ސްރީލަންކާގެ ދައުލަތުގެ ޓީވީން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޚަބަރުތަކާއި، ސިޔާސީ ޚަބަރުތައް ގެނެސްދިނުން، ސްރީލަންކާގެ އިލެކްޝަން ކޮމިޝަނުން މަނާކޮށްފިއެވެ.
ސްރީލަންކާގެ އިލެކްޝަން ކޮމިޝަނުން ދައުލަތުގެ ޓީވީ، އިންޑިޕެންޑެންޓް ޓެލެވިޜަން ނެޓްވާރކް، އައިޓީއެންއާ ދެކޮޅަށް މިފިޔަވަޅު އެޅީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ގޮޓަބާޔަ ރާޖަޕަކްސަގެ ކެމްޕެއިން ހައްގަށް ހުރަސްއެޅޭ ގޮތަށް ގެނެސްދިން ޕްރޮގްރާމެއްގެ މައްސަލާގައެވެ.
އެ ޕްރޮގްރާމްގައި ތުހުމަތު ކޮށްފައިވަނީ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އާއިލާގެ މައްޗަށް އުފުލުނު ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހްގީގު ހުއްޓުވީ، އޭރުގެ ސަރުކާރަށް ވަފާތެރި ފަރާތްތަކުން ކަމަށެވެ.
މި ވާހަކަތަކުގެ ސަބަބުން ގޮޓަބާޔަ ރާޖަޕަކްސަގެ ކެމްޕެއިން ހައްގުތަކަށް ހުރަސްއެޅި ގެއްލުން ވެފައިވާ ކަމަށް، އިލެކްޝަން ކޮމިޝަންގެ ޗެއަރމަން މަހިންދަ ދޭޝަޕްރިޔާ ސޮއި ކުރައްވައި އައިޓީއެންއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.
ގޮޓަބާޔަ ރާޖަޕަކްސައަކީ މި ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނޭ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ކެންޑިޑޭޓެވެ.
އިލެކްޝަން ކޮމިޝަންގެ ހުއްދަ ކުރިން ހޯދައިގެން މެނުވީ، އައިޓީއެން ޗެނަލުން ސިޔާސީ އެއްވެސް ޚަބަރެއް ފެތުރުން ހޯމަ ދުވަހުން ފެށިގެން ރިޔާސީ އިންތިޚާބުގެ ވޯޓުގެ ކަންކަން ނިމެންދެން ވަނީ މަނާކޮށްފައެވެ.
ސިޓީގައި ބުނެފައިވަނީ، ޓީވީތަކުން ވަގުތުން ދުރަށްދައްކާ އިވެންޓްތައްވެސް ރެކޯޑްކުރުމަށްފަހު އިލެކްޝަން ކޮމިޝަނަށް ހުށަޅައި ހުއްދަ ހޯދައިގެން މެނުވީ ދައްކައިގެން ނުވާނޭ ކަމަށެވެ.
ސްރީލަންކާގެ މީޑިއާއިން ބުނެފައިވަނީ، މިއީ އިލެކްޝަން ކޮމިޝަނުން އެގައުމުގެ ޓީވީއެއް ސެންސަރުކުރި ފުރަތަމަ ފަހަރު ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ، ސްރީލަންކާގެ އަމިއްލަ ޓީވީ ޗެނަލްތަކުން ގޮޓަބާޔަ ރާޖަޕަކްސައަށް ކެމްޕެއިން ކޮށްދެމުން ގެންދާކަމުގެ ޝަކުވާތައްވެސް ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް އެއީ އަމިއްލަ ޓީވީ ޗެނަލްތައް ކަމުން އެ ޗެނަލްތަކާމެދު އިލެކްޝަން ކޮމިޝަނަށް ފިޔަވަޅު ނޭޅޭނޭ ކަމަށެވެ.
ގޮޓަބާޔަ ރާޖަޕަކްސައަކީ ސްރީލަންކާގެ ކުރީގެ ދިފާއީ ވަޒީރެއެވެ. ދިހަވަރަކަށް އަހަރަށްފަހު އޭނާއަށް ދިފާއީ ވަޒީރުކަން ގެއްލިވަޑައި ގެންނެވީ 2015 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ބަލިވެވަޑައިގެންނެވުމުންނެވެ.
މަހިންދަ ރާޖަޕަކްސައަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެއްވެއެވެ. ސަބަބަކީ، ސްރީލަންކާގެ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރައީސްކަމުގެ ދެދައުރު މަހިންދަ ރާޖަޕަކްސަ ފުރިހަމަ ކުރައްވާފައި ވުމުންނެވެ.
ނޮވެމްބަރު 16 ގައި ބާއްވާ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 35 ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި، ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ކެންޑިޑޭޓް، އެޕާޓީގެ ނާއިބް ލީޑަރ ސާޖިތު ޕްރެމަދާސާއާއި، މައި އިދިކޮޅު ޕާޓީ އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޕާޓީ ކަމަށްވާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ ފަރާތުން ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ހަގު ކޮއްކޯފުޅު ގޮޓަބާޔަ ރާޖަޕަކްސަގެ އިތުރުން، ބައިމަދު ޖަނަތާ ވިމުކްތި ޕެރަމުނަގެ ފަރާތުން އަނޫރާ ކުމާރާ ޑިސަނަޔަކަވެސް ހިމެނިވަޑައި ގަންނަވައެވެ.
ސްރީލަންކާގައި ވޯޓުލުމުގެ ހައްގު 16 މިލިއަން މީހުންނަށް ލިބިގެން ވެއެވެ. ސްރީލަންކާގެ މުޅި އާބާދީއަކީ 21 މިލިއަނެވެ.