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ސިޔާސީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުން ހަމަކޮށް، ޕާޓީ ރަޖިސްޓަރީ ކުރަން ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ. އަދި މިއަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހުގެ ރޭ ވަނީ ލޭބާ ޕާޓީ ރަޖިސްޓަރީ ކުރުމަށް ބާއްވަންޖެހޭ ފުރަތަމަ އާންމު ޖަލްސާ ބާއްވައި ޕާޓީގެ ކުލައާއި ލޯގޯ ފާސްކޮށްފައެވެ. ލޭބާ ޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުން، އިލެކްޝަންސް ކޮމިޝަނުން އެޕާޓީ ރަޖިސްޓަރީކޮށްދީ، ޕާޓީގެ ރަޖިސްޓަރީ ހަވާލުކުރީ ޖެނުއަރީ 21 ވަނަ ދުވަހުއެވެ.

ލޭބާ ޕާޓީގެ ފުރަތަމަ ކޮންގްރެސް ތެރެއިން

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަކީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ހަރަކާތާއި، އިޖުތިމާއީ އަދާލަތު އަދި އިޖުތިމާއީ ޑިމޮކްރަސީގެ މައްޗަށް ބިނާވެގެންވާ، ވާތުފިޔައިގެ މެދުމިނުގެ ޕާޓީއެއް ކަމުގައި އެޕާޓީން ބުނެއެވެ. ބައިނަލްއަގުވާމީ އުސޫލުތައް ކުރިއެރުވުމުގެ އިތުރުން، ބައިނަލްއަގުވާމީ ހަރަކާތްތަކާ ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ލޭބާ ޕާޓީން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.