ބަނގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި ހަތްލައްކަ ތިރީސްހާސް ރޮހިންގާ މުސްލިމުންގެ މައްސަލާގައި ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށާއި، އެ ރެފިއުޖީންގެ މައްސަލަ ހައްލުކުރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިޔަންމާ ސަރުކާރަށް ގޮވާލައްވައިފިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް މިކަމަށް ގޮވާލެއްވީ، ބެންކޮކްގައި މިއަދު ބޭއްވި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތައް ހިމެނޭ ޖަމާއަތް، އަސިއާންގެ މެމްބަރު ގައުމުތަކުގެ އެންމެ އިސްވެރިންގެ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޔަންމާއަކީވެސް އާސިއާންގެ މެމްބަރު ގައުމެކެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް ވިދާޅުވީ، ރޮހިންގާ މުސްލިމުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ޒިންމާ ނަގަންޖެހޭނީ މިޔަންމާ ސަރުކާރުން ކަމަށެވެ.

ރޮހިންގާ މުސްލިމުންގެ މައްސަލަ ހައްލު ކުރެވޭނީ މައްސަލައިގެ އަސްލަށް ގޮސްގެން ކަމަށާއި، އެހެންކަމުން، އެކަން ބަލައި، ރޮހިންގާ މުސްލިމުންގެ ކެކުޅުންތަކާއި އުދާސްތަކަށް ނިމުން ގެނައުމަށް އދގެ ސެކްރެޓަރީ ޖެނެރަލްވަނީ މިޔަންމާއަށް ގޮވާލައްވާފައެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވޭ މިޔަންމާ ހާލަތާމެދު، ޚާއްސަކޮށް ރަޚައިން ސްޓޭޓްގެ ކަންތަކާ. ވަދި ވަކީން އަޅުގަނޑު ކަންބޮޑުވޭ، ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށް ނުހަނު ދަތިހާލުގައި އުޅެމުންދާ ފަރާތްތަކާމެދު. ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ރެފިއުޖީން އެމީހުންގެ ވަޒަނަށް، ރާޚައިން ސްޓޭޓަށް އެނބުރި އާދެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމަކީ މިޔަންމާގެ ޒިންމާއެއް"
އެންޓޯނިއޯ ގުޓަރޭސް
އާސިއާންގެ މެމްބަރު ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް:

އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ބަނގްލަދޭޝްގައި ތިބި ރޮހިންގާ ރެފިއުޖީން އެމީހުންގެ ވަޒަނަށް އެނބުރި އައުމަށް ހިތްވަރުދީ، އިތުބާރު އުފެއްދުމަށްޓަކައި މިޔަންމާ ސަރުކާރުން ރެފިއުޖީންނާއެކު ވާހަކަވެސް ދައްކަންޖެހޭ ކަމަށެވެ.

އާސިއާން ޖަމާއަތުން އެއްވެސް އިރެއްގައި މެމްބަރު ގައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހެއެވެ.

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ހިންގަމުންގެންދިޔަ އަނިޔާވެރިކަން އިންތިހާއަށް މައްޗަށްގޮސް މުޅި ދުނިޔެ އެކަން ކުށްވެރި ކުރިއިރުވެސް އާސިއާނުން އެކަން ނަގާފައިވަނީ ވަރަށް ފިނިކޮށެވެ. އަދި އާސިއާންގައި ހިމެނޭ އެކި ގައުމުތަކުން ރޮހިންގާ މުސްލިމުންގެ މައްސަލާގައި ކަން ކޮށްފައިވަނީވެސް އެކި ގައުމުތަކުން އެކި ގޮތަށެވެ.

ރޮހިންގާ މުސްލިމުންގެ މައްސަލާގައި އާސިއާނުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެންމެބޮޑަށް ބާރުއަޅާ ދެގައުމަކީ އާސިއާންގެ މެމްބަރު ގައުމުގެ ގޮތުގައި ހިމެނޭ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އިންޑޮނޭޝިޔާއާއި މެލޭޝިޔާއިންނެވެ.

އެހެންނަމަވެސް، އެ ޖަމާއަތުގެ ޗާޓަރު އޮންނަގޮތުން އެފަދައިން ކަމެއް ނުކުރެވެއެވެ. އެހެންވެ، އާސިއާން ތެރެއިން ކަމެއް ކުރަން ގައުމުތަކުންވެސް މަސައްކަތެއް ނުކުރެއެވެ. އާސިއާނުން މައިގަނޑުގޮތެއްގައި ކުޅޭ ދައުރަކީ އިންސާނީ އެހީގެ ކަންކަމުގައި އުޅުމެވެ.

މިޔަންމާގެ އަސްކަރީން 2017 ވަނަ އަހަރު، ރޮހިންގާ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ރާޚައިން ސްޓޭޓަށް އަރައިގަނެ، މުސްލިމުން މަރައި، އަންހެނުންގެ އިއްފަތްފޭރި، ގެދޮރާއި އަވަށްތައް އަންދައި، މުސްލިމުންގެ މިސްކިތްތަކާއި މަދްރަސާތައް ހަލާކުކޮށް ހިންގި ލާއިންސާނީ ޖަރީމާތަކާހެދި ފުރާނައިގެ ސަލާމަތަށް އެދިގެން އެތައްލައްކަ މުސްލިމުން ފިލައިގެން އަވަށްޓެރި ބަނގްދޭޝްއަށް އެތެރެވިއެވެ.

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރިކަން ތަހްގީގުކުރި އދގެ ޓީމުން ބުނެފައިވަނީ، މިޔަންމާ ސިފައިންނާއި ހަރުކަށި ބުދިސްޓުން ރާޚައިން ސްޓޭޓްގައި ހިންގާފައިވަނީ ނަސްލު ނެތިކޮށްލުމުގެ ޖަރީމާތަކެއް ކަމަށެވެ.