ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާ ސިންތެޓިކް ޓްރެކް ޑިޒައިންކޮށް ކުރެހުމަށް ހެކްޒާ ކޮމްޕެނީ ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހުމަދު މަހުލޫފެވެ. ހެކްޒާ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ރަޝީދު އެވެ.

މި އެއްބަސްވުމުގެ ދަށުން 14 ދުވަހުގެ ތެރޭގައި ސިންތެޓިކް ޓްރެކް ކުރެހުމާއި ޑިޒައިންކުރުމަށްފަހު ހުށައަޅަންޖެހޭނެ އެވެ. މިއީ މިހާތަނަށް ސިންތެޓިކް ޓްރެކެއް ކުރެހުމަށް ދިވެހި ކުންފުންޏަކާއި ހަވާލުކުރި ފުރަތަމަ ފަހަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ހެދުމަށް ހަވާލުވި ޗައިނާގެ ސިނޯ ހައިޑްރޯއާއި ހަވާލުކޮށްގެން 2016 ވަނަ އަހަރު ވަނީ ހުޅުމާލޭގައި ސިންތެޓިކް ޓްރެކެއް ހަދާފައެވެ. ނަމަވެސް އެ ސިންތެޓިކް ޓްރެކް ހަދާފައިވަނީ އެއްވެސް ޕްލޭނެއް ނެތިއެވެ. އެގޮތުން ސިންތެޓިކް ޓްރެކް ހަލާކުވުމާއި ޓްރެކުގެ ސައިޒުގައި މައްސަލަތަކެއް އުޅެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެކަން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދީފައެވެ.

ސޮއިކުރުމަށްފަހު ވާހަކަދައްކަމުން މިނިސްޓަރ މަހުލޫފު ވިދާޅުވީ މީގެކުރިން ކުޅިވަރާއި ގުޅުންހުރި ވަސީލަތްތައް ޤާއިމުކޮށްފައިވަނީ އެއްވެސް ތަނެއް ޑިޒައިންކޮށްފައި ނެތް ކަމަށާއި ނަމަވެސް މިއަހަރު އެކަން ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ބެޑްމިންޓަން އާއި ވޮލީ ކޯޓެއް ކުރެހުމަށް ބަޔަކާއި ހަވާުލުކޮށްފައިވާ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޓެންޑާ ބޯޑަށް ހުށައެޅުން ކަމަށާއި އެންމެ ފުރަތަމަ ސިންތެޓިކް ޓްރެކް އެޅުމަށް ނިންމާފައިވާ ރަށަކީ ސ. ހިތަދޫ ކަމަށެވެ. އަދި އެއަށްފަހު ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ނިންމާފައިވާކަމަށް މަހުލޫފު ވިދާޅުވިއެވެ.