ރާއްޖޭގެ މައި ސީޕޯޓް ނުވަތަ ވިޔަފާރިގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށައަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދާއި، ރާއްޖެއަށް އިމްޕޯޓް ކުރަމުންދާ މުދަލުގެ އަދަދު އެތައް ގުނައަކުން އަހަރުން އަހަރަށް ކުރިއަރަމުންދާ ކަމުގައެވެ. އެހެންނަމަވެސް މި މުދާތައް ރާއްޖެ އެތެރެކުރުމަށް ބޭނުންކުރާ ޕޯޓަށް އެދެވޭ ތަަރައްގީއެއް އައިސްފައިނުވާ ކަމަށެވެ.

މިނިސްޓަރ ވިދަޅުވީ މިހެން މިކަން އޮތުމުގެ ސަބަބުން ވިޔަފާރިވެރިންނަށް މުދާ އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ބޮޑެތި ދަތިތަކަކާވެސް ކުރިމަތިލާންޖެހޭ ކަމުގައެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން 2020 ވަނަ އަހަރަށް ބަޖެޓު ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ގުލީފަޅުގައި ސީޕޯޓް ތަރައްގީ ކުރުން ވެގެންދާނީ މިކަންކަމަށް އެދެވޭ ހައްލެއް ގެނުވާނެ ކަމަކަށް ކަން މިނިސްޓަރ އަމީރުގެ ވާހަކަފުޅުގައި ފާހަގަަކުރައްވާފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ ގުޅީފަޅުގައި ތަރައްގީ ކުރާ ބަނދަރު ތަރައްގީ ކުރަން ނިންމާފައިވަނީ ބައިނަލްއަގުވާމީ ޝިޕީން ރޫޓްތަކުގައި ދަތުރުކުރާ ބޮޑެތި އާގުބޯޓުފަހަރަށްވެސް ބޭނުންކުރެވޭ ފެންވަރެއްގައި ކަމަށެވެ. އެހެންކަމުން މިހާރު ރާއްޖެއަށް މުދާ އެތެރެކުރުމުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ފީޑަރ ބޯޓުފަހަރަށް ބަރޯސާވުން ނިމުމަކަށް އައިސް، ރާއްޖެއަށް މުދާ އެތެރެކުރުމަށް ކުރަންޖެހޭ ހަރަދު އެތައް ގުނައަކުން ކުދަވެގެންދާނެ ކަމުގައެވެ.

އަދި މުދާ އެތެރެ ކުރުމަށް މިހާރު ނަގާ މުައްދަތު ކުޑަކުރުމަކީވެސް ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވައި މިނިސްޓަރ އަމީރު ވިދާޅުވީ ގުޅީފަޅުގައި ތަރައްގީކުރާ ބަނދަރުގެ ސަބަބުން ސަރުކާރުގެ މި އަމާޒު ހާސިލްކުރުމަށް މަގުފަހިވެގެންދާނެ ކަމަުގައެވެ.

2020 ވަނަ އަހަރުގެ މަޖެޓު ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އަންނަ އަހަރަށް އަމާޒުކޮށް ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ގިނަ މަޝްރޫތަކެއް ވަނީ ބަޖެޓު ކުރެވިފައެވެ. އެގޮތުން ރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑު އިންގިލާބެއް ގެންނާނެ މަޝްރޫތަކުގެ ގޮތުގައި ފާހަގަކޮށްލެވެނީ ރާއްޖޭގެ ސީޕޯޓް ގުލީފަޅުގައި ތަރައްގީ ކުރުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއެވެ.