މިހާރު ދިމާވެފައިވާ ރާއްޖޭގެ ވޮލީބޯޅައިގެ މައްސަލަތަކާ ދޭތެރޭ ވިސްނުމުގެ ބަދަލުގައި، ވިސްނުންހުރީ މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދުމަށް ކަަމަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފިއެވެ.

ބަންގްލަދޭޝްގައި މި މަހުގެ 9 އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމު ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ ވޮލީބޯޅައިގެ ހާލަތު އޮތީ ގޯސްކޮށެވެ. އެ ގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭވީސީގެ ރައީސް ސޮއިކުރައްވައި ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރާއްޖޭގެ ވޮލީބޯޅައަށް ސްޕޯޓްސް ކޮމިޝަނުން އެކުލަވާލައިފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީން ނިންމާފަވާތީ އެހެންކަމުން އޭވީސީއާ ގުޅޭ މުބާރާތެއްގައި އެ ކޮމިޓީއާ މުއާމަލާތް ކުރެވިގެންނުވާނެ ކަމަށާއި އޭގެ ބަދަލު މުއާމަލާތް ކުރަންވާނީ މުހައްމަދު ލަތީފްއާ ކަމަށެވެ. އެކަމަކު ދާދި ފަހުން ބޭއްވި ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައި ވަނީ ވީއޭއެމްގެ ރައީސް ކަމުން ލަތީފް ބޭރުކޮށްފައެވެ.

ބޭބެގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން މި މުބާރާތަށް ތައްޔާރުވަމުން އަންނައިރު، ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ލަތީފް ފޮނުވި ޓީމު ލިސްޓުގައި ކޯޗަކަށް ހަމަޖައްސާފައިވަނީ ކޯޗު އަހުމަދު ސުނާން އެވެ. މިއަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ޓީމުގެ ކޯޗަކަށް އިބްރާހީމް ރަޝީދު (ސަތޯ) ހުރިއިރު، ސުނާން އޭރު ހުރީ އެސިސްޓަންޓް ކޯޗުގެ ގޮތުގައެވެ.

އެކަމަކު ބޭބެގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން މިހާރުވެސް ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، މި ފަރިތަކުރުންތަކުގައި ގައުމީ ފިރިހެން ޓީމަށް ދާދި ފަހުން ހަމަޖެއްސި ސާބިއާގެ ކޯޗާއި ޓްރެއިނަރުވެސް އަންނަނީ ބައިވެރިވަމުންނެވެ.

ވީސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބޭބެ ބުނީ އޭނާ މަސައްކަތް ކުރަމުންދަނީ މިހާރު އޮތް ވޮލީގެ ހާލަތާ ދޭތެރޭ ވިސްނުމުގެ ބަދަލު މުބާރާތާ ދޭތެރޭ ކަމަށެވެ. އަދި އެގޮތަށް ކުޅުންތެރިންނަށްވެސް ނަސޭހަތްދެމުން އަންނަ ކަމަށާއި، ބޭނުމަކީ މި މުބާރާތުން ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުން ކަމަށެވެ. ބޭބެ ބުނީ މިފަހަރުގެ މުބާރާތާ ޓީމުން ކުރިމަތިލާނީ ފައިނަލަށް ދަތުރުކޮށް މެޑެއްޔެއް ހޯދުމަށް ކަމަށާއި، މިހާތަނަށް ކުރިއަށްދިޔަ ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށެވެ.

ބަންގްލަދޭޝްގައި އޮންނަ އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި މިފަހަރު 5 ގައުމަކުން ވާދަކުރާނެއެވެ. އެއީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ނޭޕާލާއި ކިރްގިސްތާނުގެ އިތުރުން އަފްޣާނިސްތާނެވެ.