ގްރީސްގެ އުތުރުން ޓްރަކަކަށް ލައިގެންގެންދިޔަ 41 ހިޖުރަވެރިން ފެނިއްޖެއެވެ.

ގްރީސްގެ ފުލުހުން އަތުލައިގަތް މި ޓްރަކަކީ ފިނިކޮށްގެން އެއްތަނުން އަނެއްތަނަށް މުދާ އުފުލަން ބޭނުންކުރާ ޓްރަކެއް ކަމަށް ވެއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުންވަނީ ޓްރަކް ދުއްވަން އިން ޑްރައިވަރު ހައްޔަރު ކޮށްފައެވެ.

މި ޓްރަކުން ފެނުނީ އަފްޣާނިސްތާން ނަސްލުގެ މީހުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެމީހުން ތިބީ ހެޔޮ ހާލުގައި ކަމަށްވެސް ބުނެފައި ވެއެވެ.

ޓްރަކުން ފެނުނު މީހުންގެ ތެރެއިން ހަތްމީހަކަށް ހޮސްޕިޓަލުން ފަރސްޓްއެއިޑް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް، ފަރސްޓްއެއިޑް ދިނީ ކޮން ކަމަކަށް ކަމެއް ނުބުނެއެވެ.

"ޓްރަކްގައި ތިބީ ފިރިހެނުންނާއި، ފިރިހެންކުދިން. އެއީ ކޮން ގައުމެއްގެ ރަށްވެހިންކަން ދެނެގަތުމަށް ދެތިންދުވަސް ނަގާނެ"
ގްރީސް ފުލުހުން

ހިޖުރަވެރިން އަރުވައިގެން ދަތުރުކުރި މި ޓްރަކް ފުލުހުން ހުއްޓުވާފައިވަނީ ގްރީސްގެ ޒަންތީއާއި ކޮމޯޓިނީ އަވަށާ ދެމެދު އޮންނަ އިނާޝިއާ ހައިވޭއިންނެވެ.

މި ޓްރަކް ދުއްވަން އިނީ ޖޯޖިއާގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެއެވެ.

41 ހިޖުރަވެރިން ޓްރަކަކަށް ލައި ފޮރުވައިގެން ދަތުރުކުރަނިކޮށް ގްރީސްއިން މިއަދު އަތުލައިގަތް އިރު، ލޮރީއަކަށްލައި ފޮރުވައިގެން ގެންދިޔަ 31 ހިޖުރަވެރިޔަކު ފަރަންސޭސިވިލާތުގެ ދެކުނުގެ ހިސާބަކުން ދަތުރުކޮށްފައިދަނިކޮށް އިއްޔެވަނީ އަތުލައިގެންފައެވެ. އެ އެންމެންނަކީވެސް ޕާކިސްތާނުގެ ރައްޔިތުން ކަމަށް ފަރަންސޭސި ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދީފައި ވެއެވެ. ލޮރީ ދުއްވަން އިނީވެސް ޕާކިސްތާނު ރައްޔިތެކެވެ.

މީގެ ދެހަފްތާކުރިން، އިނގިރޭސިވިލާތުން ޓްރަކެއްގެ ތެރެއިން މަރުވެ ގަނޑުވެފައިވާ 39 ހިޖުރަވެރިއެއްގެ ހަށިގަނޑު ފެނިފައިވެއެވެ. އެއީ މުޅިންވެސް ޗައިނާ ރައްޔިތުންނެވެ. ޓްރަކް ދުއްވަން އިނީ ސްކޮޓްލޭންޑް މީހެކެވެ.

އޭޝިޔާގެ ގައުމުތަކުން އަހަރެއްގެ މައްޗަށް އެތައްހާސް ބަޔަކު ވަގަށް ޔޫރަޕަށް އެތެރެވުމަށް މަސައްކަތް ކުރެއެވެ. އަދި އިންސާނީ ވަގުފާރީގެ ތެރެއިންވެސް މީހުން ޔޫރަޕަށް ގެންދެވެއެވެ. މިކަމުގެ ތެރޭގައި އެތައްހާސް ބައެއްގެ ފުރާނަ ގެއްލެމުންވެސް ދެއެވެ.