- ފޮޓޯ ވައިބަރ ގްރޫޕަށްލީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހުރިކަން އެނގުމުން
- ރައީސް ސާލިހާއި މަޖިލީހުގެ ރައީސްގެ ކުރެހުން ހުރިކަމެއް ނޭނގޭ
- ރައީސާއި، މަޖިލީހުގެ ރައީސާއި ރައްޔިތުންގެ ކިބައިން މައާފަށް އެދެން
- އެއްވެސް ފަރާތަކަށް ނާޖާއިޒް މަންފާއެއް ހޯދައިދިނުމުގައި ބައިވެރިއެއް ނުވަން - ހައިލަމް
3 ނޮވެމްބަރު 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބަރ ގްރޫޕެއްގައި ނަސްރުގެ ދުވަހުގެ ތަހުހިޔާ ކިޔުމުގެގޮތުން ފޮޓޯއެއް ލާފައިވަނީ އެ ފޮޓޯގައި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހުރިކަން އެނގިވަޑައިގަތުމުން ދެން އެ ފޮޓޯގައި ތިބި ފަރާތްތަކަކީ ކޮންބައެއްތޯ ބެއްލެވުމަކާ ނުލައި ކަމަށް، ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
"ކްރިމިނަލް ކޯޓުގެ އިސް ގާޟީ" ޖަހާފައިވާ ލެޓަރހެޑެއްގައި ލިއުއްވައި ގާޟީ އަހްމަދު ހައިލަމް ހޯމަދުވަހުގެރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު އެ ފޮޓޯ ޝެއަރކުރެއްވި ވައިބަރ ގްރޫޕަކީ، ކްރިމިނަލް ކޯޓުގެ މުވައްޒަފުން އިޖުތިމާއީ ކަންކަމުގައި މަޝްވަރާ ކުރުމަށާއި، ޚިޔާލު ބަދަލުކުރުމުގެ ގޮތުން ހަދާފައިވާ ވައިބަރ ގްރޫޕެއް ކަމަށެވެ.
އެހެން ނަމަވެސް، އެ ފޮޓޯ ވައިބަރ ގްރޫޕަށް ލެއްވިއިރު އެ ފޮޓޯގައިވާ ކުރެހުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުއަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގިފައި ނުވާކަމަށްވެސް ގާޟީ ހައިލަމް ވިދާޅުވެފައި ވެއެވެ.
ފޮޓޯ ޝެއަރކުރެއްވި ވައިބަރ ގްރޫޕަކީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ޕްރައިވެޓް ގްރޫޕެއްނަމަވެސް، އެފޮޓޯ ޝެއަރ ކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެގޮތުން ކަމަށްބުނެ ސިޔާސީ ބައެއް ފަރާތްތައް، ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެމަނިކުފާނު ބައްލަވަމުން ގެންދަވާ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ މައްސަލާގައި ރިޝްވަތު ނަންގާފައިވާ ކަމަށް ތުހުމަތުކޮށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކާފައިވާކަން، ގާޟީ ހައިލަމްގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.
ގާޟީ ހައިލަމް މިފަދައިން ބަޔާނެއް މި ނެރުއްވީ، ނަސްރުގެ ދުވަހު ވައިބަރ ގްރޫޕެއްގައި ޝެއަރކުރެއްވި އެ ފޮޓޯ ލީކުވެ، މައްސަލަ ހޫނުވެ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގާޟީ ހައިލަމްގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމާފައި ވަނިކޮށެވެ. މައުލޫމާތު ލިބޭގޮތުގައި، މިމައްސަލާގައި ގާޟީ ހައިލަމް އަންގާރަ ދުވަހު ހެނދުނު ޖޭއެސްސީއަށް ހާޟިރުވުމަށްވެސް މިހާރުވަނީ އަންގާފައެވެ.
ގާޟީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީއަށް އަންގާރަ ދުވަހު ހާޟިރުކުރާއިރު، ގާޟީ ހައިލަމް ބައްލަވަމުން ގެންދެވި ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލީސް ތާވަލް ކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށެވެ.
ހޯމަދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާޟީ ހައިލަމް ޝެއަރކުރެއްވި ފޮޓޯގެ މައްސަލަ ހޫނުވެ، މަޖިލީސް ކުރިއަށް ގެންދިއުމަށް ހުރަސްވެސް އެޅުނެވެ. މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ސަރުކާރަށް ނިސްބަތްވާ މެމްބަރަކުވަނީ "ރައީސް ޔާމީނަށް ހުކުމް ނުޖެހުމަށް ގާޟީ ހައިލަމް ރިޝްވަތުގެ ގޮތުގައި ދެމިލިއަން ޑޮލަރު ނަންގަވާފައިވާ" ކަމަށެވެ. ނަމަވެސް، ހައިލަމް ނެރުއްވި ބަޔާނުގައި އެ ވާހަކަތައް ދޮގުކުރައްވާފައި ވެއެވެ.