ގައުމުގެ ސަލާމަތަށްޓައި ބައިނަލްއަގުވާމީ ދުނިޔެއާއި އޮތް ގުޅުން ބަދަހިކުރުން ވަރަށް މުހިންމު ކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ނަސްރުގެދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ 3 ނޮވެމްބަރު 1988 ގައި ފެނިގެންދިޔައީ ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތަށް ހުރި ޚާއްސަ ގޮންޖެހުންތައް ކަމަށެވެ. އެފަދަ ގޮންޖެހުންތަކަށް ރާއްޖެފަދަ ކުދި ގައުމުތައް ހުށަހެޅިފައިވާ މިންވަރު ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މި މައްސަލައާ ގުޅޭގޮތުން ރާއްޖެއިން އދ.ގައި ވަކާލާތުކޮށް ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން އެތައް ގަރާރެއް ފާސްވެގެންދިޔަ ކަމަށެވެ. ދިވެހިރާއްޖެއިން އޭރު ކުރި މަސައްކަތުގެ ސަބަބުން، ބައިނަލްއަގުވާމީ ސަލާމަތާ ގުޅޭ މަޝްވަރާތަކުގައި، ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެވޭ ގޮތް ބަދަލުވެގޮސްފައިވާކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ދުނިޔޭގައި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލައި ނުރައްކާތަކުން އަރައިގަތުމަށްޓަކައި، ގައުމުގެ ފުދުންތެރިކަމާއި، ކަންކަމާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރަށް ވަރުގަދަ ކުރުމުގެ މުހިންމުކަން ބޮޑުވެފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ ބައިނަލްއަގްވާމީ މުޖުތަމައާއެކު އޮތް ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަންވެސް ބޮޑުވެފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ރާއްޖެއަށް އެހީތެރިވި ގައުމުތަކުގެ ވާހަކަވެސް ފާހަގަކޮށްފައި ވެއެވެ. އެގޮތުން މިއަދަކީ ހަގީގީ ރަހްމަތްތެރިންނާއި ބައިވެރިންގެ އަގު ވަޒަންކުރާ ދުވަސް ކަމަށާއި 3 ނޮވެމްބަރު 1988 ގައި އިންޑިއާ ސަރުކާރުން ވެދިން އަސްކަރީ އެހީތެރިކަން އަބަދުމެ، ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާނެކަން މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރުމަށްޓަކައި، ބައިނަލްއަގްވާމީ ގުޅުންތައް ވަރުގަދަކޮށް، ރަހްމަތްތެރިންނާއި ބައިވެރިންނާއެކު އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގައި ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ވަނީ އަރުވާފައެވެ.

ފޮރިން މިނިސްޓްރީގެ މި ބަޔާނުގައި ނޮވެމްބަރު 3ގެ އެކަޅު ދުވަހު ރާއްޖޭގެ ސިފައިން ދެއްކި ނާމޫނާ ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކޮށް ޝަހީދުންގެ ޒިކުރާ ވަނީ އާކޮށްފައެވެ.