ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޝަރީއަތަށް ނުފޫޒު ފޯރުވަމުންދާ ކަމަށްބުނެ މަޖިލީހުގައި އިހުތިޖާޖުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް ކުރުމުގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތް މިނިސްޓަރ އަބުދުﷲ އަމީން އާއި ސުވާލުކުރެއްވުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ތެދުވެވަޑައިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އިހުތިޖާޖު ފައްޓަވާފައެވެ. ޝިޔާމް ވިދާޅުވަމުން ގެންދަވަނީ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުވަމުންދާކަމަށެވެ.

މެންބަރު ޝިޔާމް އަޑުގަދަކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ މަޖިލީހުގެ ރައީސް ޖޭއެސްސީ އަށް ވަޑައިގަންނަވަނީ ޤާނޫނުއަސާސީ އާއި އެއްގޮތަށް ކަމަށެވެ. އަދި ޖޭއެސްސީގައި މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވާކަން ނައިފަރު ދާއިރާގެ މެންބަރަށް އެނގިވަޑައި ނުގެންނެވުމަކީ ވަރަށް ލަދުވެތި ދެރަކަމެއް ކަމަށްވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވިއެވެ.

ނިޒާމާއި ބެހޭ މައްސަލައެއް ނަންގަވައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ، ހެނދުނު ހެނދުނާއި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައި ނުގެން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޖޭއެސްސީއަށް ވަޑައިގަންނަވާ ވީޑިއޯ އެއް ފެންނަ ކަމަށް ވިދާޅުވެ މައްސަލަ ޖައްސަވާފައެވެ.

މަޖިލީހުގައި އިދިކޮޅު ބައެއް މެންބަރުން މިއަދުވެސް އިހުތިޖާޖުކޮށްފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ހުކުމް ކުރުން ކްރިމިނަލް ކޯޓުގައި މިއަދު 13:00 ގައި ޝަރީޔަތް ބާއްވަން ވަނީ ތާވަލްކޮށްފައެވެ. ރައީސް ޔާމީންގެ ޝަރީއަތްތަކުގެ ގާޒީ އެއްގެ ގޮތުގައި އިންނަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހްމަދު ހައިލަމްއެވެ. ނަމަވެސް ނަޞްރުގެ ދުވަހާއި ގުޅިގެން ވައިބަރ ގުރޫޕަކަށް ހައިލަމް ފޮނުވި ކާޓޫނެއްގެ މައްސަލައެއް ބެލުމަށް ހައިލަމް މިއަދު ހެނދުނު ޖޭއެސްސީއަށް ހާޒިރުވުމަށް ހައިލަމް އަށް ވަނީ އަންގާފައެވެ.