ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ގައުމީ ޓީމާ އަލަށް ގުޅުން ކުޅުންތެރިންނާއެކު ރަނގަޅު ޓީމެއް ބިނާކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފިއެވެ.

ކޮލިފައިންގައި މިމަހު މާލޭގައި ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު އަންނަނީ މެލޭޝިއާގައި ކޭމްޕް ކުރަމުންނެވެ. މިފަހަރުގެ ޓީމާ އަލަށް ތިން ކުޅުންތެރިއަކު ވަނީ ގުޅިފައެވެ. އެއީ ގޯލްކީޕަރު ތޮލާލްގެ އިތުރުން ކްލަބު އީގަލްސްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

ޗައިނާ އާއި ސީރިއާ އާ ދެކޮޅަށް ކުޅުނު މެޗަށް ސެންޓޭ އާއި ރިޒޭ ނަގާފައި ނުވަނީ ގުއާމާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ގައުމީ ޓީމާއެކު އަމިއްލަ ސަބަބެއްގައި ނުދިޔުމުގެ ސަބަބުންނެވެ. އެ މައްސަލައިގައި އެ ދެ ކުޅުންތެރިން ޖޫރިމަނާކުރިއިރު، ދާދި ފަހުން އެ ދެ ކުޅުންތެރިން ވަނީ އެކަމަށް މައާފަށް އެދިފައެވެ.

މެލޭޝިއާގައި ކުރިއަށްދާ ތަމްރީނުތަކުގެ ތެރެއިން ކޯޗު ބުނީ މެލޭޝިއާގައި ކުރިއަށްދާ ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ފިލިޕީންސް މެޗަށް ރަނގަޅު ޓީމެއް ބިނާކުރުން ކަމަށެވެ. އަދި ސެންޓޭ އާއި ރިޒޭ އަކީ އަވަސް ކުޅުންތެރިންތަކެއް ކަމުން، ރަނގަޅު ޕްރެސިން ގޭމަކަށް ޓީމު ތައްޔާރު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޯޗު ބުނީ އެންމެ ފަހުން ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް، ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ބޭނުމަކީ އަމިއްލަ ދަނޑުގައި އެ ކުޅުން ތަކުރާރުކޮށް ފިލިޕީންސް އާއި ގުއާމް ބަލިކުރުން ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ފޯރި އަލުން ނެގުމަށްޓަކައި މި ދެ މެޗު ވަރަށް މުހިންމު ކަމަށާއި، އެހެންކަމުން އެކަމަށް ވަރަށް ރަނގަޅަށް ޓީމު ތައްޔާރުވާނެ ކަމަށްވެސް ބުންޏެވެ.

މެލޭޝިއާގައި ކުރިއަށްދާ ކޭމްޕަށްފަހު ޓީމު އެނބުރި މާލެ އަންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ޕިލިޕީންސްއާ ދެކޮޅަށް ކުޅޭއިރު، 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭނެއެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ހަތަރުވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބި އެވެ.