ކުރީގެ ރައީސް ޔާމިން މިއަދު ފުލުހަށް ހާޒިރުކުރި ކުރުމަކީ ސިޔާސީގޮތުން ބަޔަކު ހިތްހަމަޖައްސައިދީ ރުއްސުމަށްޓަކައި ކުރި ކަމެއްކަމަށް ރައީސްޔާމީންގެ ޤާނޫނީ ޓީމުން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަޙްގީގަށް ފުލުސް އޮފީހަށް ރައީސް ޔާމީން ހާޒިރު ކޮށްފައިވަނީ މިއަދު މެންދުރު 14:00 އަށެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ވުމަށްފަހު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރަށްވަމުން ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، ޔާމީންގެ މައްސަލަ ކޯޓުން ބެލުމަށްފަހު މާދަމާ ހުކުމް އިއްވުމަަށް ނިންމާފައިވާއިރު ފުލުހަށް ހާޒިރުކޮށް އެ މައްސަލައާއި ގުޅިގެން ސުވާލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންނެވެ.

އެހެންނަމަވެސް މިއީ ފުލުހުންގެ އިދާރާއަށް ސިޔާސީ ނުފޫޒު ފޯރުވުން ކަމަށާއި، ފުލުހުން ރައީސް ޔާމިން ހާޒިރުކުރީ ސިޔާސީ ވަކިބަޔަކު ހިތްރުއްސާދިނުމަށް ކަމަށާއި މިއީ މާނައެއް އޮވެގެން ކުރިކަމެއް ނޫން ކަމަށެވެ.

އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު ކުރިޔަށް މިގެންދާ ކަންތައް ކުރިޔަށް މިގެންދަނީކީ ދިވެހި ރާއްޖެއިން ކަނޑައެޅިފައިވާ ޑިއު ޕްރޮސަސްގެ ތެރެއިން ކަމަކަށް. މާދަމާ ޝަރީއަތެއް ނިމެންދާއިރުގަ މިއަދު ކުއްލިޔަކަށް ފުލުހަށް ގެނެސް ކަންތައްތަކަކާ އަދި މަޢުލީ ގޮތެއްގަ އެއްމައްސައަކާ ގުޅޭގޮތުން ސުވާލުކުރުމަކީ ހަގީގަތުގައި ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގާނޫނު އަސާސީވެސް ތަންދޭކަމެއް ނޫންކަމަށްވާތީ އެކަމާ ވަރަށް ކަންބޮޑުވަން. އަޅުގަނޑަށް ގަބޫލް ކުރެވެނީ މިއަދު ރައިސް ޔާމީން ފުލުހަށް ހާޒިރު ކުރިކުރުމަކީ ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު ހިތްހަމަޖައްސާ ރުއްސުމަށް ޓަކައި ކުރި ކަމެއް
ޑރ މުހައްމަދު ޖަމީލް އަޙްމަދު

ޖަމީލް ވިދާޅުވީ މިއަދު ސުވާލު ކުރެވުނީ މިހާރު ކޯޓުގައި ކުރިޔަށްގެންގޮސް ހުކުމް އިއްވުމާއި ހަމަޔަށް ގޮސްފައި އޮތް މައްސަލައިގައި ހުރި ކަންކަމަށް ކަމަށާއި އެެހެންކަމުން މިކަން ސިފަކުރަނީ އެއްކަމަކަށް ދެފަހަރު ތަހްގީގުކުރުން ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް ޝަރީއަތް ހިންގައި ހުކުމްއިއްވަން ތައްޔާރުވެފައިވަނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއްމިލިއަން ޑޮލަރު އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް، އެފައިސާ އޭސީސީގެ އެސްކްރޯ އެކައުންޓަކަށް ޖަމާކުރަން އެންގުމުން، އެހެން އެއްމިލިއަން ޑޮލަރެއް އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ.