އިސްލާމްދީނާއި ޤާނޫނުއަސާސީ އާއި ރާއްޖެ ސަލާމަތްކުރެއްވުމަށް ސިފައިންކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެ ތިއްބަވާ ދައުލަތާއި ޤައުމަށް ހިދުމަތްކޮށްދެއްވުމަށް ދިވެހިސިފައިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޤައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ 3 ނޮވެންބަރަކީ ހިތްދަތި ކަޅުދުވަހެއް ކަމަށެވެ. އެދުވަހުގެ ހަނދާން އައުކޮށް ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެ އުދުވާނުން ޤައުމު ސަލާމަތް ކުރުމަށް ދިވެހިސިފައިންނާއި އަދި ކުރީގެ ރައީސް މައުމޫން އަބުދުއްގައްޔޫމް ކުރެއްވެވި މިންނެތް މަސައްކަތަކަށް ޝުކުރު ދަންނަވާފައެވެ.

ރައީސް ވިދާޅުވީ ނަޞްރުގެ ދުވަހަކީ އެތައް އިބުރަތަކާއި ފިލާވަޅުތަކެއް ލިބިގެންދިއަ ދުވަހެއް ކަމަށެވެ. އަދި އެދުވަހުން ލިބުނު އެންމެ މުހިންމު ފިލާވަޅަކީ ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިއަ ނުދިނުމަށް ގަދައަޅައި މަސައްކަތް ކުރުން ކަމަށެވެ. އަދި އެ ހަމަލާގައި ސިފައިންނާއި އާއްމުން ސާބިތު ކޮށްދިނީ ދިވެހިންގެ އެއްބައިވަންތަކަން ކަމަށާއި، އަދި ދިމާވާ ކޮންމެ ބޮޑު ކަމަކުންވެސް ސާބިތުކޮށްދެމުންދަނީ ހަމަޖެހުމާއި ސުލްހައަށް ރައްޔިތުން އިސްކަންދޭ މިންވަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

( މާލެ ، 4 ނޮވެމްބަރު 2019 ) -- ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ -- ވީފޮޓޯ : އަހުމަދު ޝުރާ

ރައީސް ވިދާޅުވީ ދުނިޔެ ދެކެމުން އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީ އާއި އެއްގޮތަށް ސިފައިންގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރަން ޖެހޭ ކަމަށާއި، އެކަން މިސަރުކާރުން މިހާރުވެސް ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރު، ސިފައިންގެ ކޯސްޓްގާޑަކީ މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށް ވިދާޅުވެ ރައީސް ވަނީ ކޯސްޓްގާޑްގެ ގާބިލްކަން އިތުރުކުރުމަށް ފަންނީގޮތުންވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުންވެސް ވަނީ ސިފައިންގެ ހުވަޔާއި އެކު ކޮންމެ ސިފައިންގެ މީހެއްގެ ކޮޑުގައި ވަރަށްބޮޑު ޤައުމީ ވާޖިބެއް ކަނޑައެޅިފައިވާ ކަމަށް ވިދާޅުވެފައެވެ. އެެހެންކަމުން ދުޅަހެޔޮ ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިބެ ޤައުމުގެ މިނިވަންކަމާއި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް އަބަދުމެ ސާބިތުކަންމަތީ ދެމިތިއްބެވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.