ދިވެހި ޤައުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް 31 އަހަރުވެގެން ދިއައިރު، މިއަދު ދުނިޔެ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި އެ ބަދަލުތަކާއި އެއްގޮތަށް ޤައުމުގެ ދިފާއުގައި މަސައްކަތްކުރަން ދިވެހިސިފައިންގެ ސަފުތައް ބަދަހިކުރަމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ އެމްއެންޑީއެފް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޤައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވީ، 1988 ނޮވެމްބަރ 3 ގައި ރާއްޖެއަށްދިން ނުރައްކާތެރި ނިރުބަވެރި ހަމަލާާއިން ދިވެހިން ސިއްސުއްވާލި ކުއްލި ގޮތަކަށް ދުޝްމަނުން ދިން ހަމަލާއިން ކަމަށެވެ. އަދި އެ ދުވަހުގެ ހަމަލާއާއި ކުރިމަތިލައި ލިބުނު ނަޞްރު ފާހަގަކުރަމުންދާއިރު، އެ ހަމަލާގައި އެތައް ދިވެހިންނާއި ދިވެހި ސިފައިން ޝަހީދުވެ ގޮސްފައިވާ ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް ވިދާޅުވީ، އެ ހަމަލާ ނާކާމިޔާބުވެގެން ދިއައީ ކެރޭ ދިވެހި ސިފައިންގެ ހިތްވަރުން ކަމަށާއި، ދިފާއީ މަޤާމްތަކަށް ނިކުތް ސިފައިންނާއި ސިފައިންގޭގައި އޭރު ތިއްބެވި ބޭފުޅުން ކުރެއްވި މިންންތް މަސައްކަތާއި ހިތްވަރަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެ ދުވަހު އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ސިފައިންނާއި ދިވެހިން ޤުރުބާނީއަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

( މާލެ ، 4 ނޮވެމްބަރު 2019 ) -- ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގަންނަވަނީ -- ވީފޮޓޯ : އަހުމަދު ޝުރާއު

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް ވިދާޅުވީ، މީގެ 31 އަހަރު ކުރިއާ ބަލާއިރު މިއަދު ބޮޑެތި ބަދަލުތަކެއް މުޅި ދުނިޔެއާއި ރާއްޖެއަށްވެސް އައިސްފައިވާ ކަމަށެވެ. އެހެންކަމުން ސިފައިން ގެންގުޅެމުން އައި ފަލްސަފާތަކާއި އުސޫލުތައްވެސް ޒަމާނާއި އެއްގޮތަށް ބަދަލުކޮށް، ދިވެހި އަސްކަރިއްޔާއިން އައު އަމާޒަކަށް އައު އަޒުމަކާއި އެކު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މާއްދީގޮތުންނާއި ރޫހާނީ އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދީނާއި ގައުމު ދިފާއުކުރުމަށް ސިފަވަންތަ ގޮތެއްގައި ސިފައިން ތައްޔާރުވެ މަސައްކަތް ކުރުމަށް ތަމްރީނުވެ ބަދަހި ސަފްތަކެއް ރުކުރުވަމުންދާ ކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވީ ޤައުމީ ވާޖިބު އަދާކޮށް، ދިވެހި ފަސްގަނޑާއި، ރައްޔިތުންނާއި ޤާނޫނީ ވެރިކަން ދިފާއު ކުރުމަށް ބަދަހިކަމާއިއެކު އަބަދުވެސް ސިފައިންގެ ސަފުތައް ތައްޔާރަށް ތިބޭނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

މީގެ އިތުރަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް ވަނީ، ނަޞްރުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުވަހުގެ ބަތޮލް ޝަހީދު ހުސައިން އާދަމްގެ ހިތްވަރުން އިބުރަތް ހާސިލް ކުރެއްވުމަށް، ހުރިހާ ސިފައިންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެ ދުވަހު ސިފައިންނާއި ދިވެހި ރައްޔިތުން ދެއްކި ހިތްވަރުން ހިތްވަރު ލިބިގަތުމަށް ސިފައިންނަށާއި ދިވެހިރައްޔިތުންނަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.