ބައިކްމޯލްޑިވްސް އިން ކުރިޔަށްގެންދިޔަ ގައުމީ ބައިސިކަލް މުބާރާތުގެ ފިރެހެން އެއްވަނަ މަގާމު އަލްޔާން މިރުޝާން އަދި އަންހެން އެއްވަނަ މަގާމު އަސްމާ ހަސަން ހޯދައިފިއެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި ކުރިޔަށްގެންދިޔަ ތިން ވަނަ ގައުމީ ބައިސިކަލް މުބާރާތުގައި ދެ އުމުރުފުރާގައި މިއަހަރު ވަނީ 77 ދުއްވުންތެރިން ބައިވެރިވެފައެވެ.

ކުރު ދުއްވުމާއި ދިގު ދުއްވުން ހިމެނޭ ގޮތައް ކުރިޔަށްގެންދިޔަ މި މުބާރާތުގެ ކުރު ދުއްވުމުގައި ހިމެނުނީ 200 މީޓަރާއި 1000 މީޓަރާއި 3000 މީޓަރެވެ. ދިގު ދުއްވުމުގައި ހިމެނުނީ 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރާއި 20 ކިލޯ މީޓަރާއި 40 އަދި 60 ކިލޯ މީޓަރެވެ.

200 ކިލޯ މީޓަރުގެ ފިރެހެން ބައިގެ އެއްވަނަ ހޯދީ އަލްޔާން މިރުޝާން އެވެ. ދެވަނަ މުޙައްމަދު އަފްޒަލް ހޯދިއިރު ތިންވަނަ ހޯދީ އިބްރާހީމް ޝައުރަތު އެވެ. މިބައިގެ އަންހެން އެއްވަނަ ދުއްވުންތެރިއަކީ މަރިޔަން ޝާރަތު ޝަރީފް އެވެ. ދެވަނަ އަސްމާ ހަސަން ހޯދިއިރު، ތިންވަނަ ހޯދީ އާއިމިނަތު އާދަމް އެވެ. 1000 މީޓަރުގެ އެއްވަނަ ފިރެހެން ދުއްވުންތެރިއަކީ 200 މީޓަރު ދުއްވުންވެސް ކާމިޔާބުކުރި އަލްޔާން މިރުޝާން އެވެ. ދެވަނަ އިބްރާހީމް ޝުއާއު ހޯދިއިރު، ތިންވަނަ ހޯދީ މުޙައްމަދު އަފްޒަލް އެވެ. މިބައިގެ އަންހެން އެއްވަނަ ހޯދީ އަސްމާ ހަސަން އެވެ. ދެވަނަ މަރިޔަމް ޝާރަތު ހޯދިއިރު، ތިންވަނަ ހޯދީ ހަމްދިއްޔާ އަބްދުލް ޣަފޫރު އެވެ.

3000 މީޓަރުގެ ދުއްވުމުގެ ފިރެހެން ބައިގެ އެއްވަނަ ހޯދީ އެއްވަނަ މުޙައްމަދު މާއިޒް އެވެ. ދެވަނަ މަހުދޫމް ހުސައިން ހޯދިއިރު، ތިންވަނަ ހޯދީ މުހައްމަދު އަފްޒަލް އެވެ.

5 ކިލޯމީޓަރުގެ ދުއްވުމުގެ ފިރެހެން ބައިގެ އެއްވަނަ ހޯދީ އަލްޔާން މިރުޝާނެވެ. ދެވަނަ އިބްރާހީމް ޝުއާއު ހޯދިއިރު، ތިންވަނަ ހޯދީ މުޙައްމަދު ފާހިރު އެވެ. 10 ކިލޯމީޓަރު ދުއްވުމުގެ އެއްވަނަ މުޙައްމަދު ފާރިހް ހޯދިއިރު ދެވަނަ ހޯދީ މުޙައްމަދު އާދަމް އެވެ. ތިންވަނަ ހޯދީ ހުސައިން އަލީ ހަބީބް އެވެ. 40 ކީލޯމީޓަރުގެ އެއްވަނަ މުޙައްމަދު ޝިޔާމް ހޯދިއިރު، ދެވަނައަށް ދިޔައީ ކާރުމޯ އެވެ.

60 ކީލޯމީޓަރުގެ އެއްވަނަ ހޯދީ ރޮބިން ވޯލް އެވެ. ދެވަނަ ހުސައިން ހަލީމް (ކުޑަހުސައިން) ހޯދިއިރު ތިންވަނަ ހޯދީ މުޙައްމަދު ޝިޔާމް އެވެ.

އަންހެނުންގެ 5 ކިލޯމީޓަރުގެ އެއްވަނަ ހޯދީ ނިޒްމީން ލަތީފް އެވެ. ދެވަނަ ޒުލޭހާ ހަސަންދީދީ ހޯދިއިރު، ތިންވަނަ ހޯދީ ހަދީޖާ ހަސަން އެވެ. މިބައިގެ 10 ކިލޯމީޓަރުގެ އެއްވަނަ ހޯދީ ރިޒްމީން ލަތީފެވެ. ދެވަނަ ހޯދީ އައިމިނަތު އާދަމް އެވެ.

މި އަހަރުގެ ގައުމީ މުބާރާތް ހޮނިހިރު ދުވަހު ނިއްމާލާފައިވާއިރު ބައިކް މޯލްޑިވްސްގެ ފަރާތުން އަންނަނީ މި ކުޅިވަރު މުޅިރާއްޖެއަށް ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތުއްތު ކުދިންނަށް އަމާޒުކޮށް މުބާރާތްތައް ބާއްވާއިރު މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ބައިކް މޯލްޑިވްސްގެ ހަރަކާތްތައް އަންނީ ކުރިޔަށްގެންދަމުންނެވެ. އަދި ބައިނަލް އަގުވާމީ މުބާރާތްތަކުގައި ބައިކް މޯލްޑިވްސްގެ ފަރާތުން އަންނަނީ ބައިވެރިވަމުންނެވެ.