ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް ހޯމް މިނިސްޓްރީން ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

"ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" މި ނަމުގައި ފެށި ކެމްޕޭން އިފުތިތާހުކުރީ މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ކެމްޕޭން އިފުތިތާހުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ.ހަސަން ހަމީދެވެ.

"ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" ކެމްޕޭން އިފުތިތާހުކޮށްދެއްވަނީ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ދުނިޔެއަށް އައިސްފައިވާ އިންގިލާބީ ބަދަލުތަކުގެ ތެރޭގައި މީޑިއާއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށެވެ. އެގޮތުން މުޖުތަމައުގައި ހިމެނޭ ކޮންމެ ފަރުދަކީ މީޑިއާއަށް ނުވަތަ ނޫސްވެރިޔަކަށް ބަދަލުވެފައިވާ ކަމަށާއި ކޮންމެ މީހެއްގެ މުށުތެރޭ މީޑިއާ ސްޓޭޝަނެއް އޮންނަ ކަމަށެވެ. މައުލޫމާތުގެ ރަން ޒަމާނުގައި ދުނިޔޭގެ މިސްރާބު ހިފާ އެއްޗަކީ ބޮޑެތި ހަނގުރާމަވެރި ލަޝްކަރުތަކެއް ނުވަތަ ބަރުހަތިޔާރެއް ވެސް ނޫން ކަމަށެވެ. މިއަދު ދުނިޔޭގެ މިސްރާބު އަމާޒުކުރުމުގެ މައިގަނޑު އަސާސަކީ މީޑިއާ ކަމަށެވެ.

"ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" ކެމްޕޭން އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމަނިކުފާނު ވިދާޅުވީ ވަކިވަކި ފަރުދުންގެ ވިސްނުމާއި ފިކުރާއި، ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ބޮޑެތި މުއައްސަސާތަކާއި ގައުމުގެ ސިޔާސަތުތައް ބައްޓަންވެގެންދަނީ ފެތުރިގެންދާ ޚަބަރުތަކާއި މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ދޮގު ޚަބަރާއި މައުލޫމާތު ފެތުރޭނަމަ، އޭގެ ސަބަބުން މުޅި ދުނިޔެއަށް އަތުވެދާނެ ބަދަލާމެދު ވިސްނަންޖެހޭ ކަމަށާއި، ދޮގު ޚަބަރު ފެތުރުން ހުއްޓުވަންޖެހޭ ކަމަށެވެ.

ދޮގު ޚަބަރެއް ފެތުރުމުން އޭގެ ސަބަބުން އާއިލާއެއް ރޫޅި ފުނޑުފުނޑުވެގެން ހިނގައިދާނެ. ދޮގު ޚަބަރުތަކަކީ އޭގެ ސަބަބުން ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުވެ އިނދަޖެހިގެންދާ ކަމެއް. ދޮގު ޚަބަރު ފެތުރުމަކީ ގައުމުތަކުގެ ތެރޭގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދި، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ފެތުރި، ދައުލަތުގެ ނުފޫޒާއި ބާރު ގެއްލި، އެއްގައުމާއި އަނެއްގައުމާ މެދުގައި ބޮޑެތި ހަނގުރާމަތައް ފެށިގެންދާ ކަމެއް.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު ވިދާޅުވީ މި ސަބަބުތަކަށްޓަކައި ޚަބަރާއި މައުލޫމާތު ވެފައިވަނީ އެންމެ ނާޒުކު އެއްވަސީލަތަށް ކަމަށެވެ. ކޮންމެ މީހަކު ވެސް ދޮގު ޚަބަރު ފެތުރުން ހުއްޓުވަންޖެހޭ ކަމަށާއި ދޮގު ޚަބަރެއް ފެތުރުމުގެ ސަބަބުން މުޖުތަމައަށް ލިބިދާނެ ގެއްލުމަކާއި ނިކަމެތިކަމުން ސަލާމަތްކުރުމުގެ ޒިންމާ ކޮންމެ މީހެއްގެ ކޮނޑުގައި ވެސް އެޅިފައިވާ ކަމަށެވެ. ޚަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ އުސޫލުތައް އިސްލާމްދީނުގައި ވަނީ އައިސްފައިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ އުސޫލުތައް ޚަބަރު ފެތުރުމުގައި ގެންގުޅޭނަމަ، މުޖުތަމައުގައި ތެދު ޚަބަރެއް ނޫނީ ނުފެތުރޭނެ ކަމަށް ވިދާޅުވިއެވެ.

ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އެއްކޮށް ގެއްލިގެންދާތީ ޤުރުއާނުގައި ﷲ އަންގަވާފައި ވަނީ ތިޔަބައިމީހުންގެ ގާތަށް ފާސިގަކު ނުވަތަ އެމީހެއްގެ ބަސް ތެދުނުކުރެވޭފަދަ މީހަކު ޚަބަރެއް ހިފައިގެން އަތުވެއްޖެނަމަ ވެރިފައި ކުރާށޭ. އެހެންނޫނީ އޭގެ ސަަބަބުން އެއްވެސް ކަހަލަ ކުށެއްގައި ބައިވެރިނުވާ މީހަކަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ.
މިނިސްޓަރު އިމްރާން

ޚަބަރު ފެތުރުމުގެ ކުރިން އެއީ ތެދެއްތޯ ބަލައި ކަށަވަރުކުރުމަކީ ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެކަމަށް އިލްތިމާސް ކުރައްވާފައެވެ. މިއަދު އިފުތިތާހު ކުރެވުނު ކެމްޕޭން ކުރިއަށް އޮތް ހަތަރު މަސް ދުވަހަށް ކުރިއަށް ގެންދާނެ ކަމަށާއި މީގެ ސަބަބުން ޚަބަރާއި މައުލޫމާތު ފެތުރުމުގައި ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން މި ކެމްޕޭން ކުރިއަށް ގެންދަނީ ބައިސްކޯފް މޯލްޑިވްސްއާ ގުޅިގެންނެވެ. އަދި ކެމްޕޭނުގެ ދަށުން މަސައްކަތް ކުރުމަށް މީޑިއާ ދާއިރާގެ 7 ބޭފުޅުން ވަނީ އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅާފައެވެ.

"ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" މި ކެމްޕޭން ކުރިއަށްގެންދަން ނިންމާފައިވަނީ މި ނޮވެމްބަރު މަހުގެ 4 އިން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. ކެމްޕޭނުގެ މަގުސަދަކީ ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާމެދު ހޭލުންތެރިކުރުވައި އެކަމަށް ބާރުއެޅުމެވެ. އެގޮތުން މީސް މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ހޭލުންތެރިކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.