ޕަރސަނަލް ފައިނޭންސިންގ ޚިދުމަތް އެއް ދުވަސްތެރޭ ހަމަޖައްސައިދޭ ގޮތަށް ބީއެމްއެލް އިސްލާމިކް އިން ކަނޑައަޅައިފިއެވެ.

ބީއެމްއެލް އިސްލާމިކުން ބުނީ މި ބޮޑު ބަދަލާއެކު މިއީ ރާއްޖޭގައި މިވަގުތު އިސްލާމިކް އުސޫލުތަކުގެ މަތިން އެންމެ އަވަހަށް ލިބޭ ޕަރސަނަލް ފައިނޭންސިންގެ ޚިދުމަތަށް ވެގެންދާނެ ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަކީ މުސާރަ ޖަވާމާ ފަރާތްތަކަށް އަމާޒުކޮށް މަހުންމަހަށް ފައިސާ ދައްކާ ގޮތަށް 300،000 ރުފިޔާ އާ ހަމަޔަށް ބީއެމްއެލް އިސްލާމިކް އާއެކު އެއްބަސްވުން އެކުލަވާލާފައިވާ ވިޔަފާރިތަކުން މުދާ ގަނެވޭ ޚިދުމަތެކެވެ. މިގޮތުން އިމާރާތްކުރުމަށް ބޭނުންވާ ސާމާނު، އިލެކްޓްރޯނިކްސް، ފަރުނީޗަރާއި ހިފާގެންގުޅޭތަކެތި އަދި މޮޓޯ ސައިކަލް ފަދަ މުދާ ނެގޭނެ ކަމަށް ބީއެމްއެލް އިސްލާމިކުން މައުލޫމާތުދެއެވެ. މި ފެސިލިޓީގެ ދަށުން މުދާ ނެގިނަމަވެސް އެއްވެސް އެޑްވާންސް ޕޭމެންޓެއް އަދި ޕްރޮސެސިން ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

މި ޚިދުމަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ގެނެވުނު ބަދަލަކީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް ހޯއްދާ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޕަރސަނަލް ފައިނޭސިންގ އަށް ލިބެމުންދާ އާންމުންގެ ބޮޑު ތަރުހީބާއެކު އެއްދުވަސްތެރޭ މި ޚިދުމަތް ފޯރުކޮށްދެވިގެންދާކަމީ ވަރަށް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް"
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ

ބީއެމްއެލް އިސްލާމިކުން ބުނީ އެ ބޭންކުގެ ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންކަމަށެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައި ކަމަށާ އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށް ކަމުގައި ވެސް ބީއެމްއެލް އިސްލާމިކުން މައުލޫމާތުދެއެވެ.

ބީއެމްއެލް އިސްލާމިކުން ބުނީ މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށެވެ.