އިދާރީ ދާއިރާތައް ލަމަރުކަޒީ އުސޫލުން ހިންގުމުގެ ގޮތުން ކައުންސިލް އިދާާރާތަކަށް 1.6 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް 2020 ވަނަ އަހަރަށް ކަނޑައަޅާފައިވަ ބަޖެޓުގައި ހިމަނައިފިއެވެ.

2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބެޖެޓު މަޖިލީހަށް ހުށައަޅާފައިވަނީ ހޯމަ ދުވަހު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ކައުންސިލް އިދާރަތަކަށް ހިލޭ އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާއިރު، 2020 ވަނަ އަހަރު ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ބާރުވެރިކުރުވުމުގެ ގޮތުން މީގެ ކުރިން ބޭނުންކުރި ޖެނެރަލް ލެޖަރގެ ކޯޑު ލެވަލްގައި ބަޖެޓުކުރުން ހުއްޓާލައި، ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުމުގެ ގާނޫނާ އެއްގޮތަށް ދައުލަތުގެ ބަޖެޓުން "ބޮލޮކް ގްރާންޓެއް" ނުވަތަ ހިލޭ އެހީ ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާ ކަމުގައެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މި ބަދަލާއެކު، ކައުންސިލް\ތައް މަލީ ގޮތުން ލާމަރުކަޒު ކުރެވިގެންދާނެ ކަމަށާއި، އަދި ލޯކަލް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދެވިގެންދާނެ ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްތައް އަމިއްލަ ފައިމައްޗަށް ތެދުވެ، ކައުންސިލްތައް ހިންގުމުގެ ބާރު ކައުންސިލްތަކުގެ އަތްމައްޗަށް ދޫކޮށްލުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް އަމީރު ފާހަގަކުރައްވާފައިވެއެވެ.