ފަރަންސޭސިވިލާތުގެ ދެކުނުގެ ހިސާބަކުން ދަތުރުކޮށްފައިދިޔަ ލޮރީއެއްގެ ތެރެއިން ފޮރުވައިގެން ގެންދިޔަ 31 ހިޖުރަވެރިޔަކު ފެނިއްޖެއެވެ.

މި އެންމެންނަކީވެސް ޕާކިސްތާނުގެ ރައްޔިތުން ކަމަށް ފަރަންސޭސި ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދީފައި ވެއެވެ.

ލޮރީ ދުއްވަން އިނީވެސް ޕާކިސްތާނުގެ ރައްޔިތެއް ކަމަށް ވެއެވެ. ފަރަންސޭސި ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ ލޮރީ ޑްރައިވަރު ހައްޔަރު ކޮށްފައެވެ.

ޕާކިސްތާނުގެ 31 ހިޖުރަވެރިޔަކު ލޮރީއަކަށް ލައިގެން ފޮރުވައިގެން ގެންދަނިކޮށް ފެނިފައިވަނީ، އިޓަލީއާއި ފަރަންސޭސިވިލާތް ގުޅޭ އިމާ ގާތުގައި އާންމު އުސޫލުން ވެހިކަލްތައް ޗެކްކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައެވެ.

ލޮރީން ފެނުނު އެންމެން މިހާރުވަނީ ފަރަންސޭސި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެމީހުންގެ ތެރޭގައި ކުޑަކުއްޖަކު ނުހިމެނޭ ކަމަށާއި ނަމަވެސް ފުރާއުމުރުގެ ތިން ޒުވާނުން ތިބި ކަމަށް ވެއެވެ.

ފަރަންސޭސި ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފައިވަނީ، ލޮރީން ފެނުނު މީހުން ގެނެވުނީ ކޮން ދިމާއަކުންތޯ ބަލައި އަދި މިކަމުގެ އަޑީގައި އެއްވެސް ވިއުގައެއް އުޅޭތޯއާއި އަދި މިކަމަށް އެހީތެރިކަން ދީފައިވަނީ ކޮންބައެއްތޯ ދެނެގަތުމަށް މަސައްކަތް ކުރާނޭ ކަމަށެވެ.

ފަރަންސޭސިވިލާތުގެ ދެކުނުގެ ހިސާބަކުން ލޮރީއަކުން 31 ހިޖުރަވެރިޔަކު މި ފެނުނީ، އިނގިރޭސިވިލާތުން ޓްރަކެއްގެ ތެރެއިން މަރުވެ ގަނޑުވެފައިވާ 39 މީހެއްގެ ހަށިގަނޑު ފެނުނުތާ ދެހަފްތާވެސް ނުވަނީހެވެ. އެމީހުންގެ ހަށިތައް ފެނުނީ ފިނިކޮށްފައި ހުންނަ ކޮންޓެއިނަރެއްގެ ތެރެއިންނެވެ. އިނގިރޭސިވިލާތުގެ ޓްރަކް ތެރެއިން މަރުވެފައިވަނިކޮށް ފެނުނީ މުޅިންވެސް ޗައިނާގެ ރައްޔިތުންނެވެ.

އޭޝިޔާގެ ގައުމުތަކުން އަހަރެއްގެ މައްޗަށް އެތައްހާސް ބަޔަކު ވަގަށް ޔޫރަޕަށް އެތެރެވުމަށް މަސައްކަތް ކުރެއެވެ. މިކަމުގެ ތެރޭގައި އެތައްހާސް ބައެއްގެ ފުރާނަ ގެއްލެމުންވެސް ދެއެވެ.