މާލޭގެ ފަސްވަނަ އަވަށް ކަމަށްވާ ވިލިމާލޭގައި ޤާއިމުވެފައި ތިބި މުއައްސަސާތަކުގެ މެދުގައި ކުރިޔަށްގެންދާ "ވިލި މުއައްސަސާ ކަޕް 2019" ގެ ޕާޓްނަރަކަށް ވީސްޕޯޓްސް ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވީޓީވީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވިލި މުއައްސަސާ ކަޕުގެ ފަރާތުން ސޮއިކުރެއްވީ މުބާރާތް އިންތިޒާމުކުރާ އެމްޓީސީސީގެ ވިލިމާލެ ފެރީ ޔުނިޓުގެ ފަރާތުން މުބާރާތުގެ އޮގަނައިޒިން ކޮމެޓީގެ މެމްބަރު އަމާން މުހައްމަދެވެ. ވީސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އިސްމާއީލް ޝާހު އެވެ.

މި އެއްބަސްވުމުގެ ދަށުން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު ވީސްޕޯޓްސް މެދުވެރިކޮށް ވަގުތުން ގެނެސްދޭނެ އެވެ. އެގޮތުން ވީސްޕޯޓްސް ފޭސްބުކް ޕޭޖު މެދުވެރިކޮށް ވަގުތުން ފެނުމުގެ އިތުރަށް، ވީނިއުސް އޮންލައިންގެ ވީޑިއޯ އޮން ޑިމާންޓް ޕްލެޓްފޯމް މެދުވެރިކޮށް މެޗު ފެންނާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ވީ ފޮޓޯ: ޝުރާއު

މިއަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމެއް ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ވިލިމާލެ ޕޮލިސް، އެމްޑަބްލިއުއެސްސީ، ވިލިޖޯލި އަދި އެމްއާރްސީސީ ކޯސްޓްގާޑްއެވެ. ގްރޫޕް ބީގައި ހިމެނެނީ މޯލްޑިވްސް ގޭސް، ކްލަބް ވެމްކޯ، ސްޓެލްކޯ އަދި ކްލަބް އެމްޓީސީސީއެވެ.

ސޮއިކުރުމަށްފަހު ވާހަކަދައްކަމުން މުބާރާތުގެ ކޮމިޓީ މެމްބަރު ފާތިމަތު ރިޝްފާ ބުނީ މި މުބާރާތް އިންތިޒާމުކުރުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ކަނބަލުން ކަމަށާއި މިއީ ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މިއަހަރުގެ މުބާރާތަކީ ކާމިޔާބު މުބާރާތެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށްވެސް ރިޝްފާ ބުންޏެވެ.

މުބާރާތުގެ އޮގަނައިޒިން ކޮމެޓީގެ ފަރާތުން ރިޝްފާ -- ވީ ފޮޓޯ: ޝުރާއު

މުބާރާތުގެ ފުރަތަމަ މެޗުގައި މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ ވިލިމާލެ ޕޮލިސް އާއި އެމްޑަބްލިއުއެސްސީގެ ޓީމެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ މޯލްޑިވްސް ގޭސް އާއި ކްލަބް ވެމްކޯ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17ގައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ 15000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 5000 ރުފިޔާއެވެ. މީގެއިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމާއި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އިތުރުން ކޮންމެ މެޗެއްގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނެއެވެ.

މިއީ ވިލި މުއައްސަސާ ކަޕް ބާއްވާ ތިންވަނަ އަހަރެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިލިމާލޭ ކުޑަކުދިންގެ ހިޔާ އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެމްޓީސީސީ ބަލިކޮށްގެންނެވެ. އެންމެ ފުރަތަމަ 2017 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައިވަނީ މޯލްޑިވް ގޭސް އެވެ.

ވިލި މުއައްސަސާ ކަޕްގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މީޑިއާ ޕާޓްނަރަކީ ވަންއޮންލައިން އެވެ. އޮންލައިން މީޑިޔާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. ސަޕޯޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާޑަން ބްރީޒެވެ. މުބާރާތުގެ އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބިދަބިންއެވެ. އެ މުބާރާތުގެ އޮފިޝަލް އިވެންޓްސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އިމޭޖަސް އެވެ. އަދި ބެވަރޭޖް ޕާޓްރަނަކީ ކޮކާކޯލާ އެވެ.