ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސްޕެއިންގެ ފުޓުބޯޅަ ކްލަބް ސެލްޓަ ވީގޯއާއެކު އެއްބްސްވުމެއްގައި ސޮއިކޮށްފި އެވެ.

ސްޕެއިންގެ، ވީގޯގައި ހުންނަ ސެލްޓާގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ސެލްޓަ ވީގޯގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބުގެ ރައީސް ކާލޯސް މޮއުރީނިއޯ އެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެ ހަރަދު ކުރާނެއެވެ.

އަހަރުން އަހަރަށް ބަދަލު ގެނެވޭގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީއާއި ސްޓޭޑިއަމްގައި ރާއްޖޭ އިޝްތިހާރު ކުރާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސްޕެއިންއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ އިތުރުވާނެ ކަމަށެވެ. ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ ސްލެޓަ ވީގޯއާއެކުއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ދުރު މުސްތަގުބަލަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖެ އެހެން ހަރުފަތަކަށް ގެންދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން މުއްސަގުބަލުގައި ގައުމީ ޓީމުގެ ސިލެކްޝަނެއް ގާއިމްކޮށް މިހާރު އުމުރުން 13 އަހަރުގެ ކުދިންނާއެކު ފުޓުބޯޅައިގެ އާޖީލެއް ބިނާކުރެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖެ އާއި ސެލްޓަ ވީގޯއާއެކުވީ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ސްޕެއިނަށް ގޮސް އެ ކްލަބުތަކުގެ ޓްރެއިނިން ފެސިލިޓީސްތައް ބޭނުން ކުރެވޭނެ މަގު ފަހިވެގެން ދާނެއެވެ.

އަދި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާއި ކޯޗުން ތަމްރީން ކުރުމާއި ސެލްޓާގެ އެކަޑަމީގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންވާ ކުޅުންތެރިން ތިބެ ތަމްރީންވުމުގެ ފުރުސަތުވެސް ފަހިކޮށްދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިޝްތިހާރާއެކު ސެލްޓަ ވީގޯއިން ފުރަތަމަ ކުޅޭނީ ލަލިގާ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެކޮޅަށެވެ. މިމަހުގެ 10 ވަނަ ދުވަހު އެ މެޗު ކުޅޭނީ ބާސެލޯނާގެ ކޭމްޕް ނޫ ދަނޑުގައެވެ.